09 ޖޫން 2016 - 08:12

ހީލްސަކީ ބޫޓުތަކުގެ ތެރެއިން ބަލައިލަން އެންމެ ރީތި ވައްތަރޭ ބުނެވިދާނެ އެވެ. އުސް އަދި ތުނި ކައްޓެއްލައިފަ ހުންނަ މި ބޫޓު ރީތި އެކި ސްޓައިލްތަކަށް ފަރުމާކޮށްފައި އެބަހުއްޓެވެ. އަންހެންވަންތަ މި ބޫޓަކީ އަރާލުމުން މީހާ އިތުރަށް ދިގުކަމަށް ދައްކާނެ އެވެ. ނަމަވެސް ބައެއް މީހުންނަށް ހީލް އަކީ ރީތި ބޫޓަކަށް ވިޔަސް އަރާލަން ކަމުދާ އެއްޗަކަށް ނުވެ އެވެ. ތުނި ކައްޓެއްގެ މަތީގައި މީހާގެ ހަށިގަނޑުގެ ބަރުދަން ހަމައަށް ބަހައްޓައިގެން ހިނގުމަކީ އަހުވައެކޭވެސް ބައެއް މީހުން ބުނުން އެކަށީގެންވެ އެވެ. އާއްމުކޮށް ހީލްސް އަށް ނާރާ މީހަކު އެއަށް އެރުމުން ފައިގެ ފުންނާބުގައި ރިއްސައި ފޮޅުލާނެ އެވެ.

ނަމަވެސް އެއާ ހޮސްޓެސް އެއް ނުވަތަ ހީލްސްއަށް އަރަން މަޖުބޫރު ވަޒީފާއެއްގައި މަސައްކަތްކުރާ މީހެއް ނަމަ ނުވަތަ މުނާސަބަތަކަށް ވެސް ހީލްސް އަށް އަރާލަން ބޭނުންވެއްޖެ ހިނދެއްގައި މި ކަންތައްތަކަށް ސަމާލުވުން މުހިއްމެވެ.

އަލަށް ހީލްސް އަކަށް އަރާ ނަމަ ފަށަން ވާނީ ފަސޭހަ ހީލެސް ލައިފަ ހުންނަ ބޫޓަކުންނެވެ. "ސްޓިލެޓޯ" ނުވަތަ ހިމަ ކައްޓެއް ލައިފަ ހުންނަ އުސް ބޫޓަކަށް ފުރަތަމަ ފަހަރަށް އެރުމުގެ ބަދަލުގައި ތިރި، ފުޅާ ނުވަތަ ކުޑަ ހީލެއް ލައިފައިވާ ބޫޓަކަށް އެރުން ބުއްދިވެރި އެވެ. "ކިޓްން" ހީލްސް އެއީ ކުޑަ ކައްޓެއް ލާފައި ހުންނަ ބޫޓެވެ. "ވެޖް'" އަކީ ފުޅާކޮށް މުޅި ފައިތިލައަށް ފެތުރިފައި ހުންނަ ހީލްސް ނުވަތަ "ޕްލެޓްފޯމް" ސްޓައިލަށް ހުންނަ ބޫޓެވެ. މިއީ އެމީހެއްގެ ބަރުދަން އެއްވަރަށް ބަހައްޓަން އެހީވެދޭ ހީލްސްގެ ވައްތަރެކެވެ. މިކަހަލަ ފަސޭހަ ހީލްސް އަކީ ކޮންމެ މީހަކަށް ވެސް އަރައިގެން ހިނގަން ފަސޭހަ ވައްތަރުތަކެކެވެ.
މިއީ ފަހަރެއްގައި އެހާ މުހިއްމު ކަމެއް ގޮތުގައި ނުފެނުން އެކަށީގެންވެ އެވެ. ނަމަވެސް، އުސް ކައްޓަކަށް އަރައިގެން ހަފުލާއެއްގައި މެހެމާނުންނާ ސަލާން ކުރާއިރު ނުވަތަ ކިޔުއެއްގައި ހުންނަންޖެހިއްޖެ ހާލަތެއްގައި ތިމާގެ ހަށިގަނޑުގެ ބަރުދަން ބެލެންސުކުރަން އެނގުން މުހިއްމެވެ. ފައިތިލައަށް ހާއްސަ ޔޯގާ ޓެކްނީކުގެ މާހިރެއް ކަމަށްވާ ޔަމުނާ ޒާކެ ބުނެފައިވާ ގޮތުގައި ހުއްޓިގެން ހުންނައިރު ފައި އެއް ދުރުމިނެއްގަ އަދި ހަށިގަނޑުގެ ބަރުދަން އެއްވަރަކަށް ބެހެއްޓުން މުހިންމެވެ. އަދި ފައިތިލައަށް ތަދުވެ އުނދަގޫވާ ނަމަ ހަށިގަނޑުގެ ބަރުދަން ފައިތިލައިގެ ބޭރަށް ގެންދޭވޭތޯ ބަލާށެވެ. މީގެ ސަބަބުން އެމީހެއްގެ ހަށިގަނޑު ވެސް ރީިތިކޮށް ސީދަލަށް ހުންނާނެއެވެ.
އުސް ބޫޓެއްގައި ހިނގަންވާނީ ފްލެޓް ނުވަތަ ތިރި ބޫޓެއްގައި ހިނގާ ގޮތަކަށް ނޫނެވެ. އަންހެންވަންތަ ބޫޓަކަށް އަރައިގެން ހިނގަންވާނީ ވެސް އަންހެންވަންތަ ކޮށެވެ. ފުރަތަމަ، ފުންނާބު ކުރިއަށް އެއަށް ފަހު ފައިގެ އިނގިލިތައް އަންނަގޮތަށް ހިނގުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ދޭ ނަސޭހަތެވެ.
އުސް ހީލް އަކަށް އަރައިގެން ހުންނައިރު ފައިތިލަ ސޮހި ފައިގެ އިނގިލިތަކުގައި ފޮޅު ނެގުން އެކަށީގެންވެ އެވެ. އެހެންވެ ބޫޓުގެ މަތީގައި "ސްޓްރެޕް" ނުވަތަ ވަދެއް ލާފައި ހުންނަ ނަމަ ފައިތިލަ ރަނގަޅަށް ބޫޓު ތެރޭގައި ހިފަހައްޓާދޭނެ އެވެ. "ސްޓްރެޕީ" ހީލެއް ނުވަތަ ގިނަ ވަދު ހުންނަ ހީލް އަކަށް އަރައިގެން ހުންނަން ފަސޭހަވާނެ އެވެ.
އަރައިގެން ހުރި ބޫޓު ބަދަލުކޮށްލެވޭ ހާލަތެއް ލިބޭ ނަމަ، އެހެން ބޫޓަކަށް ބަދަލުކޮށްލުން ބުއްދިވެރި އެވެ. އެކި ބޫޓުގައި ބާރުކުރާނީ ފައި ތިލައިގެ އެކި ތަންތަނަށެވެ. އެހެންކަމުން، ހީލަށް އަރައިގެން އުޅޭއިރު މާބޮޑަށް ތަދުވާ ނަމަ އެހެން ބޫޓަކަށް އަރާށެވެ.
ހީލް އަށް އަރައިގެން މުޅި ދުވަހު އުޅޭ ނަމަ ބޫޓު ބާލާފައި ފައި ރަނގަޅަށް ދަމާލާ ސްޓްރެޗްކޮށްލުމުން ފައިތިލައަށް ފަސޭހަވެ އަކުނިވަޔަށް ދެމުން ހުއްޓޭނެ އެވެ.