ރާއްޖެ މި އޮތީ ގާނޫނީ އަމުރު ނުހިންގޭ ހިސާބުގައި: ޔާމީން
ރާއްޖެ މި އޮތީ ގާނޫނީ އަމުރު ނުހިންގޭ ހިސާބުގައި: ޔާމީން

ރާއްޖެ މިހާރު މި އޮތީ ގާނޫނީ ބާރު ނުވަތަ ގާނޫނުގެ އަމުރު މައުރޫފް ނުހިންގޭ ހިސާބުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިރޭ ނ. މިލަދޫގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެހެން އެކަން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން ކަމަށާއި އެ ކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން އަބަދު މަގުމައްޗަށް ނުކުމެ އަޑުއުފުލުން ކަމަށެވެ.

ޔާމީންގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުގައި ކޮރަޕްޝަން ނެތީތޯ ސުވާލު އުފައްދަވައި އެންޓި ކޮރަޕްޝަން ކޮމިޝަން އޮތީ "ދެބަންދިހާރުވެފައި" ކަމަށް ވިދާޅުވެފަ އެވެ. އަދި އޮޑިޓާ ޖެނެރަލް "ދިގު ނިންޖަކުން ނިދަނީތޯ" ސުވާލުކުރައްވައި ފަނޑިޔާރުން ރައްޔިތުންނަށް މުހިންމު މައްސަލަތައް އަވަހަށް ނިންމަވާކަށް ނޫޅުއްވާކަމަށް ވިދާޅުވި އެވެ.

"ގާނޫނު އަސާސީ ލިޔެފައި ފުރިހަމަކޮށްފައި ބާއްވާ. އެކަމަކު ހަމަ އެ ކަންކަން ކުރާކަށް ބޭނުމެއް ނުވޭ. އެ ތަންފީޒުކުރަން ލައިފައި ތިބޭ މުއައްސަސާތަކުގައި ތިބި މީހުންގެ ބާރު ކެނޑިފައި،" ޔާމީން ވިދާޅުވި އެވެ.

"މިއަށްވުރެ ބޮޑަށް ކޮރަޕްޝަން ހިނގާ، މިއަށްވުރެ ބޮޑަށް ވައްކަންކުރި ސަރުކާރެއް މި ފަހުގެ ތާރީހެއްގައި ނޯންނާނެ ދިވެހިރާއްޖެއަކު،"

ޔާމީން ވިދާޅުވީ ހުރިހާ ރަށެއްގައި ވެސް ތަރައްގީ އާއި ބޭނުންވާ ކަންކަން ހުންނާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ކަމަކަށް ވުރެ ގައުމު މިއަދު ގައުމު އޮތް ހާލަތު އަޑު އަހަން ޖެހޭ ކަމަށެވެ. މިއަދު މަގުމަތީގައި ތިބެން ޖެހެނީ ގައުމުގެ ހައްގުގައި ކަމަށާއި ދީނުގެ އަސާސްތައް ގެއްލިގެން ދާތީ ކަމަށެވެ.

ޔާމީން ވިދާޅުވީ މިއަދު އިވުނު ވާހަކައަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި ވާހަކަ ކަމަށާއި އެއީ ތޮބީއީ މަރަކަށް ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އޭރު ކިހިނެއް ހެއްދެވީ. އޭރު މަރުވާ ކޮންމެ މީހަކީ ރައީސް މައުމޫން މަރައިލާ މީހެއް. އޭގެ ޒިންމާ އުފުލަން ޖެހޭ. އަދި އެ ކަމުގައި އެތައް ބަޔަކު އެއްވެ އެމްޑީޕީން އަޑުގަދަކުރަމުން ގެންދޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރައްޔިތުންނަށް ދައްކާ މިސާލު އެއްގޮތަކަށް ބޭނުންކުރަން ދަސްކުރަން ޖެހޭ ކަމަށެވެ. މިހާރު އެމްޑީޕީއަށް ވެރިކަން ލިބުމުން ސިފައިންނާއި ފުލުހުން ވެސް ރަނގަޅު ކަމަށާއި އަނިޔާކުރުން ވެސް ރަނގަޅު ކަމަށާއި އެއްވުން މަނާކަމަށް ވިދާޅުވި އެވެ.