30 އޮކްޓޯބަރ 2022 - 06:31

ބުދަ ދުވަހާ ގުޅޭ
"މީ ކޯޗެއް؟" ކޮތަޅު ނަގަމުން މުޖުތަބާ ބުންޏެވެ.
ނަޒްދާ ހީކުރީ މުޖުތަބާ ފެނުމުން ނަޒްދާއަށް ރުޅި ކޮންޓުރޯލު ނުކުރެވޭނެކަމަށެވެ. ނުވަތަ ކަރުނަ ނުހިފޭއްޓޭނެކަމަށެވެ. ބޭވަފާތެރިވެފައި އެ ކަން ސިއްރު ވެސް ކުރީމައެވެ. މުޖުތަބާ އުޅޭ ގޮތުން، ކަމެއްވީހެން ވެސް ހީނުވެއެވެ. އެހެނަސް ނަޒްދާ ގާތަކަށް ރުޅިއެއްނައެވެ. ނުވެސް ރޮވުނެވެ. ހިތަށްއެރިއެވެ. ތިލަފަތުގެ އެއްކޮޅުގައި މުޖުތަބާއަށް އޮތް ނަފުރަތަށް ވުރެ، އަނެއް ކޮޅުގައި އެހެން މީހަަކަށް އޮތް ލޯބި މާ ބޮޑުވީ ހެއްޔެވެ؟ އެންމެ އެކަނިވި ވަގުތު އެކުވެރިޔަކު ލިބުނީމައި ހަޔާތުގެ މިސްރާބު ބަދަލުވީ ހެއްޔެވެ؟ ކެތްކުރާނެ ހިތްވަރުލިބުނީ ހެއްޔެވެ؟ ސުވާލު އުފައްދަމުން، ދަރިފުޅު ގޮވައިގެން ނަޒްދާ އެތެރެއަށް ވަނެވެ. މުޖުތަބާ ސަމުސަލެއް ހިފައިގެން އައިސް ދަޅުގެ މަތި ހުޅުވިއެވެ. އޭރު ނަޒްދާ ބޫޓު އެތެރެއަށް ލައިފައި އަޒާން ގޮވައިގެން ކޮޓަރިއަށް ވަންނަނީއެވެ.
"ތެއްލި ބަނބުކެޔޮ!" އުފާވެރި ރާގެއްގައި މުޖުތަބާ ބުނެލި އަޑު އިވުނެވެ.
ރަށުން ނަޒްދާއަށް ހަދިޔާއެއް އަންނަންޏާ، ކުރީބައިގައި ގުޅާފައި ބުނެއެވެ. އެ ފަހަރަކު ނުބުނެއެވެ.
"ތުއްތަގެ ފަރާތުން.." އަޒާންގެ ކޮޓަރިއަށް ވަންނަމުން މުޖުތަބާ ބުންޏެވެ. "ނަޒްދާގެ ތުއްތައެއް ވެސް ހުރޭތަ؟ މަ ނުވެސް ދެނަހުރިން. ގުޅާފަ ބުނާތި ވަރަށް މީރޭ. ދެން ފަހަރަކުން ބޮޑު ދަޅެއް ނޫނީ ޑަބިޔަލެއް ފޮނުވައްޗޭ!"
ނަޒްދާ އެއްޗެއް ނުބުނެއެވެ. ކެތްތެރިކަމާ އެކު އަޒާންގެ އެއްޗެހި ބަދަލުކޮށް ނިންމައިލިއެވެ.
"ނަޒްދާ ތިހިރީ އަނގައިން ނުބުނަން ނަދުރެއް ބުނެގެންތަ؟" މުޖުތަބާ އެހިއެވެ.
"ނޫން!" ނަޒްދާ ޖަވާބުދިނެވެ.
"އާނ ދެން އަހަރެން މި ވަރަށް އަނގަތަޅާ އިރު ވެސް ޗުއްޕު ވެސް ނުބުނޭވިއްޔަ!" ދަޅު ހިފައިގެން އެނދުގައި އިށީންނަމުން މުޖުތަބާ ބުންޏެވެ. "އަހަންނާ ދިމާއަށް ނުބަލަން އުޅޭހެން ހީވަނީ. ދަރީގެ ކަންތަކުގަ ކިތަންމެ ބިޒީކޮށް އުޅުނަސް ފިރިމީހާޔާ ދޭތެރޭ ވެސް ވިސްނާލަންޖެހޭނެއްނު."
މުޖުތަބާ އެހެން ބުނީ ސަމާސައިގެ ރާގެއްގައިއެވެ. އެހެނަސް ނަޒްދާ އޭރު ހުރީ ވަރަށް ސީރިޔަސް މޫޑެއްގައެވެ. މުޖުތަބާއަށް ފަސްދީގެން ހުރުމުން މުޖުތަބާއަށް ނަޒްދާގެ މޫނު ނުފެނުނީއެވެ. ނަޒްދާ ހިތަށްއެރިއެވެ. އަހަންނަށް ވީ ގޮތެއް މި ވީ ފިރިމީހާޔާ ދޭތެރޭ ވިސްނާތީ ނޫން ހެއްޔެވެ؟
"މުޖޫ ވިސްނަނީ ކާކާ ދޭތެރޭ؟" މުޖުތަބާއަށް ނުވެސް ބަލާ ނަޒްދާ ބުންޏެވެ.
މުޖުތަބާ އެއްޗެއް ނުބުނުމުން ނަޒްދާ އެނބުރުނެވެ. މުޖުތަބާޔާ ހަތަރުކަޅި ހަމަކުރިއެވެ.
"ގޯސް އެއްޗެއްތަ މި ބުނެވުނީ؟" ނަޒްދާ ބުންޏެވެ. "އެއްފަހަރާ މާ ގިނައިން ތި ނުކައިބަލަ! ގޭސްވެދާނެ."
ތެޔޮގަނޑު ތެރެއަށް ރެހިތައް އަޅައިލުމާ އެކު، އަޑުކިޔައިފައި ތެޔޮތައް ކެކިގަތެވެ. މުޖުތަބާ ބޭނުންވީ ގަރުދިޔަބަތާއި ރެއްސެވެ. ބޭނުންވާ ހުރިހައި އެއްޗެއް ހުންނަނީ ގެއަށް ގެނެސް ހަމަކޮށްފައެވެ. ނަޒްދާގެ ކަމަކީ ބުނީމައި ބުނާ އެއްޗެއް ކެއްކުމެވެ. ކަން އޮންނަނީ އެހެންނެވެ. ހަމަ އެކަނި ތަފާތަކީ، ކައްކާ އެއްޗަށް ނަޒްދާ ދޭ ސަމާލުކަމެވެ. ރެހި ތެއްލަން ހުރި އިރު ނަޒްދާގެ ކަޅި ހުރީ ފޯނުގެ އިސްކިރީނަށެވެ. ފޯނު އޮތީ ކައިރީގައެވެ. އެ ދަނޑިވަޅުގައި "އޭނަ" ގުޅުން ކަނޑައިލައިފި ނަމަ، ނަޒްދާ މޮޔަވާނެއެވެ. އެހެނަސް، ކުޑަމިނުން ޝަކުވާކުރާނެ ހައްގެއް ވެސް ނަޒްދާއަކަށް ނެތެވެ. އަމިއްލައަށް ބުއި ބޮނޑިއަކަށްވީތީއެވެ. އޭނަޔާ ދިމާއަށް އެއްޗެހި ނުކިއި ނަމަ، ފޯނު ފުނޑުފުނޑުކޮށްނުލި ނަމަ، މެސެޖުތައް ފުލުފުލުގައި އައިސް ހުރީހެވެ.
ރޭގަނޑު ކައި ނިމިގެން ޓީވީބަލަންއިން އިރު ވެސް މުޖުތަބާ އަތަކުން ބަނބުކެޔޮދަޅު ދުލެއް ނުވެއެވެ. ދޭތެރެއަކުން ފޮއްޗެއް ކައިލައެވެ. ދަޅުގެ މަތި ނުވެސް ޖަހައެވެ. ފެންނަ މަންޒަރު ނުފެންނަކަމަށް ހަދައިގެން ނަޒްދާ އިނެވެ. މުޖުތަބާޔާ ދޭތެރޭ ނަޒްދާ ދެކޭ ގޮތް ކިހައި ވަރަކަށް ބަދަލުވިކަމެއް މުޖުތަބާއަކަށް ނުވެސް ވިސްނެއެވެ. ކުރިން ނަޒްދާ ސޯފާގައި އިންނަނީ މުޖުތަބާޔާ ޖެހިގެންކަމާއި، ނަޒްދާ ސަމާސާ ވެސް ކުރާކަން މުޖުތަބާ ހަނދާން ނެތް ކަހަލައެވެ. ދުރުގައި އިށީނދެލައިގެން އިން ނަޒްދާއަކަށް މުޖުތަބާގެ ސަމާލުކަމެއް ނެތެވެ.
"މީ މަ ބަނބުކެޔޮ ނުކާކަމަކީ،" ތެދުވަމުން މުޖުތަބާ ބުންޏެވެ. "މި އަންނަނީ ފާހާނަޔަށް ވަދެލާފަ. ދަޅު ހުސްކޮށްނުލާތި!"
މުޖުތަބާ ދިޔައެވެ. ބަނބުކޭލަކަށް ނަޒްދާގެ ޝައުގުވެރިކަމެއް ނެތެވެ. އެއަށް ވުރެ މާ ގިނަ ކަންތައް ނަޒްދާގެ ސިކުނޑީގައި އެ ވަގުތު ވެސް އެނބުރެއެވެ. ނަޒްދާ ހިތަށްއެރިއެވެ. އޭނަ ގުޅާފައި ހުރި އެކި ނަންބަރުތަކަށް ގުޅޭތޯ ބަލައިލަންވީ ހެއްޔެވެ؟ އެ ވިސްނުމުގައި ތެދުވެގެން ހިނގައިގަތް ވަގުތު، އަތުން ޖެހިފައި ބަނބުކެޔޮ ދަޅު ވެއްޓުނެވެ. ބަނބުކެޔޮތައް ބުރައިގެންދިޔައެވެ. ދަޅު އެތެރޭގައި ފަތްޖަހައިފައި އޮތް ކަރުދާސްކޮޅު ނަޒްދާއަށް ފެނުނީ އެ ވަގުތުއެވެ. ނަޒްދާ އެ ކަރުދާސްކޮޅު ބަލައިލިއެވެ.
"ރުޅިމަޑުވެގެން ގުޅާލަން ބޭނުންވެދާނެކަމަށް..." އެހެން ބުނެފައި ދެން އޮތީ ފޯނު ނަންބަރެކެވެ.
މުޖުތަބާއަށް އެ ކަރުދާސްކޮޅު ފެނުނު ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ނަޒްދާ ފުރަތަމަ ވެސް ހިތަށްއެރީ އެހެންނެވެ. އެކަމަކު އެއީ "އޭނަގެ" މިޒާޖެވެ. ކޮންމެ ކަމެއް ވެސް ކުރާނީ، އެހެން މީހުން ބިރުން ފިތްކަނޑައިގެންދާ ގޮތަކަށެވެ. ވަގުތުން އޭނައަށް ގުޅަން ނަޒްދާ ބޭނުންވިއެވެ. ފޯނު ނެގުނެވެ. ހިތަށްއެރިއެވެ. މާފަށްއެދެން ޖެހޭނެއެވެ. ދެން ހިތަށްއެރިއެވެ. އެހައި ކެތްމަދުވެފައި ހުރިކަން އޭނައަށް އެންގުން އެއީ ރަނގަޅުކަމެއް ހެއްޔެވެ؟ ވާހަކަދައްކާ ހިތުން މަރުވާ ވަރު ވެފައި ހުއްޓަސް އަދި ވެސް ކެތްކޮށްލާނީއެވެ. ރޭގަނޑު ހަތަރުދަމު ނަޒްދާ ކެތްކުރީއެވެ. މުޅި ދުނިޔެ ނިދި އިރު ވެސް ނަޒްދާ އޮތީ ހިތާ އަރާރުންވާން ހޭލައެވެ. ލޯބިވެވުނުކަމަށް އެއްބަސްވާކަށް ނަޒްދާ ބޭނުމެއް ނޫނެވެ.
ސުވާލުތައް ނަޒްދާ ވަށައި އެނބުރެނީއެވެ. ނަޒްދާ ނުގުޅައިފިއްޔާ އޭނަ ވެސް ދެނެއް ނުގުޅާނެ ހެއްޔެވެ؟ މެސެޖެއް ނުފޮނުވާނެ ހެއްޔެވެ؟ ގުޅޭނެ ނަންބަރެއް ނަޒްދާއަށް ލިބިއްޖެއެވެ. ގުޅަންވީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ މުޖުތަބާގެ އަންބަކަށްވެ ހުރެ ހިލޭފިރިހެނަކު ދެކެ ލޯބިވާ ވާހަކަ ބުނުމުން އެ މީހާއަށް އެ ދެވުނީ ކޮން މެސެޖެއް ހެއްޔެވެ؟ ނަޒްދާއަށް އޭނަ ކުރާނީ ކޮން އިތުބާރެއް ހެއްޔެވެ؟
"ނަޒްދާ!" މުޖުތަބާގެ އަޑުއިވުނެވެ.
ނަޒްދާ ކުޑަކޮށް ސިހިފައި ބަލައިލިއެވެ.
"އެނގޭތަ މިހާރު ކިތައް ސަމުސާ ހަކުރު އެޅިއްޖެކަން؟" މުޖުތަބާ އެހިއެވެ.
ނަޒްދާ ހުރީ މުޖުތަބާއަށް ސައިހަދާށެވެ. ވަގުތުން ސައިގެ ރަހަ ބަލައިލިއެވެ. ކަރުކަނޑައިގެން ނުދިޔައީ ކިރިޔާއެވެ. ވަގުތުން ސައިތަށި ސިންކަށް އޮއްސައިލައިފައި އަނެއް ތަށި ހަދަން ފެށިއެވެ. މުޖުތަބާގެ ކަމަކީ ހުނުމެވެ.
"މީނަ މިހާރު ރަނގަޅެއް ނޫން،" މުޖުތަބާ ބުންޏެވެ. "މުޅިން އެހެން ދުނިޔެއެއްގަ ތި އުޅެވެނީ އިނގޭ."
ނަޒްދާ އެއްޗެއް ނުބުނެއެވެ. އެކަމަކު މުޖުތަބާ ކުރި ކަމަކުން ނަޒްދާގެ ދުނިޔެ އެފުށްމިފުށަށްޖެހިއްޖެއެވެ. ފިރިމީހާ މަތިން ފޫހިވެ، އިތުބާރު ގެއްލިއްޖެއެވެ. އަރިއަޅާލައިގެން ވެއްޓެން ދަނިކޮށް ނަޒްދާގެ އަތުގައި ހިފީ ނަން ނޭނގޭ، ނުދަންނަ މީހެކެވެ. ދުނިޔެއިން މޮޔަ ނުވެ، ހަމަހޭގައި ނަޒްދާއަށް ހުރެވުމުގެ ސިއްރަކީ އެއީއެވެ.
ސައިކަލަށް ޕެޓުރޯލުއަޅަން އައި ކޮންމެ މީހެއްގެ މޫނަށް ނަޒްދާ ބެލިއެވެ. ބޭނުންވި މީހާއެއް ނައެވެ. ފޮތްފިހާރައިގައި، ކުރީ ދުވަހު އޭނަ ދިމާވި ތަނުގައި ނަޒްދާ މަޑުކޮށްލައިގެން ހުއްޓެވެ. ފޯނުކޮށްލަން އިންތިހާއަށް ބޭނުންވެފައެވެ.
"އަޅެ ގުޅާބަލަ! ޕްލީޒް!" ނަޒްދާ ހިތާހިތުން ބުނެލިއެވެ.
އެ ވަގުތު ފޯނު ރަނގަބީލުވާން ފެށިއެވެ. ނަންބަރު ނުވެސް ބަލައި ނަޒްދާ ފޯނު ނެގިއެވެ.
"ހަލޯ!" ނަޒްދާ ބުންޏެވެ.
ޖަވާބެއް ނައެވެ. ނަޒްދާގެ ހިތް ބުންޏެވެ. އެއީ އޭނައެވެ. ޔަގީން ކަށަވަރެވެ.
"ރުޅިއައިއްސަތަ؟" ނަޒްދާ އެހިއެވެ. "ސޮރީ! ވީ ގޮތަކީ.."
"މާފުކުރާނީ ކޮފީއަކުން." އޭނަ ބުންޏެވެ.
އޭނަ ރުޅިނާންނަކަން އެނގުމުން ނަޒްދާ ވަރަށް އުފާވިއެވެ.
"ބުންޏަސް އަޑުނީވޭނެކަން އެނގޭ، އެކަމަކު އަނެއްކާ ވެސް ބުނެލާނަން،" ނަޒްދާ ބުންޏެވެ. "އަހަރެން އުޅެނީ މީހަކާ އިނދެގެން."
"އަނބިންނަށް ވެސް ކޮފީ ހުއްދައެއްނު!" އޭނަ ކުރެއްނުކުރިއެވެ. "ނަޔަސް ޝަކުވާއެއް ނުކުރާނަން. އެކަމަކު މާފެއް ވެސް ނުކުރާނަން. ނަޒްދާ ގޮތެއް ނިންމާ!"
މެންދުރުފަހުގެ ވަގުތެވެ. ތަނަކީ، މިރާޖް ގްރޭންޑްއެވެ. މާލޭގައި ހުންނަ ފަސް ތަރީގެ އެންމެ އުސް ހޮޓަލެވެ. ހޮޓަލުގެ އެންމެ މަތީގައި ތިބެފައި ބަލައިލާ އިރު، މާލެ ވަށައިގެން ފެނެއެވެ. އެއީ ސާޅީސް ފަސް މޭޒުގެ ޖާގައިގެ ހާމަފެންޑާއެކެވެ. ހުރިހައި މޭޒެއްގައި ހުރީ "ރިޒާވް" ޖަހައިފައެވެ. އެންމެ މޭޒެއް ފިޔަވައެވެ. ސައި ތައްޔާރުކޮށްފައި ހުރީ އެ މޭޒުގައެވެ. އެ މޭޒު ކައިރީގައި އިން މީހާ، އިރުއިރުކޮޅާ ގަޑިއަށް ބަލައިލައެވެ. ފޯނަށް މެސެޖެއް އައުމާ އެކު އޭނަ ފޯނަށް ބަލައިލިއެވެ.
"ސަރ! ލިފްޓަށް އަރަނީ!" މެސެޖުގައި އޮތެވެ.
އޭނަ ތެދުވެފައި ފޯނު ޖީބަށްލިއެވެ. ހޮޓަލުގެ ޔުނީފޯމު ލައިގެން ހުރި މުވައްޒަފަކާ އެކުގައި ނަޒްދާ ލިފުޓުން ނުކުތެވެ. މުވައްޒަފު ދެއްކި ދިމާއަށް ހިނގައިގަތެވެ. ނަޒްދާ ހުރީ ދަރިފުޅުގެ އަތުގައި ހިފައިގެންނެވެ. ތަނުގެ ރީތިކަމާއި ހައިބަތު ފެނިފައި ނަޒްދާ ހައިރާންވެ އަންތަރީސްވިއެވެ. މުޅި ހަޔާތުގައި ވެސް ނަޒްދާ އެހައި ރީތި ތަނަކަށް ނާދެއެވެ.
"އާދެ މިކޮޅަށް!" މީހަކު ބުނި އަޑު ނަޒްދާއަށް އިވުނެވެ.
ނަޒްދާ ބަލައިލި އިރު، އަތް ހިއްލައިލައިގެން އޭނަ ހުއްޓެވެ. އެ ހިސާބުން، އެކުގައި އައި މުވައްޒަފު، ނަޒްދާ ދޫކޮށްލައިފައި ދިޔައެވެ. ނަޒްދާ ހިނގައިގަތެވެ. އިށީންނަން ގޮނޑި ދުރުކުރާކަށް، އިށީންނަމުން ގޮނޑި ކައިރިކުރާކަށް ވެސް ނަޒްދާއަކަށް ނުޖެހުނެވެ. ނަޒްދާއެކޭ ގަނޑުވަރެއްގެ ރާނީއެކޭ އެއްގޮތެވެ. މުޅި ހަޔާތުގައި ވެސް މީހަކު ނަޒްދާއަށް އެހައި އިހުތިރާމެއް ނުކުރެއެވެ.
"މީ ހާދަ ރީތި ތަނެކޭ!" ނަޒްދާ ބުނެލިއެވެ.
"ރީތި މީހަކު ތަނަކަށް ވަނީމަ އެ ތަން ރީއްޗެއް ނުވޭތަ؟" މާނަ ފުން ލޮލަކުން ބަލައިލަމުން އޭނަ ބުންޏެވެ. "ކޮކާ އައިމަ ބަގީޗާއަށް ވާ ގޮތް ދުށިން؟ އިރުއެރީމަ އުދަރެހަށް ވާ ގޮތް ދުށިން؟ ހަނދުއެރީމަ އުޑުމައްޗަށް ވާ ގޮތް ދުށިން؟"
ނަޒްދާ ލަދުގަންނާނެކަމަށް އޭނަ ހީކުރި ނަމަވެސް ނަޒްދާ ގަތީ ބިރެވެ. އެ ލޯބީގައި ހައްޔަރުވެދާނެކަމުގެ ބިރެވެ. އަމިއްލަ ނަފުސަށް ބާރު ނުފޯރުވިދާނެކަމުގެ ބިރެވެ. ފިރިމީހާއަށް ވަފާތެރިނުވެވިދާނެކަމުގެ ބިރެވެ.
ނުނިމޭ