ކޮޕް 27: ރާއްޖެއިން ނައިބު ރައީސް، ލަންކާގެ ވަފުދުގައި ނަޝީދު
ކޮޕް 27: ރާއްޖެއިން ނައިބު ރައީސް، ލަންކާގެ ވަފުދުގައި ނަޝީދު

މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރަންސް، ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމް މިސްރަށް ފުރައިވަޑައިގެންފި އެވެ.

ނަމަވެސް ނަޝީދު ވަޑައިގަތީ ސްރީ ލަންކާގެ ވަފުދާ އެކުގަ އެވެ.

މިސްރުގެ ޝަރުމުއް ޝައިޚްގައި ބާއްވާ މި ކޮންފަރަންސަށް ނައިބު ރައީސް ވަޑައިގަތީ ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވުމާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ މަނިކުފާނާއެކު ސަރުކާރުގެ އިސް ވަފުދެއް ވެސް އެ ދަތުރުގައި ބައިވެރިވެ އެވެ.

އެ ކޮންފަރަންސްގައި ނަޝީދު ހުންނެވީ ސްރީ ލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއް ގޮތުގަ އެވެ.

ނަޝީދަކީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލަންކާގެ ވަފުދާއެކު އަންނަ ބުދަ ދުވަހާ ހަމައަށް ނަޝީދު އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާ ކުރުމާއި އަދި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމާއި އެކަމަށް ބާރު އަޅައި މަޝްވަރާ ކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާއެކު ބާއްވާ ސަމިޓެކެވެ.