06 ނޮވެމްބަރ 2022 - 09:24

ފީއެއް ދެއްކުމުން ޓްވިޓާ އެކައުންޓްތައް ވެރިފައިކޮށްދޭ ހިދުމަތް ރަސްމީކޮށް ޓްވިޓާއިން ފަށައިފި އެވެ.
ޓްވިޓާއިން އަދި ބައެއް ގައުމުތަކަށް ފޮނުވި އަޕްޑޭޓްގައި ބުނެފައިވަނީ "ޓްވިޓާ ބްލޫ" އަށް މަހަކު 7.99 ޑޮލަރު ދައްކާ ނަމަ ވެރިފިކޭޝަން ލިބޭނެ ކަމަށެވެ. މި އަޕްޑޭޓް އަދި ފޮނުވާފައި ވަނީ އައިއޯއެސް ޑިވައިސްތަކަށެވެ.
މި އަޕްޑޭޓް އަދި ދޫކޮށްފައިވަނީ އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ނިއު ޒީލެންޑް އަދި އިނގިރޭސި ވިލާތަށެވެ. އެހެން ގައުމުތަކަށް މި އަޕްޑޭޓް ދޭނީ މި ގައުމުތަކުގެ ތަޖުރިބާއަށް ބަލާފައި ކަމަށް މަސްކް ޓްވިޓާގައި ބުނެފައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް، 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ އެކައުންޓް ވެރިފައިކުރުމުގައި ގެނައި މި ބަދަލަށެވެ. ކަންބޮޑުވުން ފާޅުކުރާ މީހުން ބުނަނީ "ބްލޫ ޓިކް" ވިއްކަން ފެށުމުން ޓްވިޓާގައި އަނެއްކާ ވެސް ފޭކް އެކައުންޓްތައް ގިނަވެ އޮޅުންބޮޅުންވާނެ ކަމަށެވެ.
މީގެ ކުރިން ޓްވިޓާ ވެރިފައިކޮށްދެނީ ހައި ޕްރޮފައިލް މީހުންނާއި އެކި އިދާރާތަކަށެވެ. އެކަން ކޮށްދެނީ ޓްވިޓާ އަށް އެއީ ސައްހަ އެކައުންޓެއްކަން ޓްވިޓާ އިން ބުނާ އުސޫލުގެ ތެރެއިން ކަށަވަރުކޮށްދިނުމުންނެވެ. ވެރިފައިޑް ބެޖަކީ އެކައުންޓްގެ ސައްހަކަމާއި އިތުބާރު ދައްކައިދޭ ނިޝާނެއްގެ ގޮތުގައި އޮތީ ބެލެވިފަ އެވެ.
ވެރިފައިކުރުމަށް އަގު ނަގަން ފެށުމާ ބެހޭ ގޮތުން އަދިވެސް ވަރަށް ގިނަ ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ. މިހާރު ވެރައިފައިކޮށްފައި ހުރި އެކައުންޓްތަކަށް ވާނީ ކިހިނެއްތޯ ޓްވިޓާގައި މީހަކު އެހުމުން މަސްކް ބުނެފައިވަނީ އަދި މިކަމުގައި ނިންމަންޖެހޭ އެތައް ކަމެއް އެބަހުރި ކަމަށެވެ.
ކޮންމެ ދުވަހަކު 238 މިލިއަން މީހުން ޓްވިޓާ ބޭނުންކުރާއިރު މީގެ ތެރެއިން ވެރައިފައިޑް އެކައުންޓްތަކުގެ އަދަދަކީ 423،000 އެވެ.
މަސްކް ވަނީ ޓްވިޓާ އަށް ކޮންމެ ދުވަހަކު ހަތަރު މިލިއަން ޑޮލަރުގެ ގެއްލުން ވަމުންދާ ކަމަށް ބުނެ އެތަނުގެ މުވައްޒަފުންގެ ތެރެއިން ވެސް އެތައް ބަޔަކު ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފަ އެވެ.