ތިން ވަނަ ކުއާޓަރުގައި އޫރީދު އަށް 127 މިލިއަން ރުފިޔާ
ތިން ވަނަ ކުއާޓަރުގައި އޫރީދު އަށް 127 މިލިއަން ރުފިޔާ

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އުރީދު އަށް ސާފު ފައިދާގެ ގޮތުގައި 127 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން އާންމުކުރި ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، ޓެކްސް އަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 127.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް، ދެވަނަ ކުއާޓާއާ އަޅާބަލާއިރު، އެއީ ނުވަ ޕަސެންޓުގެ ދަށްވުމެކެވެ.

ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 471.2 މިލިއަން ރުފިޔާގެ އާމްދަނީ ވަނީ ލިބިފަ އެވެ. އެއީ މީގެކުރީ ކުއާޓާއާ އަޅާބަލާއިރު 1.2 ޕަސެންޓުގެ ކުރިއެރުމެކެވެ.

މޮބައިލް ހިދުމަތްތަކުން 363 މިލިއަން ރުފިޔާ މި ކުއާޓާގައި އޫރިދު އަށް ލިބިފައިވެ އެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތްތަކާއި ވިޔަފާރިތަކުން 107 މިލިއަން ރުފިޔާ ލިބުނު އިރު، އެހެނިހެން ގޮތްގޮތުން 140،000ރ. ލިބިފައިވެ އެވެ.

ނިމުނު ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދުތަކަށް 243 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ޖުމްލަ ގޮތެއްގައި މި ކުއާޓާގެ ފައިދާ ދެވަނަ ކުއާޓާއާ އަޅާބަލާއިރު ދަށްވެފައި. ވަނީ އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ މި ކުއާޓާގައި ދަށްވެފައި ވާތީ އެވެ.

ތިން ވަނަ ކުއާޓަރުގައި އުރީދޫން ވަނީ ގިނަ ޕްރޮމޯޝަންތަކެއް ބާއްވައިފަ އެވެ. އެގޮތުން، ދުވާލަކު 100 ރުފިޔާ އަށް 100 ޖީބީ ލިބޭ "ބޮޑު ޗުއްޓީ ޕެކް" ތައާރަފްކުރުން ފާހަގަކޮށްލެވެ އެވެ. އަދި އުރީދޫ ފައިބާ ބްރޯޑްބޭންޑް ސުޕަނެޓުގެ ހިދުމަތް ފުޅާކޮށް، އިތުރު އަށް ރަށަކަށް ވަނީ އެ ހިދުމަތް ތައާރަފްކޮށްފަ އެވެ.

ސީއެސްއާރުގެ ދަށުން ވެސް އުރީދޫން ވަރަށް ގިނަ ހަރަކާތްތަކެއް މި ކުއާޓަރުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ގައުމީ ޓީމާ އެކު ފިޔަވަތީގެ ކުދިން ކުޅުނު ފުޓުބޯޅަ މެޗާއި، ހިއުމަން ރައިޓްސް ފެއާގައި ބައިވެރިވުން ފާހަގަކޮށްލެވެ އެވެ.