ފުށުއަރާ ސަރަހައްދުގައި މަސްވެރިކަން ކުރި ކަމުގެ ހެއްކެއް ނެތް: ރިފްއަތު
ފުށުއަރާ ސަރަހައްދުގައި މަސްވެރިކަން ކުރި ކަމުގެ ހެއްކެއް ނެތް: ރިފްއަތު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ސަރަހައްދުގައި ދިވެހިން މަސްވެރިކަން ކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ދައުލަތުގެ އިދާރާތަކުގައި ޑޮކިއުމެންޓް ކުރެވިފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެއްޖެ އެވެ.

ފުށުއަރާ ސަރަހައްދުގައި މަސްވެރިކަން ކުރި ކަމުގެ ހެއްކެއް ނެތް: ރިފްއަތު
ފުށުއަރާ ސަރަހައްދުގައި މަސްވެރިކަން ކުރި ކަމުގެ ހެއްކެއް ނެތް: ރިފްއަތު

ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ޗާގޮސް އައިލެންޑްސްގެ އިމުގެ މައްސަލާގައި މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުރަތަމަ ފަހަރަށް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރިފްއަތު ވިދާޅުވީ ދެ ގައުމަށް ހަމަހަމަވާ ގޮތަށް މެދަށް ބެހުން ނުވަތަ އިކުވިޑިސްޓެންސް ލައިން ބެލުމުގައި ފިޝިން ރައިޓްސް އޮތް ނަމަ ރާއްޖެއަށް ބޮޑަށް އެޖަސްޓު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ނަމަވެސް މޮރިޝަސް، ރާއްޖޭގެ 200 މޭލުގެ އީއީޒެޑްގެ ތެރެއިން ފުށު އަރައިގެން ހިލާފު އުފެދިފައިވާ 4686 އަކަ ކިލޯމީޓަރުގެ ސަރަހައްދުގައި ދިވެހިން މަސްވެރިކަން ކުރި ކަމުގެ އެއްވެސް ހެއްކެއް ފިޝަރީޒް މިނިސްޓްރީ އަދި ކޯސްޓްގާޑަށް ލިބިފައި ނެތް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

"ހެއްކެއް ނެތް ކަމެއްގައި ކިހިނެެއްތޯ އެއްވެސް ކޯޓެއްގައި ސާބިތު ކޮށްދޭނީ. ފިޝިން ރައިޓްސް އަކީ އިކުއި ޑިސްޓެންސް ލައިން އެޖަސްޓު ކުރުމަށް ބޭނުން ކުރެވޭ ހައްގެއް. އެކަމަކު އެ ހައްގު އޮތް ކަން ސާބިތު ކޮށްދޭން ޖެހޭ،" ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި މަސްވެރިކަން ކުރި ކަމުގެ ހެކި ހުރުމުގެ އިތުރުން މަސްވެރިކަން ކުރާ ކަމަށް ރާއްޖޭގެ އިތުރުން މޮރިޝަސް އިން ވެސް ކޮންމެވެސް ސިފައެއްގައި ބަލައިގަނެފައި އޮންނަން ޖެހެ އެވެ. ދިވެހިންގެ އަތުގައި އެކަމުގެ ހެއްކެތް ނެތް އިރު ދިވެހިން އެ ސަރަހައްދަށް ގޮސް އުޅުނު ކަމުގެ މައުލޫމާތެއް މޮރިޝަސް ސަރުކާރުގައި ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިމުގެ މައްސަލާގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑު ވިދާޅުވި ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުން މޮރިޝަސް އަށް އެ ސަރަހައްދު ދޭ ހިސާބުން އެ ގައުމުން ދާ އަޅައިގެން މަސްވެރިކަން ކުރުމަށް އެހެން ގައުމުތަކުގެ ބޯޓު ފަހަރުތަކަށް އެ ސަރަހައްދު ކުއްޔަށް ދޭނެ އެވެ.

އޭގެ ސަބަބުން ދިވެހިން ވަރަށް ގަދައަށް މަސް ބާނަމުން އަންނަ ދެކުނުގެ މަސްވެރިކަން އެކީ ހަލާކު ވެގެން ދާނެ ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެ އެވެ.