އެންމެ ފަޔަކާ އެކު މި ކުއްޖާ ދައްކަނީ އަޖައިބެއް ކަހަލަ ހިތްވަރެއް
އެންމެ ފަޔަކާ އެކު މި ކުއްޖާ ދައްކަނީ އަޖައިބެއް ކަހަލަ ހިތްވަރެއް

އެއް ފަޔާ އެކު ކުޑަ ކުއްޖަކު ފުޓްބޯޅަ ކުޅެން އުޅޭ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު އެތައް ބައެއްގެ ސަމާލުކަމާއި ލޯބި އެ ކުއްޖާ އަށް ވަނީ ލިބިފަ އެވެ. މިއީ ރާއްޖޭން އާންމުކޮށް ފެންނަ ކަހަލަ މަންޒަރަކަށް ނުވާތީ ބައެއް މީހުންނަށް މިއީ ރާއްޖޭގެ މަންޒަރެއް ކަމާ މެދު ސުވާލު ވެސް އުފެދުނެވެ.

އެންމެ ފަޔަކާ އެކު މި ކުއްޖާ ދައްކަނީ އަޖައިބެއް ކަހަލަ ހިތްވަރެއް
އެންމެ ފަޔަކާ އެކު މި ކުއްޖާ ދައްކަނީ އަޖައިބެއް ކަހަލަ ހިތްވަރެއް

މިއީ ހދ. މަކުނުދޫގައި އުޅޭ އެ ރަށު ކުއްޖެއް ކަމަށްވާ، އުމުރުން ހަތް އަހަރުގެ އަހުމަދު ޝަވަން މުހައްމަދެވެ.

އެންމެ ފަޔަކާ އެކު މި ކުއްޖާ ދައްކަނީ އަޖައިބެއް ކަހަލަ ހިތްވަރެއް
އެންމެ ފަޔަކާ އެކު މި ކުއްޖާ ދައްކަނީ އަޖައިބެއް ކަހަލަ ހިތްވަރެއް

ޝަވަންގެ މަންމަ އައިޝަތު ވިޝާހް، 26، އޭނާގެ މި ހާއްސަ ދަރިފުޅުގެ އެތައް ވާހަކައެއް "މިހާރު" އަށް ކިޔައިދިނެވެ.

އެންމެ ފަޔަކާ އެކު މި ކުއްޖާ ދައްކަނީ އަޖައިބެއް ކަހަލަ ހިތްވަރެއް
އެންމެ ފަޔަކާ އެކު މި ކުއްޖާ ދައްކަނީ އަޖައިބެއް ކަހަލަ ހިތްވަރެއް

ފެށުމަކީ، އަލަތު ދަރިފުޅަށް ވިޝާހް ބަނޑުބޮޑުވިތާ ތިން މަހުން ފެށިގެން އެކި ކަހަލަ އުނދަގޫތައް ކުރިމަތިވާން ފެށުމެވެ. އާދަޔާ ހިލާފަށް ގިނައިން ލޭ އަންނަން ފަށައި ފަސް މަހުގައި ޖެހުނީ ދަރިފުޅު ނަގާށެވެ. އޭރު ވެސް ދަރިފުޅުގެ އެއްވެސް މައްސަލައެއް އުޅޭ ކަމެއް ނޭނގެ އެވެ.

އެކަމަކު، ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގައި ނާސަރީއަށް ގެންދިއުމަށް ފަހު ވިޝާހަށް ލިބުނީ އަހަން ބޭނުންވި ވާހަކައެއްނޫނެވެ. އެ ދަރިފުޅުގެ ކަނާތު ފައިގެ ކަކުލުން ތިރިއެއް ނެތެވެ. ވައަތުގެ ބޮޑުވައި އިނގިއްޔާއި ކުޑަވާ އިނގިލި ފިޔަވައި ބާކީ ތިން އިނގިލި ވަނީ ގުޅިފަ އެވެ.

ވިޝާހް ބުނި ގޮތުގައި ޝަވަންގެ ފައިގެ އެއްބައި ނެތްކަމަށް ބުންޏަސް އެކަން ގަބޫލުކުރަން ދަތިވި އެވެ. އެކަމަކު އެ ދަރިފުޅާ އެކު ގަދަ ހިތްވަރާ އެކު ކުރިއަށް ދާންވީކަން ގަބޫލުކުރެވުނީ ދަރިފުޅު ފެނުމުންނެވެ.

"އަސްލު ވަރަށް ވަރަށް ދެރަވި. ގަބޫލުކުރަން ދަތިވެފައި ހުރީ. އެކަމަކު އެ މީހަކަށް މިންވަރު ކުރެއްވި ގޮތެއް ދޯ އެ މީހަކަށް ދެއްވާނީ. ޝުކުރު ކޮށްލައިގެން، ލިބުނު އުފަލެއް ކަމަށް ދެކި މި އުޅެނީ،" ހދ. މަކުނުދޫގައި ދިރިއުޅޭ ވިޝާހް ބުންޏެވެ.

ބަލިވެއިންތާ އެހާ ކުރީކޮޅު ދަރިފުޅު ނެގުމުން ސަލާމަތްވާނެ ކަމަކަށް ވެސް ޑޮކްޓަރުން އެހާ އުއްމީދެއް ނުކުރެ އެވެ. އެކަމަކު، އެ ހުރިހާ ކަމެއް ވެސް ބަދަލުވެ، ވިޝާހްގެ ދިރިއުޅުމުގެ އުއްމީދަކީ ހަތް އަހަރުގެ ޝިވާނެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަނީ މަކުނުދޫ ސްކޫލުގައި މިދިޔަ ހޯމަ ދުވަހު ފެށި އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި، ދުވެލި ހައުސްގެ 41 ނަމްބަރު ކުޅުންތެރިޔާ ޝަވަން ކުޅޭ ތަނެވެ. އެއް ފައިގެ އެހީގައި ދަނޑުމަތީގައި ދެ ފަރާތަށް ދުވެ، ކުޅެން އުޅޭ މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

ވިޝާހު ބުނީ ޝަވަން އަކީ ތަފާތު ކުއްޖެއްކަމުގެ އިހްސާސްވިޔަ ނުދިނުމަށް އެންމެ ކުރީއްސުރެ ވެސް އެ ކުއްޖާ މީހުންގެ ތެރެއަށް ނެރެ، ސްކޫލުގައި ހިންގާ ހުރިހާ ކަމެއްގައި ބައިވެރިކުރުވާ ކަމަށެވެ. އޭގެ ތެރެއިން ފުޓްބޯޅަ ކުޅެ، އެކި މުބާރާތްތަކުގައި އަންނަނީ ޝައުގުވެރިކަމާ އެކު ބައިވެރިވަމުންނެވެ.

"އޭނާއަށް އެކަން ކުރެވޭ ކަމުގެ އިތުބާރު އަޅުގަނޑުމެންނަށް އޮތިއްޔާ ހަމަ ބައިވެރިކުރުވަން. ކިޔެވުން ވެސް ރަނގަޅު އިރާދަކުރެއްވިއްޔާ،" ވިޝާހް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ދަރިފުޅަކީ މިހާރު އެ އުމުރުގެ އެހެން ކުދިންނާ ހިލާފަށް އަމިއްލަ ޒިންމާ ނަގާ ކުއްޖެއް ކަމަށެވެ.

"އޭނާ ކައިރީގައި ތަންތަނަށް ދާން ރެޑީވާން ދާން ބުނާކަށް ނުޖެހޭ. ގުރުއާން ކްލާހަށް ދާން އަމިއްލައަށް ރެޑީވާނެ. ޓިއުޝަނަށް ދާން އަމިއްލައަށް ރެޑީވާނެ. ގެންގުޅޭ ފޮތްތައް ވެސް އަމިއްލައަށް ހަމަކުރާނީ ސްކޫލަށް ދާން. އަޅުގަނޑަށް އެކަންތައްތަކެއް ނުޖެހޭ. އަމިއްލަ ޒިންމާ ނަގަން އަމިއްލައަށް ދަސްކޮށްދެވިފައި ހުރީ،" އޭނާ ބުންޏެވެ.

ހެނދުނު ޝިވަން ސްކޫލަށް ގެންދަނީ ބައިސްކަލްގަ އެވެ. އެއަށް ފަހު، މަންމަ ވިސްނަންޖެހޭ މާ ބޮޑު ކަމެއް ނެތެވެ. ޓީޗަރުންނާއި ކްލާސް ކުދިންގެ ފަރާތުން ލިބޭ ހިފެހެއްޓުމެއްނެތި ލޯތްބާއި އަޅާލުމުގެ ސަބަބުން، އެއް ފައި ނެތަސް އަދި އެއް އަތުގެ ހަރަކާތްތައް އެންމެ ރަނގަޅަށް ނުކުރެވުނަސް ކިޔަވާކަށް އެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވެ އެވެ.

"އުޅޭ އުޅުމުގައި އަނެއްހެން ފާހަގައެއް ނުވާނެ އޭނާއަކީ އެ ކަހަލަ އުނި ސިފައެއް ހުރި ކުއްޖެއްކަން. މި ރަށު ކުދިން ވެސް ވަރަށް ރަނގަޅު. ބުލީކޮށް ނޫޅޭނެ. ވަރަށް އެހީތެރިކަން ދޭނެ. ކްލާސް ރޫމް ތެރޭގައި ވެސް ޝަވަން އަށް ނުވާ ކަންތައްތައް ކޮށްދޭނެ. ޓީޗަރުން ވެސް ވަރަށް ރަނގަޅު،"

ވިޝާހް ބުނީ ކުއްޖާ ވީ، ދީނީ ކަންތައްތަކަށް އިސްކަންދީ ކިޔެވުމަށް ހާއްސަ ލޯތްބެއް އޮތް ދަރިއަކަށް ކަމަށެވެ.

"ކޮންމެ ރެއަކު ވެސް ފަތިސް ނަމާދަށް ހޭލައްވަން ބުނާނެ. އެއްވެސް ނަމާދެއް ވައްޓާލާކަށް ބޭނުމެއް ނުވާނެ. އަދި ނަމާދު ކުރަން އެ ދުވަހެއްގައި ނުގޮވިއްޖެ ނަމަ ހޭލާފައި ޝަކުވާ ކުރާނެ. ބުނަނީ، ސްކޫލަށް ދާއިރު މިސް ސުވާލު ކުރެއޭ ނަމާދުކުރިތޯ. ކޮއްކޮ ބޭނުމެއް ނުވެއޭ ދޮގު ހަދާކަށް. ވަރަށް ކިޔަވާ ހިތްވާނެ. ގުރުއާން ކްލާހަށް ދާން ވެސް ރެޑީވާނެ ސްކޫލުން އަންނަ ގޮތަށް. އެ ގުރުއާން ކްލާހަށް ދާން ޖެހެނީ 2:45 ގައި. ސްކޫލުން މި އަންނަނީ 12:45 ގައި. ރެޑީ ވެގެން އިރުކޮޅަކާ އަހާނެ ކޮން އިރަކުތޯ ގަޑިޖެހެނީ،" ހިތްވަރުގަދަ މަންމަ ކިޔައިދިނެވެ.

ހުރިހާ ކަމެއްގައި ވާތު ފަޔަށް ބަރޯސާވުމުން ބައެއް ދުވަސް ދުވަހު ހެނދުނު ހޭލާއިރު އެ ފައިގައި ރިއްސާތީ އުޅެ އެވެ. އެ ނޫން އެއްވެސް އުނދަގުލެއް ވެގެން ޝަކުވާ ނުކުރެ އެވެ.

"އޭނާގެ ކަންތައްތައް ކުރާކަށް މިހާރު އެހާ އުނދަގުލެއް ނޫން. ދުރަށް ތަނަކަށް ދަންޏާ މީހުންގެ އެހީ ބޭނުންވާނެ. އެހެން ނޫނީ އަމިއްލައަށް ހުރިހާ ކަމެއް ކުރަނީ."

އާޓިފިޝަލް ފައެއް ޖެހުމަށް ޝަވަން އެއް އަހަރުގައި އިންޑިއާއަށް ވެސް ދިޔަ އެވެ. ފައިގައި އެއް ސެންޓި މީޓަރު ބޭރަށް އިންނަ ކަށި ކޮޅު ނެގުމަށްފަހު ފައެއް ޖަހައިދޭނެ ކަމަށް ހޮސްޕިޓަލުން އޭރު ބުންޏެވެ. އެކަމަކު، ދަރިފުޅަށް އިތުރު ތަކްލީފެއް ދޭން ބޭނުން ނުވާތީ އޮޕަރޭޝަން ނުކޮށް އެ ފަހަރު އިންޑިއާއިން އައީ އެވެ. މިހާރު ވިސްނައިގެން ހުރީ ދަރިފުޅު ހެދިބޮޑުވެ، އުމުރުން 10 އަހަރުވުމުން ފައެއް ޖަހަން ދާށެވެ.

"އެއްވެސް ކަމެއްގައި ގިޕްއަޕްކުރާކަށް ބޭނުމެއް ނޫން،" މަންމަ ބުންޏެވެ.