09 ނޮވެމްބަރ 2022 - 14:01

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ނާޖާއިޒު މަންފާއެއް ހޯދަން އުޅުއްވި ކަން ސާބިތުވެ، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށް، ބ. ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓު އަހުމަދު ނިޝާރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނިޝާރު އިސްތިއުފާ ދެއްވީ، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައިވަނިކޮށް ކަމަށެވެ.
އޭނާ މަގާމުން ވަކިކުރަން މިދިޔަ މަހުގެ 30 ގައި އެ ކޮމިޝަނުން ނިންމީ، އޭނާ މަގާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަ ގޮތުގައި ބޭނުންކޮށް، ނާޖާއިޒު މަންފާއެއް ހޯދުމުގެ ގަސްތާއެކު މަސައްކަތް ކޮށްފައިވާ ކަން ސާބިތުވުމުންނެވެ.
ޖޭއެސްސީން ކުރިން ބުނެފައިވާ ގޮތުގައި ބ. ފުޅަދޫ ކޯޓަށް ހުށަހެޅި ދައުވާއެއްގައި، ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރީގެ މަސްލަހަތެއްގެ ސަބަބުން، އެ މައްސަލަ ބެލުމުން ނިޝާރު ތަނާޒުލު ވުމުން އެ މައްސަލަ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކޮށްފައި ވަނިކޮށް، ނިޝާރު އަމިއްލަ އަށް އެ މައްސަލައާ އަލުން ހަވާލުވީ އެވެ.
އެ ކޮމިޝަނުން ބުނީ، އެއީ ކަނޑައެޅިފައިވާ އިޖުރާއަތާ ހިލާފު އަމަލެއް ކަމަށެވެ.
އޭނާ ދެވަނަ ފަހަރަށް އެ މައްސަލައާ ހަވާލުވެ، ކުރިއަށް ގެންދެވީ ކުރިން ތަނާޒުލުވި ސަބަބު ހަމަ އެ ގޮތުގައި ދެމިއޮއްވާކަން ޖޭއެސްސީއިން ފާހަގަ ކުރި އެވެ.
މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން، އެ މައްސަލަ ބެލުމުން ތަނާޒުލުވުމަށް ފަހު، ނިޝާރު އަމިއްލަ އަށް އަލުން އެ މައްސަލަ ބެލުމާ ހަވާލުވެ، އެ މައްސަލަ ކުރިއަށް ގެންދިޔައީ އޭނާ އާއި އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން، ނިޝާރުގެ މަގާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަ ގޮތުގައި ބޭނުންކޮށް، ނާޖާއިޒު މަންފާއެއް ހޯދުމުގެ ގަސްދުގައިކަން ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ނިޝާރު، ފުޅަދޫ ކޯޓުގައި އޮތް އެ މައްސަލަ ބެެއްލެވި އިރު އޭނާ އަކީ ބ. ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓެވެ. އޭނާ ވަކިކުރަން ނިންމުމުގެ ކުރިން، އޭނާ އައްޔަން ކުރި ގޮއިދޫ ކޯޓަށް ނުކުންނެވުމުގެ ބަދަލުގައި އޭނާ ފުޅަދޫ ކޯޓަށް މަސައްކަތަށް ނުކުންނެވި މައްސަލަ ވެސް ޖޭއެސްސީން ބެލި އެވެ. އެ މައްސަލާގައި އޭރު އެ ކޮމިޝަނުން ނިންމީ އޭނާ 14 ދުވަހަށް ސަސްޕެންޑު ކުރުމަށެވެ.