ހަސަން ކުރުސީއަކީ އަޅުގަނޑެއް ނޫން: ނަޝީދު
ހަސަން ކުރުސީއަކީ އަޅުގަނޑެއް ނޫން: ނަޝީދު

ޓްވިޓާގައި "ހަސަން ކުރުސީ"ގެ ނަމުގައި ޓްވީޓު ކުރާ މީހަކީ އެމަނިކުފާނު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޖީއެސްޓީ އާ ބެހޭ ގޮތުން، ހަސަން ކުރުސީއާ ދެމެދު ދެކެވުނު ވާހަކަ އަކަށް ރައްދު ދެއްވަ އެވެ.

ނަޝީދުގެ ވެރިކަމުގައި ފަޅުތައް ބެހީ އެ މަނިކުފާނުގެ ގާތް އެކުވެރިންނަށް ކަމަށް ވިދާޅުވެ، ރޮޒައިނާ ކުރެއްވި ޓްވީޓަކަށް ހަސަން ކުރުސީ ވަނީ ރައްދު ދީފަ އެވެ. ހަސަން ކުރުސީގެ އެ ޓްވީޓާ ގުޅިގެން ރޮޒައިނާ ވިދާޅުވީ އެ އެކައުންޓަކީ ނަޝީދު ހިންގަވާ އެކައުންޓެއް ކަން "ފަޅާ އަރައިފައިވާ" ކަމަށެވެ.

ރޮޒައިނާގެ ވާހަކައާ ގުޅިގެން ނަޝީދު، ރަސްމީ ޓްވީޓާ އެކައުންޓުން ވިދާޅުވީ ހަސަން ކުރުސީގެ ނަމުގައި ބޭނުން ކުރަމުންދާ ޓްވިޓާ އެކައުންޓަކީ އެ މަނިކުފާނު ނޫން ކަމަށެވެ. ނަމަވެސް އެއީ އެ މަނިކުފާނުގެ ހިޔާލީ ޝަހުސެއް ކަމަށާއި އޭނާ އަކީ ޖިސްމާނީ ގޮތުން ނަޝީދު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެއީ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަަވަން އުނދަގޫ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެކި ސިޔާސީ ބޭފުޅުން ވަނީ އެ އެކައުންޓަކީ ނަޝީދު ހިންގަވާ ފޭކް އެކައުންޓެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ހަސަން ކުރުސީގެ ނަމުގައި ކުރިއަށް ގެންދާ އެ އެކަނުންޓުގައި ދީނާ ހިލާފު ޓްވީޓުތައް ވެސް ކުރަމުންދާ ކަމަށް ބުނެ، އޭގެ ތެރެއިން ބައެއް ޓްވީޓްތަކުގެ މައްސަލަ ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

"އަނެއް ދިވެހިރާއްޖެ" ނަމުގައި ޓްވިޓާގައި އެކައުންޓެއް ހަދައިގެން، އެއީ ނަޝީދު ކަމަށް އާންމުން ބުނަމުން ދަނިކޮށް ނަޝީދު ފަހުން ވަނީ އެއީ އެމަނިކުފާނުގެ ނުރަސްމީ އެކައުންޓެއް ކަމަށް ފަހުން އެއްބަސްވެ ވަޑައިގެންފަ އެވެ.

ހަސަން ކުރުސީގެ ނަމުގައި ހަދާފައިވާ އެކައުންޓް މިހާރު ވަނީ ވެރިފައި ވެސް ކޮށްފަ އެވެ. އެކަމަކު، ވެރިފިކޭޝަން ބެޖް އެއަށް ލިބިފައި ވަނީ، ޓްވިޓާގެ އުސޫލުތަކަށް ފަހުން ގެނައި ބަދަލާ އެކު، ބެޖް ގަނެގެންނެވެ.