13 ނޮވެމްބަރ 2022 - 13:36

ގދ. ވާދޫ ކައިރިއަށް ބަންޑުން ޖަހާލި ދޯނިން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެ އަތޮޅު ފަރެސްމާތޮޑާއިން ފުރައިގެން އައްޑު އަށް ދަތުރުކުރަމުން ދަނިކޮށް "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓް، އެ ރަށުގެ އުތުރުން 14 ނޯޓިކަލް މޭލު ބޭރުން ބަންޑުން ޖަހާލީ އެ ބޯޓުގެ ބެޓެރީ ފެއިލްވެ، ދިޔަވުމުގެ ސަބަބުންނެވެ. އޭރު އެ ދޯނިގައި ހަތަރު މީހުން ތިބިއިރު، ގެއްލިގެން ހޯދަމުން ދަނީ ބިދޭސީއެކެވެ.
އެ ބޯޓުގައި ތިބި ތިން މީހުން ސަލާމަތްކުރީ ވާދޫ ސީވީޑް ނަމަކަށް ކިޔާ ދޯނިންނެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައި، މީހަކު ގެއްލިގެން އިއްޔެ މެންދުރު 12:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އުޅަނދުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑުމަގުން ކުރަމުން އަންނައިރު، އެ މަސައްކަތް ވައިގެ މަގުން ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯސްޓްގާޑުން ވަނީ އެ ތިން ފަޅުވެރިން އިއްޔެ 4:10 ހާއިރު ވާދުއަށް ގެންގޮސްފަ އެވެ.