ދަރިންނާ މެދު ކުރާ ޝައްކުތަކުން ނަތީޖާ ގޯސްވެދާނެ
ދަރިންނާ މެދު ކުރާ ޝައްކުތަކުން ނަތީޖާ ގޯސްވެދާނެ

ކުދިން ފުރާވަރަށް އެޅުމުން، މައިންބަފައިންނާ ދެމެދު އޮންނަ ގުޅުމަށް ބަދަލުތަކެއް އާދެ އެވެ. ކުދިންނަށް ކުރާ އިތުބާރު ވެސް މި ބަދަލާ އެކު ކުޑަވެ އެވެ.

އިތުބާރުކުރުން ކުޑަ ކުރެވޭ ވަރަކަށް އެކަމުގެ ގެއްލުން ކުއްޖާ އާއި މައިންބަފައިންނަށް ވެސް ކުރެ އެވެ. ކުދިން ފުރާވަރަށް އެޅުމުން އެ ކުދިން އަމިއްލައަށް ކަންކަން ކުރާ ހިސާބުން މައިންނަށް ވެސް އެމީހުންގެ އެހީތެރިކަން ބޭނުން ނުވާ ކަން އިހުސާސް ކުރެވެން ފަށަ އެވެ. އަދި އެކަމާ މާޔޫސްވެ، ދެރަވެ އެވެ.

އާއިލާގެ ތެރޭގައި އެކަކު އަނެކަކަށް އިތުބާރު ކުޑަވުމުން ކުދިކުދި މައްސަލަތަކުން ބޮޑެތި މައްސަލަތައް އުފަންވެ އެވެ. އަދި އެކަކު އަނެކަކާ މޫނުކެނޑި ގުޅުން ކެނޑޭ ހިސާބަށް ދެ އެވެ.

މިކަހަލަ މައްސަލަތައް ނުޖެހި، އެކަކު އަނެކާ ވާހަކަ ދެއްކުމަށް، ހާއްސަކޮށް ފުރާވަރު ކުދިންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މި ތިން ކަމަށް ވިސްނާލާށެވެ.

ގިނަ ފަހަރަށް އެކަކު އަނެކަކަށް ފެންނަނީ މައްސަލަ މާ ގޯސްވާ ހިސާބުންނެވެ. ހިޔާލު ތަފާތުވެ، ދެބަސްވެފައި ހުންނަ ވަގުތުގެ ބަދަލުގައި އެއްތަނެއްގައި ތިބެ، އެކަކު އަނެކަކާ ވާހަކަ ދައްކައި، ކަންކަމުގެ ހައްލު ހޯދަން މަޝްވަރާ ކުރުން މުހިންމެވެ.

ކިތަންމެ ހަނދާނުގައި ކަންކަން ހުންނަހެން ހީވިއަސް، އަހަރެމެންނަކީ ހަނދާން ބަލި ބައެކެވެ. މައިންބަފައިންނަށް ވެސް ބޮޑަށް ބާރު އަޅަނީ މާޒީގެ ވާހަކަ އާނުކޮށް ކުދިންނާ ޒުވާބު ނުކުރުމަށެވެ. އެއީ ކުރިން ބުނެވިފައި އޮތް ގޮތަށް އެކަމެއްގެ ވާހަކަ ނުދެއްކި، އަނެއްކާ ވެސް އެކަމުގެ ތެރެއިން އެހެން ޒުވާބަކަށް ނުވަތަ ދެބަސްވުމަކަށް ހިނގައިދާނެތީ އެވެ. އޭގެ ބަދަލުގައި އަބަދުވެސް ބަލަން ވާނީ ކުރިއަށް އޮތްތަނުގައި މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ކަންކަން ހައްލު ކުރެވިދާނެ ގޮތްގޮތަށެވެ.

އިހުތިރާމަކީ ހަމައެކަނި އެ ކުދިން ހޯދަން ޖެހޭ އެއްޗެއް ގޮތަށް ވިސްނައިދީގެން ނުވާނެ އެވެ. ކުދިންނާ ދޭތެރޭ ޝައްކު ކުރުމާއި އިތުބާރު ކުރުން ކުޑަވާ ވަރަކަށް ކުދިން ތެދުބަހުން ވާހަކަ ދައްކަން ޖެހިލުން ވާނެ އެވެ. މި ކަންކަން ހައްލު ކުރެވޭނީ ކުދިން ކުރާ ކަންކަމަށް ވެސް އިތުބާރެއް ކޮށްގެންނެވެ.

މައިންބަފައިން އެ ކުދިންނާ ވާހަކަ ދައްކާއިރު، ފުރާވަރު ކުދިންނާއި، ޒުވާން ކުދިންގެ ވިސްނުމުން ވާހަކަ ދެއްކުމުން ގުޅުން ރަނގަޅުވެ އެވެ.