16 ނޮވެމްބަރ 2022 - 12:29

އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިލެކްޓްރިކަލް، ކޮމްޕިއުޓަ، ކޮމިއުނިކޭޝަން އެންޑް މެކަޓްރޯނިކްސް އިންޖިނިއަރިން (އައިސީއީސީސީއެމްއީ) ގެ ފިޒިކަލް ސެޝަންްތައް މިއަދު މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި ފަށައިފި އެވެ.

ކޮމްޕިއުޓާ އިންޖިނިއަރިން ދާއިރާއިން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސަކީ ތުރުކީގެ އަކްސަރޭ ޔުނިވަސިޓީގެ އިސްނެގުމެކެވެ. މި ކޮންފަރެންސްގެ ކޯ-ޗެއާއިންގެ ގޮތުގައި ތިބީ އެމްއެންޔޫ އަދި ޔުނިވަސިޓީ އޮފް މޮރިޝަސް އެވެ.

ދެވަނަ އައިސީއީސީސީއެމްއީގައި 77 ގައުމަކުން 270 އަށް ވުރެ ގިނަ ބައިވެރިން ހިމެނެ އެވެ. ކޮންފެރެންސް ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

އެމްއެންޔޫ އިން ބުނީ ފިޒިކަލް ކްލާސްތައް މިއަދު އެމްއެންޔޫގައި ކުރިއަށް ދާނެ ކަމަށާއި މާދަމާ އާއި ހުކުރު ދުވަހު ކުރިއަށްދާނީ ކޮންފަރެންސްގެ އޮންލައިން ސެޝަންތައް ކަމަށެވެ.
ގައުމީ ޔުނިވަސިޓީން ބުނި ގޮތުގައި، މި ކޮންފަރެންސްގެ ފިޒިކަލް ކްލާސްތަކުގައި 200 އަށް ވުރެ ގިނަ ރިސާޗް ކަރުދާސް ހުށަހަޅަން ހަމަޖެހިފައިވެ އެވެ.
ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފް ވިދާޅުވީ މިފަދަ ބޮޑު ކޮންފަރެންސެއްގެ ޗެއާގެ މަގާމު، އެމްއެންޔޫ އަށް ލިބި، ދުނިޔޭގައި މަޝްހޫރު ޔުނިވަސިޓީތަކާ އެކު މަސައްކަތްކުރަން ލިބުމަކީ އުނގެނުމުގެ ބޮޑު ތަޖުރިބާއެއް ކަމަށެވެ.
"މި ކޮންފަރެންސްގެ އަމާޒަކީ މި ދާއިރާގެ ތަޖުރިބާކާރުންނާއި، ތައުލީމީ ބޭފުޅުންގެ އިތުރުން އިންޖިނޭރުންނާއި ބައިވެރިން އެއްތާކުން ބައްދަލުވެ އިލެކްޓްރިކަލް، ކޮމްޕިއުޓަ، ކޮމިއުނިކޭޝަން އެންޑް މެކަޓްރޯނިކްސް އިންޖިނޭރިންއާ ގުޅޭ މައުލޫމާތާއި ހިޔާލުތައް މަޝްވަރާ ކުރުން،" ޝަރީފް ވިދާޅުވި އެވެ.
ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ރަޝީދެވެ. އޭގެ އިތުރުން، ޔުނިވަސިޓީ އޮފް މޮރިޝަސް އާއި އެމްއެންޔޫގެ އިސްވެރިންނާއި ލެކްޗަރާއިންނާއި ބައެއް ދަރިވަރުންގެ އެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.