16 ނޮވެމްބަރ 2022 - 15:18

އޭނާގެ މައްޗަށް ސިޔާސީ ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި ބައެއް ކަންކަމުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގުޅުއްވުމުން ފޯނު ނުނަންގަވާތީ ލޭބަލްވެފައި ވަނީ ވެސް ފޯނު ނުނަންގަވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، "މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އޭނާއަކީ ސިޔާސީ ނުފޫޒު ފޯރުވޭނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ފުލުހަކު ހުންނަ ރަށަކުން އެހެން ރަށަކަށް ބަދަލުކުރަން މެމްބަރަކު ގުޅުއްވިޔަސް ނުވަތަ އެހެން މީހަކު ގުޅިއަސް އެކަން ނުކޮށްދޭ ކަމަށް ސީޕީ ވިދާޅުވި އެވެ.
"މައްސަލައެއްގައި، އަޅުގަނޑަށް އެ މީހަކު އެ ގުޅަނީ ކަނޑައެޅިގެން ކޮން ކަމެއްގައިކަން އެނގޭ ނަމަ ފޯނު ވެސް ނަގާ މީހެއް ނޫން. ބައެއް އެމްޕީންގެ މެދުގައި އަޅުގަނޑު ފާހަގަ ވެސް ކުރެވޭނީ ފޯނު ވެސް ނުނަގާ މީހެއްގެ ގޮތުގައި،" ހަމީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ މައްޗަށް ހަމަ ޔަގީނުން ވެސް ވެސް، ފުލުހުންގެ މުއައްސަސާ އުފައްދާފައި ގާއިމްވެފައި އޮންނަ މަގުސަދުތައް ހާސިލްކުރުމަށްޓަކައި ފުލުހުން ކުރާ މަސައްކަތްތަކާ ގުޅުވައިގެން، ފުލުހުންގެ ވަކިވަކި އޮފިސަރުން ހިންގާ ހަރަކާތްތައް، ތަހުގީގު ވިޔަސް، މަގުމަތިން މީހަކު ހުއްޓުވިޔަސް، އެއިން އެއްވެސް ކަމަމާ ގުޅިގެން އަޅުގަނޑު އޭގެ ތެރެއަކަށް ނުވަންނަން."
ސީޕީ ވިދާޅުވިގޮތުގައި ވަކި މުއްދަތެއްގެ ތެރޭގައި ވަކި ކަމެއް ކުރަން ނުވަތަ ވަކި މީހަކަށް ކަމެއް ފަހިކޮށްދިނުމަކީ ކޮށްދޭނެ ކަމެއް ނޫންކަން، އޭނާގެ ދަށުން މަސައްކަތްކުރާ ހުރިހާ އެގްޒެކެޓިވް އޮފިސަރުންނަށް މިވީ މުއްދަތުގެ ތެރޭގައި އެނގިވަޑައިގަންނަވާނެ އެވެ.
އެ ހުރިހާ ކަމަކާއެކު، ނުފޫޒެއް ނުފޯރުވޭނެ ކަނއ ސީޕީ ވަނީ ޔަގީންކަމާއެކު ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަމާއެކު ދެންނެވޭނެ އަޅުގަނޑުގެ މި ލީޑަޝިޕަށް ހަތަރު އަހަރުވާއިރު އަޅުގަނޑަށް ނުފޫޒު ފޯރުވޭނެ ފަރާތެއް ވެސް ނުހުންނާނެ އަދި ފޯރުވިޔަ ނުވެސް ދޭނަން،" ސީޕީ ވިދާޅުވި އެވެ.
ސީޕީއަށް ސިޔާސީ ނުފޫޒު ނުފޯރުވޭނެކަމުގެ ޔަގީންކަން ދެއްވިއިރު، ފުލުހުންގެ މުއައްސަސާއަށް އަބަދު ވެސް އަމާޒުވާ އެއް ފާޑުކިޔުމަކީ ނުފޫޒުގެ ދަށުވުމެވެ.