17 ނޮވެމްބަރ 2022 - 06:22

އަންނަ އާދީއްތަ ދުވަހު ގަތަރު ގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ދިމާކޮށް ކީރިތި ރަސޫލާގެ ހަދީސްތައް ބޯޑުތަކުގައި ލިޔެ އާންމުކޮށް ފެންނާނެހެން ބަހައްޓައިފި އެވެ.
އަރަބި ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕްގެ ފަށަން ގަތަރުން ފުރިހަމަ އަށް ތައްޔާރުވެފައި ވާއިރު ހަދީސްގެ ބޯޑުތައް ބެހެއްޓުމުގެ ބޭނުމަކީ ގަތަރަށް ދުނިޔޭގެ ކަންކޮޅުތަކުން އަންނަ މީހުންނަށް އިސްލާމް ދީނުގެ މައުލޫމާތު ދީ އާދަކާދަ އާއި ސަގާފަތް އަންގައިދިނުން ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފައިވެ އެވެ.
ބަހައްޓާފައިވާ ބައެއް ބޯޑުތަކުގައި "ކޮންމެ ހެޔޮ އަމަލަކީ ސަދަގާތެއް" އަދި "އެހެން މީހުންނަށް އޯގާތެރިނުވާ މީހަކަށް އޯގާތެރިކަން ނުލިބޭނެ" ކަމަށް ލިޔެފައިވާ ބޯޑުތައް ހިމެނެ އެވެ.
މިދިޔަ މަހު ގަތަރުގައި ވަނީ ފަގީރު އަދި ރެފިއުޖީ ކުޑަކުދިންނަށް ހާއްސަކޮށްގެން، ސްޓްރީޓް ފީފާ ވޯލްޑްކަޕް ވެސް ބާއްވައިފަ އެވެ. މި މުބާރާތުގައި 25 ގައުމަކުން 28 ޓީމު ބައިވެރިވި އެވެ.
ގަތަރުން ބުނެފައިވަނީ އެ ގައުމަށް އެކި ގައުމުތަކުން އެކި ދީންތަކުގެ މީހުން ޖަމާވިކަމުގައި ވިޔަސް އިސްލާމް ދީނާއި ގަތަރު ގާނޫނުތަކާއި ގަވައިދުތަކާއި ސަގާފަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ. ގަތަރުގެ އަވަށްޓެރި ސައޫދީން ވަނީ ވޯލްޑް ކަޕް ޓިކެޓް ގަނެފައިވާ މީހުންނަށް ވިސާ ފީ ދެއްކުމަކާ ނުލައި ސައޫދީއަށް އެތެރެވެ އުމްރާގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.