ވޯލްޑް ކަޕްގެ މެޗުތައް ހުޅުމާލޭގައި ބެލޭނެ ހާއްސަ އިންތިޒާމުތަކެއް
ވޯލްޑް ކަޕްގެ މެޗުތައް ހުޅުމާލޭގައި ބެލޭނެ ހާއްސަ އިންތިޒާމުތަކެއް

އަންނަ އާދިއްތަ ދުވަހު ފަށާ މި އަހަރުގެ ވޯލްޑް މުބާރާތް ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެޗްޑީސީން ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

ވޯލްޑް ކަޕްގެ މެޗުތައް ހުޅުމާލޭގައި ބެލޭނެ ހާއްސަ އިންތިޒާމުތަކެއް
ވޯލްޑް ކަޕްގެ މެޗުތައް ހުޅުމާލޭގައި ބެލޭނެ ހާއްސަ އިންތިޒާމުތަކެއް

"ބޯޅަ ފޯރީ" ގެ ނަމުގައި ބާއްވާ އެ ހަރަކާތުގެ ދަށުން ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގައި އެޗްޑީސީން ކަނޑައަޅާ ތަނެއްގައި ބޮޑު ސްކްރީނެއް ބަހައްޓައިގެން ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިދޭނެ އެވެ.

ހުޅުމާލޭގައި އުޅޭ މީހުންނަށް ވޯލްޑް ކަޕްގެ މެޗުތައް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެޗްޑީސީއާއެކު އެއްބަސްވުން ހެދި ބައެއް ސްޕޮންސަރުންނާއެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ ސްޕޮންސަރުންނަކީ ޔޫތު މިނިސްޓްރީ އާއި ސްޓެލްކޯ އާއި ކޮކާކޯލާ ކުންފުންޏެވެ. މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އާތިފެވެ.

ޔޫތު މިނިސްްޓްރީގެ ފަރާތުން ސޮއި ކުރެއްވ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ވިދާޅުވީ، "ފުޓުބޯޅަ ފޯރީ" ގައި ބައިވެރިވާ މީހުން އަމާންކަމާއެކު އެ ހަރަކާތް ކުރިއަށް ގެންދިޔުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ސްޓެލްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އޭނާ ވިދާޅުވީ ޒުވާނުންނަށް އަމާޒުކޮށް ބައްވާ އެ ފަދަ ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމަކީ ސްޓެލްކޯ އިން އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ. އަދި އެޗްޑީސީން ބާއްވާ އެ ފަދަ އިތުރު ހަރަކާތްތަކަށް އެއްބަރުލުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އިވެންޓުގެ އޮންލައިން މީޑިއާ ޕާޓްނަރު "މިހާރު" ގެ ފަރާތުން ސޮއިކުރެއްވީ އެޑިޓަރު އިސްމާއިލް ނަސީރެވެ. ބެވަރެޖު ޕާޓްނަރެއްގެ ގޮތުގައި ސޮއި ކުރީ ކޮކާކޯލާއިންނެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް މެނޭހަރު އަރުން ރެޑީ އެވެ.

އެޗްޑީސީގެ ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ އެއީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ހިންގާ ހަރަކާތެއް ކަމަށެވެ. އެ ހަރަކާތަށް ތައްޔާރުވުމަށް ކުޑަ ދުވަސްކޮޅެއް ލިބުނު ނަމަަވެސް، ގިނަ ބައެއްގެ އެހީތެރިކަމާއެކު ފުރިހަމަ ހަރަކާތަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"ފުޓުބޯޅަ ފޯރި" ހަރަކާތް އޮންނާނީ ހުޅުމާލެ 1 ގެ ސިންތެޓިކް ޓްރެކްގަ އާއި ހުޅުމާލެ 2 ގެ ހިޔާ ފްލެޓުތައް ކައިރީގަ އެވެ. އެ ދެ ސަރަހައްދުގައި ވެސް 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނެއް ބެހެއްޓުމާއި "ސައުންޑް ހެދުމުގެ" މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ކޮކާކޯލާ ކުންފުނީގެ ޕާޓްނާޝިޕުގެ ދަށުން ބުއިންތައް ބެހެއްޓޭނެ އިންތިޒާމާއި ޕޮޕްކޯން ފަދަ ތަކެތި ލިބޭނެ ސްޓޯލެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އެޗްޑީސީން ބުނީ އެ ދެ ސަރަހައްދުގައި ވެސް ފޯރިގަދަ ހަރަކާތްތަކެއް ބާއްވާނެ ކަމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންނަށް އެ މައުލޫމާތުތައް ހިއްސާކުރާނެ ކަމަށެވެ،

އެޗްޑީސީގެ އެ އިވެންޓުގެ ސަޕޯޓިން ޕާޓްނަރަކީ ވެލިގާ ހާޑްވެއާ އެވެ. ޕްރިންޓިން ޕާޓްނަރަކީ ތިންކެވެ.