17 ނޮވެމްބަރ 2022 - 16:22

އަންނަ އާދިއްތަ ދުވަހު ފަށާ މި ފަހަރުގެ ވޯޑްލް ކަޕާ ގުޅުވައިގެން ދިރާގުގެ ހާއްސަ ހަރަކާތްތައް މިއަދު އިފުތިތާހު ކޮށްފި އެވެ.
ދިރާގުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، "ފުޓުބޯޅަ އީދު" އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު އެޑްވަޓައިޒިން، ހަސަން ޝާރިހެވެ.
މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، އެ ކެމްޕެއިންގެ ދަށުން ހާއްސަ ޕްރޮމޯޝަންތަކަކާއި އޮފާތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރެއިން ތިން އޮފާއެއް މިއަދު އިއުލާންކުރި އެވެ.
އެއީ، ކޮންމެ ކަސްޓަމަރަކު ވެސް ސަޕޯޓު ކުރާ ޓީމުން ގޯލެއް ޖެހުމުން ލިބޭ "ޖެހީ ލިބުނީ ޖީބީ" އޮފާ އާއި 350ރ. އަށް 30 ދުވަހަށް 25ޖީބީ ލިބޭ "މެޖިކް ޑޭޓާ" އާއި މޮބައިލް ޕޯސްޓްޕެއިޑާއި މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑްގެ ވަކި ޑޭޓާ ބޫސްޓާތަކެއް ނެގުމުން އެއް އަގެއްގައި ހިލޭ ދެގުނަ ޑޭޓާ ލިބޭ "ޑަބަލް ޑޭޓާ" އޮފާ އެވެ. އެ އޮފާތަކުގެ ތެރެއިން "މެޖިކް ޑޭޓާ" ނަގާ ކަސްޓަަމަރުންގެ ތެރެއިން 100 ޕަސެންޓާ ހަމައަށް ހިލޭ އިތުރު ޑޭޓާ ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކެމްޕެއިންގެ ދަށުން އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ކުރިއަށް ގެންދާ "ގެސް ދަ ޕްލޭޔާ" ކުއިޒުގައި ބައިވެރިވެގެން 3،000ރ. ގެ ގިފްޓް ވައުޗަރެއް ނަސީބުވެރި ފަސް މީހަކަށް ދޭނެ އެވެ. އަދި ބޮޑު އިނާމެއްގެ ގޮތުން ޕީއެސް 5 އާއި ފީފާ 2023 ގެ ގޭމް ސީޑީއެއް ވެސް ގުރުއަތުން ހޮވޭ ނަސީބުވެރި އެކަކަށް ދިނުމަށް ވަނީ ހަމޖެހިފަ އެވެ.
"ފުޓުބޯޅަ އީދު"ގެ ދަށުން ވައިބާ އަދި ޓެލެގްރާމް ސްޓިކާ ޕެކެއް ވެސް ދިރާގުން ވަނީ ނެރެފަ އެވެ.