21 ނޮވެމްބަރ 2022 - 13:16

ޔޫކްރޭންގައި ހުންނަ ނިއުކްލިއާ އިންޖީނުގެ އަށް ބޮން އެޅި ބަޔަކު އެ ކުޅެމުން ދަނީ އަލިފާނާ ކަމަށް، އެޓޮމިކް ހަކަތައާ ބެހޭ އދ.ގެ އިދާރާ (އައިއޭއީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާގެ ވެރިޔާ ރަފައޭލް ގްރޮސީ ވިދާޅުވީ ޒަޕަރޯޖިޔާގެ ނިއުކްލިއާ އިންޖީނުގެ ހުރި ސަރަހައްދަށް ކޮންމެ ބަޔަކު ބޮން އެޅި ނަމަވެސް، އެކަމަކީ ޒިންމާދާރުކަން ވަރަށް ކުޑަ މޮޔަ އަމަލެއް ކަމަށެވެ. އަދި މުޅި ސަރަހައްދުގެ އެންމެންނަށް، އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުމެއް ލިބިގެންދާ ފަދަ މޮޔަ އަމަލުތައް ހުއްޓައިލުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ޔޫކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު، މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި، ބަދަލުކުރި ހަމަލާތަކުގައި، ޒަޕަރޯޖިޔާ އަށް ވެސް ވަރަށް ގިނަ ހަމަލާތައް އަމާޒުވި އެވެ. މުޅި ޔޫރަޕްގައި ވެސް ހުންނަ އެންމެ ބޮޑު ނިއުކްލިއާ އިންޖީނުގެ ހުންނަނީ، ޔޫކްރޭންގެ ޒަޕަރޯޖިޔާގަ އެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ރަޝިޔާ ސިފައިގެން ބާރުގެ ދަށަށް އެންމެ ފުރަތަމަ ގެންދިޔަ، ޔޫކްރޭންގެ ތަންތަނުގެ ތެރޭގައި، ޒަޕަރޯޖިޔާ ނިއުކްލިއާ އިންޖީނުގެ ހިމެނެ އެވެ. އޭގެ ފަހުން އެ އިންޖީނުގެ ހުންނަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގަ އެވެ.
ޔޫކްރޭނުން ބުނާ ގޮތުގައި އެ ސަރަހައްދަށް ހަމަލާ ދެނީ ރަޝިޔާ ސިފައިންނެވެ. ރަޝިޔާ އިން ބުނާ ގޮތުގައި ޒަޕަރޯޖިޔާ ނިއުކްލިއާ އިންޖީނުގެއާ ކައިރި އަށް ދޭ ހަމަލާތަކަކީ، އެ ސަރަހައްދުގައި ތިބި ރަޝިޔާ ސިފައިންނަށް އަމާޒުކޮށް ޔޫކްރޭން ސިފައިން ދޭ ހަމަލާތަކެކެވެ.
މިދިޔަ ހަފުތާ ބަންދުގެ ދެ ދުވަހު (ހޮނިހިރު، ހޯމަ) ޔޫކްރޭންގެ އިރުމަތީ ސަރަހައްދަށް ރަޝިޔާގެ ބޮޑުބަޑިއާއި ބޮމުގެ 600 އަށް ވުރެ ގިނަ ހަމަލާ އަމާޒުވި އެވެ. އޭގެ ތެރެއިން އާދީއްތަ ދުވަހު އެކަނިވެސް 400 ހަމަލާ އަމާޒުވި ކަމަށް ޔޫކްރޭނުން ބުނެ އެވެ.
ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ދެ ފަރާތުގެ މެދުގައި ބަދަލުކުރި ހަމަލާތަކުގެ ތެރެއިން، ބައެއް ހަމަލާތައް އަމާޒުވީ ޒަޕަރޯޖިޔާ ނިއުކްލިއާ އިންޖީނުގެއާ ވަރަށް ކައިރި އަށެވެ. ބާރުގަދަ ގޮވުންތަކުގެ ސަބަބުން، އެ އިންޖީނުގެއަށް ލޮޅުންތައް އަރައިގެން ދިޔަ ކަމަށް އައިއޭއީއޭ) އިން ބުންޏެވެ.