ސޮވަރިންޑް ފަންޑުގެ އަދަދު އަނެއްކާވެސް ދަށަށް، ބޭނުން ކުރެވޭ ގޮތަށް ހުރީ 99 މިލިއަން ރުފިޔާ!
ސޮވަރިންޑް ފަންޑުގެ އަދަދު އަނެއްކާވެސް ދަށަށް، ބޭނުން ކުރެވޭ ގޮތަށް ހުރީ 99 މިލިއަން ރުފިޔާ!

ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ފައިސާ ދައްކަން ރައްކާ ކުރަން ކުރީގެ ސަރުކާރުން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ބޭނުން ކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 98.7 މިލިއަން ރުފިޔާ އަށް ދަށްވެއްޖެ އެވެ.

މިއީ މި ވޭތުވެދިޔަ ދުވަސްތަކުގައި ސޮވަރިން ފަންޑުގެ އަދަދު މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ. މިދިޔަ މަސް ނިމުނު އިރު އެ ފަންޑުގައި އެއް ބިލިއަން ރުފިޔާ ހުއްޓެވެ. އެހެންވެ، މިއީ މިދިޔަ މަހާ އަޅާ ބަލާއިރު ގާތްގަނޑަކަށް 90 ޕަސެންޓުގެ ދަށްވުމެކެވެ.

ފަންޑުގައި ހުރި ފައިސާ އެހާ ބޮޑަށް މަދުވީ އިންވެސްޓް ކުރުމުންނެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ގައި ސޮވަރިން ފަންޑު ހެދިއިރު އެ ފަންޑުން އިންވެސްޓް ކުރުމަކީ އޭރުގެ މަގުސަދެއް ނޫނެވެ. އޭރުގެ ބޭނުމަކަށް ވެފައި އޮތީ ބޭރުގެ ލޯނުތައް ދައްކަން ސަރުކާރަށް ދަތިވާ ހާލަތުތަކުގައި ސޮވަރިން ފަންޑުގެ ފައިސާ އިން ލޯނު ދެއްކުމެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތު ގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގަ އާއި އިގުތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ޔާމީންގެ ސަރުކާރުން އުފެއްދި ފަންޑެކެވެ. އެއީ ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ރިޒާވާ މުޅިން ތަފާތު، އެކަމަކު ފައިސާ ރައްކާ ކުރުމަށްޓަކައި އުފައްދާފައިވާ ފަންޑެކެވެ.

އެސްޑީއެފްގައި ހުންނަ ފައިސާގެ ބޮޑު ބައި މި ސަރުކާރުން މިހާރު އިންވެސްޓްކުރަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީބިލަށެވެ. ބޭންކްތަކުގައި ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި ވެސް ފައިސާ އިންވެސްޓް ކުރެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ސޮވަރިން ފަންޑުގެ ސައިޒަކީ 5.1 ބިލިއަން ރުފިޔާ އެވެ. މި އަހަރު ފެށުނު އިރު އެ ފަންޑުގައި ބޭނުން ކުރެވޭ ގޮތަށް ހުރީ 1.2 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ފަންޑުގެ ސައިޒު ހުރީ 3.8 ބިލިއަން ރުފިޔާގަ އެވެ.

ސަރުކާރުން ހަދާފައިވާ ފިސްކަލް ރިޒާވްގެ 90 ޕަސެންޓް ހުރީ ރުފިޔާ އިންނެވެ. އެ ފަންޑުގައި ޑޮލަރުން ހުރީ 10 ވަރަކަށް ޕަސެންޓެވެ. ކުރިން ޑޮލަރުން ހުރި އެ ފަންޑުގައި ހުރި ޑޮލަރު މާރުކުރީ 2020 ވަނަ އަހަރު ޑޮލަރުގެ ތާށިކަން ބޮޑުވެ، އެމްއެމްއޭގެ އެދުމުގެ މަތިންނެވެ. ސޮވަރިން ފަންޑުގައި އޭރު ހުރި ޑޮލަރު ނެގީ ރާއްޖޭގެ ޑޮލަރުގެ ރިޒާވްގެ ހާލަތު ރަނގަޅުކޮށް، އެކްސްޗޭންޖް ރޭޓް ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ އެވެ.

ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު އަންނަ އިރު ސޮވަރިން ފަންޑަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ޖަމާކުރުމެވެ. މަރުކަޒީ ބޭންކުން ބުނީ އެ ފަންޑުގެ އިންވެސްޓްމަންޓްތައް 2026 ވަނަ އަހަރަށް މެޗުއާ ނުކުރެވިއްޖެ ނަމަ، ސަރުކާރުން އަދާކުރަން ޖެހޭ ދަރަނި ދެއްކުމަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންވެ، ފަންޑުގައި އެ މުއްދަތު އަންނަ އިރު ފައިސާ ބެހެއްޓުމަށް އިންވެސްޓްމަންޓްތައް މެޗުއާ ކުރާނެ ޕްލޭނެއް އެކުލަވައިލުމަށް އެމްއެމްއޭ އިން ވަނީ ސަރުކާރަށް ލަފާދީފަ އެވެ.