29 ނޮވެމްބަރ 2022 - 02:40

ލުސެއިލް (ނޮވެމްބަރު 29) - ދެ ވަނަ ހާފުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކުރި ލަނޑުތަކުން 2-0 އިން އުރުގުއޭ ބަލިކޮށް، ޕޯޗުގަލް އިން ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.

ޕޯޗުގަލް ވަނީ ގުރޫޕް ސްޓޭޖުގައި މިހާތަނަށް އެޓީމު ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗު ކާމިޔާބުކުރީ ގާނާ އަތުން 3-2 އިންނެވެ. ގާނާ ވަނީ މިރޭ ދެކުނު ކޮރެއާއާ ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބުކޮށް ދެ ވަނަ ބުރުގެ އުންމީދު އާކޮށްފަ އެވެ.
އުރުގުއޭ އާއި ދެކުނު ކޮރެއާ އަށް ވެސް ދެ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. މިއާ އެކު ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އުރުގުއޭ، ދެ ވަނަ ބުރުން ޖާގައެއް ހޯދަން ފަހު މެޗުގައި ޖެހޭނީ ގާނާ ބަލިކުރާށެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އިން ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް އުރުގުއޭގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. މި ހާފުގައި ލީޑު ނަގަން އުރުގުއޭ އަށް ލިބުނު ހުސް ފުރުސަތުގައި ރޮޑްރިގޯ ބެންޓެންކޫ ފޮނުވާލި ބޯޅަ ދިފާއު ކުރީ ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ އެވެ.
ފެނާންޑޭޒް ޕޯޗުގަލް އަށް ލީޑު ނަގައިދިނީ 53 ވަނަ މިނިޓުގަ އެވެ. ފެނާންޑޭޒް ނެގި ބޯޅައަށް ކްރިސްޓިއާނޯ ފުންމައިގެން އަރައި ބޮލުން ޖަހަން މަސައްކަތް ކުރި ނަމަވެސް ބޯޅަ ގޯލަށް ވަނީ ރޮނާލްޑޯ ބޮލުގައި ނުޖެހި އެވެ. މިއީ ރޮނާލްޑޯ ޖެހި ގޯލެއް ކަމަށް ފުރަތަމަ ބެލެވުނެވެ. ރޮނާލްޑޯ ވެސް ވަނީ އެއީ އޭނާ ވޯލްޑް ކަޕް ގައި ޖެހި ނުވަވަނަ ގޯލު ކަމަށް ބަލައި ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ. ނަމަވެސް ފަހުން ފީފާ އިން ވަނީ އެއީ ސީދާ ފެނާންޑޭޒް ގެ ގޯލެއް ކަމަށް ނިންމައިފަ އެވެ.
އުރުގުއޭ އަށް ނަތީޖާ އެއްވަރު ކުރަން ވެސް ފުރުސަތު ލިބުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި މެކްސީ ގޮމޭޒް ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ސުއަރޭޒް އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލުގެ ދަނޑި ކައިރިންނެވެ. އަދި ޖޯޖިއަން ޑި އަރަސްކޭޓާ ކީޕަރު ބޯމަތިން ފޮނުވާލަން ޖެހި ބޯޅަ މާ ރަނގަޅަށް ފޮނުވާ ނުލެވި، އެ ބޯޅަ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާ ދިފާއު ކުރި އެވެ.
ޕޯޗުގަލްގެ ދެ ވަނަ ލަނޑަކީ ޕެނަލްޓީއަކުން ފެނާންޑޭޒް ކާމިޔާބު ކޮށްދިން ގޯލެކެވެ. މެޗުގެ އިތުރު ވަގުތުގައި ރެފްރީ މި ޕެނަލްޓީ ދިނީ، އުރުގުއޭގެ ޑިފެންޑަރު ހޯޒޭ ޖިމިނޭޒް ދެފައި ދޭތެރެއިން ފެނާންޑޭޒް ބޯޅަ ދުއްވާލި ވަގުތު ހިމިނޭޒް އޭރިއާ ތެރެއަށް ވެއްޓެނިކޮށް އޭނާގެ އަތުގައި ބޯޅަ ޖެހުމުން، ވީއޭއާރު ބެލުމަށް ފަހު އެވެ.
އޭގެ ފަހުން ވެސް ފެނާންޑޭޒް އަށް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކުރަން ދެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާގެ އެއް ހަމަލާ ކީޕަރު ރޮޗެޓް ދިފާއު ކުރި އިރު، މިނިޓެއް ފަހުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ޕޯޗުގަލް އަކީ މި އަހަރުގެ ވޯލްޑް ކަޕް ގައި ގަދަ 16 އަށް ދަތުރުކުރި ތިން ވަނަ ޓީމެވެ. އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި، ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ބްރެޒިލް ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި ދެ ވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފަ އެވެ.