12 ޖެނުއަރީ 2017 - 11:27

އެމެރިކާގެ މަޝްހޫރު މާކިއުރީ ބްރޭންޑުގެ އިންޖީނު ރާއްޖެ އެތެރެކޮށް ވިއްކާ ހަސަން މެރިން އިންޖިނިއަރިން އަށް، މާކިއުރީ މެރިން އިން ދޭ އެންމެ ޝަރަފްވެރި އެއް އެވޯޑު ލިބިއްޖެ އެވެ.
އޮންޑޮނީޝިއާގައި މިހާރު ކުރިއަށް ދާ މާކިއުރީ މެރިންގެ އޭޝިއާ ބިޒްނަސް ކޮންފަރެންސްގައި އެ ކުންފުންޏަށް ލިބުނު "މާކެޓިން އެކްސެލެންސް" އެވޯޑަކީ މާކިއުރީ އިންޖީނުގެ ވިޔަފާރި އެންމެ ރަނގަޅަށް ކުރާ އަދި އެ ބްރޭންޑުގެ އުފެއްދުންތައް އިޝްތިހާރު ކުރުމުގައި އެންމެ ކުރި ހޯދާފައިވާ ޑިސްޓްރިބިއުޓަރަކަށް ދޭ އެވޯޑެކެވެ. ހަސަން މެރިން އިންޖިނިއަރިން އަށް މި އެވޯޑު ލިބުނީ މާކިއުރީ އިންޖީނުގެ ވިޔަފާރިި ކުރާ އެކި ގައުމުތަކުގެ ކުންފުނިތަކާ ވާދަކޮށްގެންނެވެ.
މާކިއުރީ އިންޖީނު ރާއްޖެ އެތެރެކޮށް ވިއްކުމުގެ އިތުރުން ހަސަން މެރިން އިންޖިނިއަރިން އިން އެ ބްރޭންޑުގެ އިންޖީނަށް ބޭނުންވާ ސްޕެއާ ވެސް ވިއްކަ އެވެ. އަދި އިންޖީނަށް ބޭނުންވާ ސާވިސް ވެސް ފޯރުކޮށް ދެ އެވެ.
ރާއްޖޭގައި ދުއްވާ ގިނަ އަދަދެއްގެ ލޯންޗާއި އައުޓްބޯޑް އިންޖީނު އަޅާފައިވާ އެ ފަދަ އުޅަނދުތަކުގައި ބޭނުންކުރަމުން އަންނަ މާކިއުރީ އިންޖީނުގެ އާ ވައްތަރުތަކެއް ހަސަން މެރިން އިންޖިނިއަރިން އިން ވަނީ ވަރަށް ފަހުން ވެސް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.