29 ނޮވެމްބަރ 2022 - 12:58

މި ވެރިކަމާ އެކު އެކުލަވާލި ސެޓްލްމަންޓް ކޮމިޓީ އުވާލާފައި އޮތުމަށް ފަހު އުސޫލެއް ގެޒެޓްކޮށް އަނެއްކާވެސް މައްސަލަ ހުށަހަޅަން ފުރުސަތު ދީފި އެވެ.
އެ އުސޫލުގައިވާ ގޮތުން ގާނޫނާ ޚިލާފަށް ބާތިލްކޮށްފައިވާ އެއްބަސްވުންތަކާއި ވިޔަފާރީގެ މައްސަލަތައް ރައީސް އޮފީހުގައި އޮންނަ ކޮމިޓީއަށް ހުށަހަޅަން އިއްޔެ އިން ފެށިގެން 30 ދުވަސް ލިބެ އެވެ. އެކަމަކު ކޮމިޓީއަށް މައްސަލަ ހުށަހެޅޭނީ އެފަދަ މައްސަލައެއް ކަމާބެހޭ މިނިސްޓްރީއަކަށް ނުވަތަ އިދާރާއަކަށް ހުށަހަޅާފައި ނުވާ ނަމަ ކަމަށް އުސޫލްގައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސް ނެންގެވުމަކަށް ސެޓްލްމަންޓް ކޮމިޓީ ފުރަތަމަ އެކުލަވާލީ ޖެނުއަރީ، 27، 2019ގަ އެވެ. ބޭނުމަކަށް ވީ ސަރުކާރުން އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް އުވާލާފައިވާތީ އެ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ދިނުމެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ގަވާއިދާ ހިލާފަށް ކުރީގެ ސަރުކާރުތަކުން އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭންޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. މި މައްސަލަތައް ބަލަން އުފެއްދި ސެޓްލްމަންޓް ކޮމިޓީއަށް 37 މައްސަލައެއް ހުށަހެޅި އެވެ.
މި ކޮމިޓީގެ ފަހު ބައްދަލުވުން ފެބުރުއަރީ 2021 ގައި ބާއްވައި ސެޕްޓެމްބަރު މަހު ވަނީ އުވާލައިފަ އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ކޮމިޓީގެ ފަހު ބައްދަލުވުން މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ބާއްވައި ސެޕްޓެމްބަރު މަހުގެ ތެރޭގައި، ކޮމިޓީ ވަނީ އުވާލައިފަ އެވެ.
ރައީސް އޮފީހުން އިއްޔެ ގެޒެޓްކޮށްފައިވާ އުސޫލްގައި ބުނެފައިވާ ގޮތުގައި އެ އުސޫލް އެކުލަވާލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ "ހުދު ކަރުދާސް" ދިރާސާކޮށް، ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމު ނަޒާހަތްތެރިކޮށް ކުރިއަށް ގެންދަން މަޖިލީހުން ސަރުކާރަށް ލަފާދީފައިވާތީ އެވެ. އެ އުސޫލްގެ މަގްސަދަކީ އެއްބަސްވުން އުވާލުމުގައި ފާޅުކަން ބޮޑު ބޭއިންސާފެއް އޮތް ނަމަ އިންސާފު ހޯދައިދިނުން ކަމަށް އުސޫލްގައިވެ އެވެ.
މި އުސޫލްގެ ދަށުން ހައްލުކުރަން ނިންމާފައި ވަނީ އޮގަސްޓް 7، 2008 އިން ފެށިގެން އިއްޔެގެ ނިޔަލަށް ގަވާއިދާ ޚިލާފަށް ބާތިލްކޮށްފައިވާ މައްސަލަތަކެވެ.
◆ އެއްބަސްވުން ބާތިލްކުރުން
◆ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުން
◆ ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާތިލްކުރުން
"މި އުސޫލްގެ ދަށުން ހައްލުކުރާނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ކޯޓަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ނުވަތަ މައްސަލަ ހައްލުކުރުމަށް ކަނޑައަޅާފައިވާ ރަސްމީ އިދާރާއަކަށް ހުށަހަޅައިގެން ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ސަމާލުކަމަށް ލިއުމުން ގެނައުމަށް ފަހު ހައްލެއް ނުލިބި 3 އަަހަރު ދުވަސް ފާއިތުވެފައިވާ މައްސަލަތަކެވެ،" އުސޫލްގައިވެ އެވެ.
އެ މުއްދަތު ފާއިތުވުމަށް ފަހު ހުށަހަޅާ މައްސަލަތައް ބަލައިގަންނާނީ އެ މައްސަލައެއް ހުށަހެޅި ސަބަބަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ބާރުން ބޭރުގައިވާ ސަބަބެއް ކަމަށް މިނިސްޓްރީއަށް ނުވަތަ އިދާރާއަށް ގަބޫލުކުރެވޭ ސަބަބެއް ކަމުގައިވާ ނަމަ އެވެ.
ކޮމިޓީ އަލުން އެކުލަވާލަން ނިންމާފައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ފަރާތަކާ އެކު މިނިސްޓްރީތަކުގެ ބައިވެރިވުން ހިމެނޭ ގޮތަށެވެ. ކޮމިޓީގެ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން ފަންނީ ލަފާ ދިނުމަށާއި މައްސަލަތައް އިތުރަށް ދިރާސާކުރުމަށް އެހެން ފަރާތްތައް ވެސް ކޮމިޓީގެ މަސައްކަތްތަކާއި ބައްދަލުވުންތަކުގައި ބައިވެރިކުރެވިދާނެ ކަމަށް އުސޫލްގައިވެ އެވެ.
އުސޫލްގައި ބުނި ގޮތުގައި ކޯޓުން ބޭރުން ބަދަލު ދޭން ނިންމަންވާނީ، ކޯޓުން ނަގައިދޭނެ ކަމަށް ބެލެވޭ ބަދަލުގެ މިންވަރު ދެ ފަރާތް މަޝްވަރާކޮށްގެން އެއްބަސްވެވޭނެ ބަދަލަށްވުރެ ބޮޑުވެދާނެ ކަމަށް އެކަށީގެންވާ ހަމަތަކުގެ މަތިން ގަބޫލުކުރެވޭ ނަމަ އެވެ. މާލީ ބަދަލަށް ވުރެން ބޮޑަށް މިފަދަ މައްސަލަތަކުގައި ސަރުކާރުން ދެވެން އޮތް އެހެން ލުއިތަކާއި އިނާޔަތްތައްދީ މައްސަލަތައް ނިންމުމަށް ވެސް އިސްކަންދޭންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ދައުލަތުން ޚަރަދުކޮށްގެން މަޝްރޫއެއް ހިންގުމަށް ހަވާލުކޮށްފައިވާ އެއްބަސްވުމެއް ބާތިލްކޮށްފައިވާ ހާލަތުގައި އެ މަޝްރޫއެއް ހިންގުމަށް އެ ފަރާތުން ކޮށްފައިވާ ހަރަދު ބަދަލުގެ ގޮތުގައި ހިމެނިދާނެ ކަމަށް ވެސް އުސޫލްގައިވެ އެވެ.
ސެޓްލްމަންޓް ކޮމިޓީގެ އުސޫލް އާއްމުކޮށް މައްސަލަތައް ކުރިއަށް ގެންދަން ނިންމިއިރު، މި ކޮމިޓީން ކުރި މައްސަލަ ބެލި ގޮތާ މެދު ފާޑުކިއުން އަމާޒުވި އެވެ. ހާމަކަމެއް ނެތް ގޮތަށް މައްސަލަ ކުރިއަށް ގެންދާތީ އޭސީސީން އެކަން ބެލި އެވެ. އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އެ ކޮމިޓީން މައްސަލަތައް ބަލަމުން އައީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.
އޭރު ރައީސް އޮފީހުން ބުނެފައި ވަނީ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެން ކުންފުންޏަކަށް ބަދަލު ދީފައި ވަނީ ނޫމަޑިއަށް އެކަނި ކަމަށެވެ. ބަދަލު ދިން ގިނަ މައްސަލަތަކަކީ ކުރީގެ ސަރުކާރުން ގާނޫނާ ހިލާފަށް ވަކިކޮށްފައިވާ މުވައްޒަފުންނަށް ބަދަލު ނަގައިދިނުމުގެ މައްސަލަތައް ކަމަށް ވެސް ބުނެފައިވެ އެވެ.