ވިލިމާލޭގެ ބީޗުގައި ކޮޓަރިތަަކެއް ހަދަނީ އަމިއްލަ ކުންފުންޏެއްގެ ސީއެސްއާރުގެ ދަށުން: ސިޓީ ކައުންސިލް
ވިލިމާލޭގެ ބީޗުގައި ކޮޓަރިތަަކެއް ހަދަނީ އަމިއްލަ ކުންފުންޏެއްގެ ސީއެސްއާރުގެ ދަށުން: ސިޓީ ކައުންސިލް

ވިލިމާލެ ބީޗު ކައިރީގައި ކޮޓަރިތަކެއް ހަދަނީ މާލޭ ސިޓީ ކައުންސިލުން އެއްވެސް ހަރަދެއް ނުކޮށް، ކުންފުންޏެއްގެ ސީއެސްއާރުގެ ދަށުން ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

ވިލިމާލޭގެ ބީޗުގައި ކޮޓަރިތަަކެއް ހަދަނީ އަމިއްލަ ކުންފުންޏެއްގެ ސީއެސްއާރުގެ ދަށުން: ސިޓީ ކައުންސިލް
ވިލިމާލޭގެ ބީޗުގައި ކޮޓަރިތަަކެއް ހަދަނީ އަމިއްލަ ކުންފުންޏެއްގެ ސީއެސްއާރުގެ ދަށުން: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާން މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ ވިލިމާލޭގެ އިރުމަތީ ފަރާތު ބީޗުގައި ޕިކްނިކް ސަރަހައްދެއް ހެދުމުގެ ޕްރޮޖެކްޓެއް އެ ކައުންސިލުން މިދިޔަ ޖުލައި މަހު ފެށި ކަމަށެވެ. އެ ކޮޓަރިތައް ހަދަނީ އެ ޕްރޮޖެކްޓްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވިގޮތުގައި، ވިލިމާލޭގެ ޕިކްނިކް ސަރަހައްދުގައި ބާބަކިއު އޭރިއާއަކާއި އަންހެނުންނާއި ފިރިހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފާހާނާ ބަރިއެއް ވެސް ހަދަން ކައުންސިލުން ޕްލޭން ކޮށްފައިވެ އެވެ.

"ޑޭރޫމްސްގެ ގޮތުގައި 10 ކޮޓަރި ހަދަން ވެސް ނިންމާފައި އޮތީ. އެ ކޮޓަރިތަކަކީ ރޭގަނޑު މަޑުކުރާ ގޮތަށް ދޫކުރާ ކޮޓަރިތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ދިން މައުލޫމާތުގައިވާ ގޮތުން، އެ ޕްރޮޖެކްޓުގެ ހުރިހާ މަސައްކަތެއް ކުރަނީ މިލިއަން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ ސީއެސްއާރުގެ ދަށުންނެވެ. އެއީ ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ "ޝީޝިއާ" ރެސްޓޯރެންޓް ހިންގާ ކުންފުންޏެވެ.

އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

"ބީޗު އޭރިއާއަކީ ސީއެސްއާރްގެ ދަށުން ކޮށްދޭ ކަމެއް. ސިޓީ ކައުންސިލުން އެއްވެސް ހަރަދެއް ކުރާ މަސައްކަތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"އެއީ ވިލިމާލޭގައި އިންނަ ރެސްޓޯރެންޓް ހިންގަން ބޭނުންވެގެން ހުށަހެޅި ޕްރޮފޯސަލްއެއް، މުނިސިޕަލް ކޮމިޓީން ކުއްޔަށް ދޭން ނިންމީ ސީއެސްއާރްގެ ދަށުން ކައުންސިލްއާ އެއްބަސްވާ ގޮތަކަށް ބީޗު އޭރިއާ ތަރައްގީ ކޮށްދޭން."

ބިޑަށް ހުޅުވާނުލައި ސިޓީ ކައުންސިލުން އެ ޕްރޮޖެކްޓް ބަޔަކާ ހަވާލުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މަސައްކަތް ހަވާލުކުރީ ކޮން ބަޔަކާކަން ނޭނގިގެން އެކަމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ފާޅުކުރި އެވެ.