01 ޑިސެމްބަރ 2022 - 10:42

ވޯލްޑް ކަޕުގެ ޗެމްޕިއަން ޓީމަށް މިހާރު ދޭ "ފީފާ ވޯލްޑް ކަޕް ޓްރޮފީ" ދޭން ފެށީ 1974 ވަނަ އަހަރު އެވެ. ޓްރޮފީ ބަދަލުކުރަން ޖެހުނީ ކުރިން ދެމުން އައީ "ޖޫލްސް ރިމޭ ޓްރޮފީ" ބްރެޒިލުން މިލްކުކުރުމުންނެވެ.
ވޯލްޑް ކަޕުގެ ފުރަތަމަ ޓްރޮފީ ފަރުމާކޮށް ތައްޔާރުކުރީ ސްކަލްޕްޗަރެއް ކަމަށްވާ އެބެލް ލަފްލޭ އެވެ. ވޯލްޑް ކަޕް ބޭއްވި ފުރަތަމަ ގައުމު، އުރުގުއޭ އަށް މި ތަށި ފްރާންސް މަގުން ގެންދިޔައީ "ކޮންޓޭ ވަޑޭ" ނަމަކަށް ކިޔާ އިޓަލީގެ ފަސެންޖާ ބޯޓަކުންނެވެ. އެ ބޯޓުގައި ފްރާންސް، ރޫމޭނިއާ އަދި ބެލްޖިއަމްގެ ގައުމީ ޓީމު ވެސް އުރުގުއޭ އަށް ދަތުރު ކުރި އެވެ.
ދެ ވަނަ ބޮޑު ހަނގުރާމައިގައި ދުވަސް ވަރު ޖޫލްސް ރިމޭ ޓްރޮފީގެ ރައްކާތެރި މެދު ކަންބޮޑުވުން އުފެދުނެވެ. ހަނގުރާމައިގެ ހުޅުގަނޑުގެ ތެރޭ ތަންތަން ލޫޓުވުން ވެސް އިންތިހާ އަށް ޔޫރަޕްގައި ފެތުރުނެވެ. އެހެންވެ ވޯލްޑް ކަޕް ޓްރޮފީގެ ސަލާމަތްތެރި ކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.
އޭރު ފީފާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިޓަލީގެ އޮޓޮރިނޯ ބަރާސީ ވަނީ ރޯމްގެ ބޭންކެއްގެ ވޯލްޓްގައި ހުރި ޓްރޮފީ ނަގައިގެން ސިއްރިޔާތުގައި ގެންގޮސް އޭނާ އަވަހާރަލައްޕަވާ އެނދުގެ ދަށުގައި ހުރި ބޫޓު ފޮށިގަނޑެއްގައި ފޮރުވާފަ އެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމި 1950 ގައި އަލުން ވޯލްޑް ކަޕް ފަށަން ދެން ޓޮރޮފީ އޮތީ އޭނާގެ އެނދުތަންދޮށުގަ އެވެ. ބްރެޒިލްގައި 1950 ގައި ބޭއްވި ވޯލްޑް ކަޕަށް އެ ގައުމަށް މުބާރާތުގެ ތަށި ގެންދިޔައީ ވެސް އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.
ވޯލްޑް ކަޕް ފެށުމުގެ ހަތަރު މަސް ކުރިން، މާޗް 20، 1966 ގައި އިނގިރޭސި ވިލާތުގެ ވެސްޓް މިނިސްޓާސް ސެންޓްރަލް ހޯލްގައި ތަށި ބައްހައްޓަފައި ވަނިކޮށް، އެ ތަށި ގެއްލުނެވެ. އޭގެ ހަފުތާއެއް ފަހުން އެ ތަށި ފެނުނީ ލަންޑަން އިރު ދެކުނު ސަރަހައްދުންނެވެ. ތަށި ހޯދީ ޕިކަލްސް ނަމަކަށް ކިޔާ ކުއްތާއެއް މެދުވެރިކޮށެވެ.
ތަށި ވަގަށް ނެގި މީހާ ފަހުން ހައްޔަރުކުރި އެވެ. އޭނާ އަކީ ކުރިން ވެސް ވައްކަން ކުރުމުގެ ކުށުގެ ރެކޯޑް އޮތް އެޑްވާޑް ބެޗްލީ ނަމަކަށް ކިޔާ މީހެކެވެ. ކުރި ތަހުގީގުތަކުން އެނގުނީ ބެޗްލީ ހަރަކާތްތެރި ވަނީ "ދަ ޕޯލް" ނަމަކަށް ކިޔާ ފޮރުވިގެން އުޅޭ މީހެއްގެ އޯޑަރަށް ކަމެވެ. "ދަ ޕޯލް" ހޯދުމުގައި ފުލުހުންނަށް ކާމިޔާބެއް ނުވި އެވެ. ނަމަވެސް ބެޗްލީ ދެ އަހަރަށް ޖަލަށްލި އެވެ.
ޖޫލްސް ރިމޭ ޓްރޮފީގެ ތަށި ބްރެޒިލުން ތިން ވަނަ ފަހަރަށް ހޯދުމުން އެ ތަށި ބްރެޒިލަށް މިލުކުވި އެވެ. އެއާ އެކު އާ ޓްރޮފީ އެއް ބޭނުންވި އެވެ. އާ ޓްރޮފީ ޑިޒައިން ކުރުމަށް ހަތް ގައުމަކަށް ނިސްބަތްވާ ޑިޒައިނަރުން 53 ހުށަހެޅުން ފީފާ އަށް ފޮނުވި އެވެ. ފީފާއިން އިހުތިޔާރު ކުރީ އިޓަލީގެ ޑިޒައިނަރު ސިލްވިއޯ ގަޒާނިގާ ހުށަހެޅި ފަރުމާ އެވެ. އެއީ މިހާރުގެ ވޯލްޑް ކަޕްތަށީގެ ޑިޒައިނެވެ.
ބްރެޒިލުން މިލްކުކުރި "ޖޫލްސް ރިމޭ ޓްރޮފީ" އެ ގައުމުގެ ފުޓްބޯޅަ ކޮންފެޑެރޭޝަންގެ އޮފީހުގައި ބަހައްޓާފައި ވަނިކޮށް 1983 ވަނަ އަހަރު ވަގަން ނެގި އެވެ. އެކަންކުރީ ބޭންކެއްގައި މަސައްކަތް ކުރާ ސާޖިއޯ ޕެރޭރާ އޭރެސް ކިޔާ މީހަކު އަޑިގައި ހުރެގެންނެވެ. އެކަމަކު ޓްރޮފީ ނުހޯދުނެވެ. ބެލެވޭ ގޮތުގައި ރަނުގެ ބޭނުމުގައި އޭނާ ޓްރޮފީ ވިރުވާލީ އެވެ.