ވީރު ހަސަންދީދީ އަވަހާރަވެއްޖެ
ވީރު ހަސަންދީދީ އަވަހާރަވެއްޖެ

ގ. ރެޑިއަމްގޭ ހަސަންދީދީ (ވީރު ހަސަންދީދީ) އުމުރުފުޅުން 86 އަހަރުގައި އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަތާ ދުވަސްތަކެއްވީ ފަހުން ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ވީރު ހަސަންދީދީ ވަނީ ސިފައިންގެ ބޭކަލެއްގެ ގޮތުން ދިވެހި އަސްކަރިއްޔާ އަށް ހިދުމަތްކުރައްވައިފަ އެވެ. އޭނާ ސިފައިންގޭގައި އުޅުއްވީ އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުން ފެށިގެން އިބްރާހީމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރާ ހަމައަށެވެ.

ވީރު ހަސަންދީދީ އަކީ ހުވަދު އަތޮޅު އަތޮޅުވެރިކަމުގައި ހުންނަވަނިކޮށް ސިހުރު ހަދައިގެން އަވަހާރަކޮށްލެވުނު މަޝްހޫރު ވީރު އަލިދީދީގެ ބޭފުޅެކެވެ. މުހައްމަދު އަމީނުގެ ރައީސްކަމުގައި 1953 ގައި، ވިހަ ސައެއް ބޯންދީގެން ވީރު އަލިދީދީ އަވަހާރަކޮށްލިކަމަށް އިއުތިރާފުވުމުން އެ އަތޮޅު ނިލަންދޫ ހަކީމްދީދީ އަށް މަރުގެ ހުކުމް އިއްވި އެވެ. ހުޅުލޭގައި ބަޑި ޖަހައި ހަކީމްދީދީ މަރާލި ފަހުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒެއް ނުކުރެ އެވެ.

ވީރު ހަސަންދީދީގެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން ދޮށީ ދަރިކަނބަލުން އާއިޝަތު ޒައީމާ ހަސަން ދީދީ އަކީ ރާއްޖޭގައި ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރާތާ އެންމެ ދުވަސްވީ އެއް ބޭފުޅާ އެވެ. ސަރުކާރުން ވަނީ އިޖްތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން ޒައީމާ އަށް 2013 ގައި ޝަރަފްވެރިކަމުގެ ގައުމީ އިނާމު ދީފަ އެވެ. ޒައީމާގެ ފިރިކަލުންނަކީ ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އައްބާސް އިބްރާހީމް އެވެ.

އެގޭ އަހުމަދު ހަސަންދީދީ އަކީ ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އެވެ. ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި އެ މަގާމް ފުރުއްވާ އަހުމަދު ވަނީ ކްރިކެޓް ބޯޑުގެ ރައީސްކަން ކުރައްވައި ރާއްޖޭގައި އެ ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވައިފަ އެވެ.

ޒުލޭހާ ހަސަންދީދީ އަކީ ބައިކް މޯލްޑިވްސްގެ ޗެއާޕާސަން އެވެ. އަދި ޖީހާން ހަސަންދީދީ އަކީ، "ޖީ ކެއާ" ގެ ނަމުގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދޭ ޖަމިއްޔާއެއް ހިންގަވާ ބޭފުޅެކެވެ.

ވީރު ހަސަންދީދީގެ މޫނުދެއްކުން އޮތީ އާސަހަރާގަ އެވެ. އަދި ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.