ރުގްޔާކުރަން ނޮޅިވަރަންފަރުގެ ސަހަރާ ކޮނެފި، އެކަމުގައި ފުލުހުންގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތު!
ރުގްޔާކުރަން ނޮޅިވަރަންފަރުގެ ސަހަރާ ކޮނެފި، އެކަމުގައި ފުލުހުންގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތު!

ރުގްޔާ ކުރަން ހދ. ނޮޅިވަރަންފަރުގެ ސަހަރާ ކޮންނަން ތިބި ބަޔަކު ރޭ ހުއްޓުވައިފި އެވެ.

އެ ރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ނަދީމް "މިހާރު" އަށް މިއަދު ވިދާޅުވީ، ފުލުހުންނާއި އާންމުންގެ ބަޔަކު ގުޅިގެން ރޭގެ 11:30 ހާއިރު ސަހަރާ ކޮންނަން ތިބި ކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބުނު ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ސަހަރާގެ ދެ ގަބުރެއްގެ މަތި ވަނީ ކޮނެފަ އެވެ.

ކައުންސިލަރުން އެތަނަށް ދިޔައިރު، ނޮޅިވަރަންފަރުގެ ޕޮލިސް ސްޓޭޝަނުގެ ވެރިޔާ އާއި އިތުރު ދެ ފުލުހަކު ވެސް އެ ތަނުގައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ތަނަށް ދިޔައީމާ ފުލުހުން ބުނީ އެ ބޭފުޅުންގެ ފޮރެންސިކް ބޭނުމަކަށޭ ކޮންނަނީ،" ނަދީމް ވިދާޅުވި އެވެ.

"އެކަމަކު ފުލުހުންގެ ފޮރެންސިކްގެ ބޭނުމަކަށް އާންމުންގެ ބަޔަކު ލައްވައި ތަނެއް ކޮނުވާނެތޯ؟ އެ ވެސް ގަބުރެއްގެ މަތި؟ ފުލުހުން އެ ތަނުގައި އެ މީހުންނަށް ހިމާޔަތް ދޭން ތިބީ. ފުލުހުންގެ އެހީތެރިކަމާ އެކު އެކަން އެ ކުރެވުނީ."

ނަދީމް ވިދާޅުވީ އެއީ ރުގިޔާ ކުރަން ވެގެން ކުރި ކަމެއް ކަމަށެވެ. ސަހަރާ ކޮނުމުގެ ހުއްދައަށް އާންމުންގެ ބަޔަކު ކުރިން ކައުންސިލުގައި އެދުމުން، އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި އެ ކަހަލަ ކަމެއް ނުކުރެވޭނެކަން އަންގައި، އެ ކަން ކުރުން މަނާކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރުގްޔާ ކިޔަވަން ވެސް ކިޔެވި. ފުލުހުންގެ ފޮރެންސިކްގެ ބޭނުމަކަށް ކިޔަވަމަކުން އެއްޗެއް ނުނަގާނެ ދެއްތޯ؟،" އޭނާ ސުވާލު އުފެއްދެވި އެވެ.

އެ މައްސަލާގައި މީޑިއާ އިން ސުވާލު ކުރުމުން ރޭ ފުލުހުން ބުނީ އެ އިދާރާ އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ރޭގެ ވަގުތެއްގައި ނޮޅިވަރަންފަރުގެ ސަހަރާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ތަން ބަލައި ފާސްކުރީ ކައުންސިލުގެ އެހީތެރިކަމާ އެކު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް، ސަހަރާ ކޮނުމުގައި ފުލުހުންގެ ބައިވެރިވުން އޮތް ކަމަށް ކައުންސިލުން ކުރާ ތުހުމަތާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.