މި އަހަރު ވެސް ބަޖެޓްކުރި ވަރަށްވުރެ އިތުރަށް ދަތުރުތަކަށް ހޭދަކޮށްފި
މި އަހަރު ވެސް ބަޖެޓްކުރި ވަރަށްވުރެ އިތުރަށް ދަތުރުތަކަށް ހޭދަކޮށްފި

ސަރުކާރުން ކުރާ ދަތުރުފަތުރަށް ބަޖެޓުގައި ކަނޑައެޅި ވަރަށް ވުރެ އިތުރަށް މި އަހަރު ވެސް ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރު ދަތުރުފަތުރަށް ކަނޑައެޅި އަދަދަށް ވުރެ 10 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވެ އެވެ. މިއަހަރުގެ މިހާތަނަށް ދަތުރުފަތުރަށް 213 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މިދިޔަ ހަތަރު އަހަރަށް ބަލާއިރު 2020 ވަނަ އަހަރު ފިޔަވައި ކޮންމެ އަހަރަކު ވެސް ދަތުރުފަތުރަށް ބަޖެޓުކުރާ ވަރަށް ވުރެ އިތުރަށް ހޭދަކޮށްފައިވެ އެވެ. އެންމެ ބޮޑު ހޭދައެއް ދަތުރުފަތުރަށް ކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 223 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މިއަހަރު ދައުލަތުގެ ޖުމްލަ ހަރަދަށް ބަލާއިރު ބަޖެޓުން ވަނީ 38 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން ރިކަރަންޓް ހަރަދަކީ 26 ބިލިއަން ރުފިޔާ އެވެ. ރިކަރަންޓް ހަރަދުގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ހޭދައެއް ހިނގާ މުސާރަ އާއި ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށެވެ.

ޕްރޮޖެކްޓްތައް ހިންގުމަށް 9.6 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު ގެއްލުމުގެ ބަދަލުގެ ގޮތުގައި މި އަހަރު އެކި ފަރާތްތަކަށް 44 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.