އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި 124 ކައުންސިލަރުން އެމްޑީޕީގައި ތިބި: އިބުރޭ
އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި 124 ކައުންސިލަރުން އެމްޑީޕީގައި ތިބި: އިބުރޭ

އެހެން ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި 124 ކައުންސިލަރުން އެމްޑީޕީން ބަލަހައްޓާ އެ ޕާޓީގެ ދަފްތަރުގައި އޮތް ކަމަށާއި ދަފްތަރު ސައްހަކުރަން ޖެހުނީ އީސީގެ ދަފްތަރުގައި ހިމެނޭ އެހެން ޕާޓީތަކުގެ 17،000 އަށް ވުރެން ގިނަ މީހުން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ބަލާތީ ކަމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި 124 ކައުންސިލަރުން އެމްޑީޕީގައި ތިބި: އިބުރޭ
އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި 124 ކައުންސިލަރުން އެމްޑީޕީގައި ތިބި: އިބުރޭ

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ދަފްތަރާ މެދު އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި، ދަފްތަރު އޮތީ ގަޑުބަޑުކޮށްފަ އެވެ. އެއީ އެމްޑީޕީ އުފެދުނު އިރު ވެސް ތިބި ގިނަ އަދަދެއްގެ މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާތީ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެ އެވެ.

އެގޮތަށް ދަފްތަރު ބާއްވައިގެން ރިޔާސީ ޕްރައިމަރީ އިންސާފުވެރި ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެކަމަކު މި ތުހުމަތާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ދަފްތަރު ސައްހަކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުން ކަމަށެވެ. ދަފްތަރު މިހާރު އޮތީ، ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި ކަމަށް ވެސް ޕާޓީން ބުންޏެވެ.

ގައުމީ މަޖިލީހަށް ހުށަހަޅައިގެން ދަފްތަރު ސައްހަކުރަން ޖެހުނު ސަބަބު ސާފުކޮށްދެއްވައި އިބުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެހެން ޕާޓީތަކުގެ ގިނަ އަދަދެއްގެ މެމްބަރުން އެމްޑީޕީގައި ތިބި ކަމަށެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކައުންސިލަރުންގެ އިތުރުން ޑަބްލިއުޑީސީގެ 101 މެމްބަރުންނާއި މަރުވެފައިވާ 800 އަށް ވުރެން ގިނަ މެމްބަރުންގެ ނަން ވެސް އޮތް ކަމަށް ވިދާޅުވި އެވެ.

"މެމްބަޝިޕް ސައްހަކުރުމަށް ތިން މަސް ދެވުނު 39،000 މީހުންގެ ތެރޭގައި އީސީގައި އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި އޮތް 17،156 މީހުން ތިބި،" އިބުރޭ ވިދާޅުވި އެވެ.

އޭނާ ވަނީ ދަފްތަރު ސައްހަކުރަން ގައުމީ މަޖިލީހަށް ގަރާރު ހުށަހެޅުމުގެ މެމްބަރުންނާ ހިއްސާކުރި ލިއުން ވެސް އާއްމުކުރައްވައިފަ އެވެ.

ޕީޕީއެމްގެ 6،357 މެމްބަރުން

ޖޭޕީގެ 3،788 މެމްބަރުން

އެމްޑީއޭގެ 1،761 މެމްބަރުން

އެމްޓީޑީގެ 1048 މެމްބަރުން

އެމްއާރުއެމްގެ 1029 މެމްބަރުން

އެމްއެސްއެލްޑީޕީގެ 875 މެމްބަރުން

ޑީއާރުޕީގެ 389 މެމްބަރުން

"އެމްޑީޕީގެ ވެބްސައިޓުގައިވާ ލިސްޓުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ލޯކަލް ކައުންސިލްގައި އެމްޑީޕީގެ ކައުންސިލަރުންގެ ގޮތުގައި 403 ކައުނސިލަރުން އިންތިހާބުވެފައިވެ އެވެ. މީގެ އިތުރުން އަދާލަތު ޕާޓީން އިންތިހާބުވެފައިވާ 1 ކައުންސިލަރު، ޖޭޕީގެ 6 ކައުންސިލަރުން، އެމްއެސްއެލްޑީޕޯގެ 1 ކައުންސިލަރު، ޕީޕީއެމްގެ 54 ކައުންސިލަރުން އަދި އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބުކޮށްފައިވާ 63 ކައުންސިލަރުން ހިމެނެ އެވެ،" އިބުރޭ އާއްމުކުރެއްވި ލިއުމުގައި ވެ އެވެ.

ޕާޓީގެ ދަފްތަރާ ގުޅޭ އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެހެން ޕާޓީތަކުގެ މެމްބަރުން ދަފްތަރުގައި ތިބުމަކީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެ ކަމަށެވެ. އަދި އެއީ ޕާޓީގެ އަސާސީ ގަވާއިދާ ވެސް ޚިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ މި ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާ އިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފަ އެވެ.