ޝަަރަޕޯވާ ދެ އަހަރަށް ސަސްޕެންޑްކޮށްފި
ޝަަރަޕޯވާ ދެ އަހަރަށް ސަސްޕެންޑްކޮށްފި

ލަންޑަން (ޖޫން 9) - މަނާބޭސް ބޭނުން ކުރުމުގެ ސަބަބުން ރަޝިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ ދެ އަހަރަށް ސަސްޕެންޑް ކުރުމަށް ވޯލްޑް ޓެނިސް ފެޑެރޭޝަނުން ނިންމައިފި އެވެ.

މި އަހަރު ޖެނުއަރީ މަހު ކުރިއަށްދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ތެރޭގައި މަނާބޭހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޝަރަޕޯވާ އެއްބަސްވީ މާޗް މަހު އަށް ވަނަ ދުވަހު އެވެ. ޝަރަޕޯވާ ބޭނުންކުރި މެލްޑޯނިއަމް އަކީ ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު މަނާކުރި ބޭހެކެވެ.

އުމުރުން 28 އަހަރުގެ ޝަރަޕޯވާ އޭރު ބުނީ 2006 ވަނަ އަހަރުން ފެށިގެން އޭނާ މެލްޑޯނިއަމް ބޭނުން ކުރަމުން އަންނަ ކަމަށާއި އޭއީ ބައްޔަކަށް ފަރުވާ ހޯދުމުގެ ގޮތުން ކަމަށެވެ. މަނާބޭސް ބޭނުންކުރި ކަމަށް ޝަރަޕޯވާ އެއްބަސްވުމުން އެ މައްސަލަ ބެލުމަށް ޓަކައި އޭނާ ވަގުތީ ގޮތުން ޓެނިހުގެ ހަރަކާތްކުން ސަސްޕެންޑް ކުރީ މާޗް 12 ވަަނަ ދުވަހު އެވެ.

ޝަރަޕޯވާ ބުނީ މިއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށާއި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.

"މިއީ އިންސާފުވެރި ނިންމުމެއް ނޫން. އަހަރެން މި މައްސަލައާ ދެކޮޅަށް އެޕީލް ކުރާނަން. މި ބޭހަކީ އަހަރެން ސިއްހީ ބައްޔަކަށް ފަރުވާ ހޯދަން ބޭނުންކުރާ ބޭހެއް. ގަސްދުގައި މަކަރު ހަދަން ކުރާ ކަމެއް ނޫން. މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްްސް އަށް ހުށަހަޅާނަން،" ޝަރަޕޯވާ އޭނާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.

ލަންޑަންގައި 2012 ވަނަ އަހަރުގައި އޮތް އޮލިމްޕިކްގައި ރިހި މެޑަލް ހޯދި ޓީމުގައި ޝަރަޕޯވާ ހިމެނެ އެވެ. އަދި މި އަހަރު އޮގަސްޓް މަހު ބްރެޒިލް ރިއޯގައި އޮންނަ އޮލިމްޕިކަށްދާ ރަޝިއާގެ ސްކޮޑުގައި ވެސް ޝަރަޕޯވާގެ ނަން ހިމެނި އެވެ. ނަމަވެސް އޭނާ ދެ އަހަރަށް ސަސްޕެންޑް ކުރުމުން ރަޝިއާ އިން އޭނާގެ ނަން ނަގާނެ ކަަމަށް ވަނީ ބުނެފަ އެވެ.