ޕްރިމިއާ ލީގު އަލުން ފަށަނީ، ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އާސެނަލް
ޕްރިމިއާ ލީގު އަލުން ފަށަނީ، ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އާސެނަލް

މި އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ މަހު އެވެ. މިޑް ސީޒަން ބްރޭކަކަށް ފަހު އަލުން ލީގުގެ ކުޅުން މިއަދު ފަށަން ތައްޔާރު ވެފައި ވާއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެން، ތާވަލްގެ އެއް ވަނައިގައި އޮތީ އާސެނަލް އެވެ.

ޕްރިމިއާ ލީގު އަލުން ފަށަނީ، ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އާސެނަލް
ޕްރިމިއާ ލީގު އަލުން ފަށަނީ، ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އާސެނަލް

އަލުން ލީގު ފަށާއިރު، މަގާމް ދިފާއުކުރަން އާސެނަލް ނުކުންނާނީ މިހާތަނަށް ކުޅުނު 14 މެޗުގައި ވެސް ކުޅެ، ފަސް ގޯލު ޖަހައި، ހަ ގޯލު އެސިސްޓު ކުރި އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް ނުލަ އެވެ. ވޯލްޑް ކަޕް ގައި ކެމަރޫނާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ސާޖަރީ ހަދަން ޖެހި، އޭނާ އަށް އެންމެ އަވަހަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ޕްރިމިއާ ލީގު އަލުން ފަށަނީ، ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އާސެނަލް
ޕްރިމިއާ ލީގު އަލުން ފަށަނީ، ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އާސެނަލް

ޖީސަސް އަކީ އާސެނަލް މި ސީޒަނަށް މެންޗެސްޓާ ސިޓީ އިން ގަތް ކުޅުންތެރިއެކެވެ. އަލުން ލީގުގެ ކުޅުން ފަށާއިރު ޖީސަސްގެ ބޭނުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އަށް ނުހިފޭއިރު، އެ މަގާމަށް ބޭނުން ކުރާނެ ކަމަށް ބެލެވެނީ 23 އަހަރުގެ އިނގިރޭސި ފޯވާޑް އެޑީ ކެޓިއާ އެވެ.

ޕްރިމިއާ ލީގު އަލުން ފަށަނީ، ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އާސެނަލް
ޕްރިމިއާ ލީގު އަލުން ފަށަނީ، ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގައި އާސެނަލް

"މިއީ ވަރަށް ބޮޑު ގެއްލުމެއް. އޭނާ އަކީ އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. ޓީމަށް ތަފާތު ރޫހެއް ގެނެސްދިން ކުޅުންތެރިއެއް. އެ މަގާމު އެހެން ކުޅުންތެރިއަކަށް ފޫ ނުބެއްދޭނެ،" ޖީސަސްގެ އަނިޔާއާ ގުޅިގެން އާޓެޓާ ބުނެފައިވެ އެވެ.

"އެކަމަކު އެހެން ކުޅުންތެރިން އެބަތިބި، ފޫބައްދަން މަސައްކަތް ކުރާނަން. ދެން އޮތް އޮޕްޝަނަކީ ޖެނުއަރީ ޓްރާންސްފާ މާކެޓް."

ލީގު އަލުން ފަށާއިރު އާސެނަލްގެ ފުރަތަމަ މެޗުގައި މިރޭ މެންދަމު 1 ޖަހާއިރު އަމިއްލަ ދަނޑުގައި ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. އަދި އަހަރުގެ ފަހު ދުވަހުގެ ރޭ ރަށުން ބޭރުގައި ބްރައިޓަން އާ ދެކޮޅަށް ނުކުންނާނެ އެވެ.

އާ އަހަރުގައި އާސެނަލް އަށް ފުރަތަމަ އޮތީ، ލީގުގައި ވަރުގަދަކޮށް ފެންނަ ނިއުކާސަލް ޔުނައިޓެޑެވެ. ލީގުގައި މިހާތަނަށް އެންމެ ގިނަ ކްލީންޝީޓް ނަގައިފައި ވަނީ ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް އާއި އާސެނަލްގެ އާރޮން ރަމްސްޑޭލް އެވެ. ދެ ކީޕަރުން ވެސް ވަނީ ހަތް މެޗުގައި ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހުއްޓުވައިފަ އެވެ.

ނިއުކާސަލް އާ ކުޅުމަށް ފަހު އެފްއޭ ކަޕް ތިން ވަނަ ބުރުގެ މެޗު ކުޅެ، ޓޮޓެންހަމް ހޮޓްސްޕާ އާއި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ވެސް ޖެނުއަރީ މަސް ނިމުމުގެ ކުރިން ކުޅޭނެ އެވެ.

ލީގުގައި މިހާތަނަށް 13 މެޗު ކުޅެ 18 ގޯލު ޖަހައިގެން ތަފާތު ބޮޑުކޮށް ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތީ، މި ސީޒަންގައި އަލަށް ޕްރިމިއާ ލީގަށް ގެނައި ސިޓީގެ އާލިން ހާލަންޑް އެވެ.

ހާލަންޑަކީ ނޯވޭ ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އަށް ނޯވޭ ވޯލްޑް ކަޕަށް ކޮލިފައިކޮށް ނުދެވުނީ، މިދިޔަ އަހަރުގެ ފަހުކޮޅު، ކޮލިފައިން ގުރޫޕުގެ ފަހު ހަތަރު މެޗުގައި އަނިޔާއަކާ ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ. ނަތީޖާއެއްގެ ގޮތުން ޕްރިމިއާ ލީގުގެ އެންމެ ނުރައްކާތެރި ސްޓްރައިކަރު މި އަހަރުގެ ވޯލްޑް ކަޕް ގައި ނުފެނުނެވެ.

ސިޓީ އިން ވޯލްޑް ކަޕަށް 16 ކުޅުންތެރިން ގައުމީ ޓީމުތަކަށް ވީއްލި އެވެ. އޭގެ ތެރޭގައި، ސިޓީގައި އާއްމުކޮށް ހާލަންޑަށް އަރާމުކުރަން ދޭ ފުރުސަތުތަކުގައި އަރުވަން ގެނައި 22 އަހަރުގެ ހޫލިއަން އަލްވަރޭޒް ވެސް ހިމެނެ އެވެ. އާޖެންޓީނާ އާއެކު ވޯލްޑް ކަޕް ތަށި އުފުލާލި އަލްވަރޭޒް ވަނީ އެގައުމަށް ވޯލްޑް ކަޕް ހޯދައިދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ވޯލްޑް ކަޕް ގައި އަލްވަރޭޒް ހަތަރު ގޯލު ޖެހި އެވެ. އޭގެ ތެރޭގައި ސެމީ ފައިނަލް މެޗުގައި ޖެހި ދެ ގޯލު ވެސް ހިމެނެ އެވެ. އެކަމާ ސިޓީގެ ކޯޗު ގާޑިއޯލާ ހުރީ ވަރަށް ވެސް އުފަލުންނެވެ. އަލްވަރޭޒް ވަނީ ސިޓީ އަށް ވެސް މި ސީޒަން ގައި މިހާތަނަށް ކުޅެދިން 20 މެޗުގައި ހަތް ގޯލު ޖަހައިފަ އެވެ. އަދި ގާޑިއޯލާ ވަނީ އޭނާ އަށް އަރާމުކުރަން ދިގު މުއްދަތެއް ދީފަ އެވެ. ނަމަވެސް އަހަރުގެ ފަހު ދުވަހުގެ ރޭ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ޓީމާ ގުޅޭނެ ކަމަށް ގާޑިއޯލާ ބުނެ އެވެ.

ވޯލްޑް ކަޕަށް ގާޑިއޯލާ ދޫކުރި ގިނަ ކުޅުންތެރިންތަކެއް ވަނީ ޓީމާ ގުޅިފަ އެވެ. އަދި ހާލަންޑް ވެސް ހުރީ ނޮވެމްބަރު މަހު އޭނާ އަށް ލިބުނު އަނިޔާއަކުން މުޅިން ރަނގަޅު ވެފަ އެވެ. ވޯލްޑް ކަޕަށް ފަހު އިނގިރޭސި ލީގް ކަޕް ގައި މެންޗެސްޓާ ސިޓީ އިން 3-2 އިން ލިވަޕޫލް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރު ކުރި މެޗުގައި ވެސް ހާލަންޑް ވަނީ އޭނާގެ ގޯލު ޖެހުމުގެ ޓަޗް ނުގެއްލޭކަން ސާބިތު ކޮށްދީފަ އެވެ.

ސިޓީގެ ފުރަތަމަ މެޗަކަށް އޮތީ ބުދަ ދުވަހުގެ ރޭ މެންދަމު 1 ޖަހާއިރު، ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.

އާސެނަލް އާއި ސިޓީ އަށް ވުރެ މެޗެއް އިތުރަށް ކުޅެގެން، ސިޓީ އަށް ވުރެ ދެ ޕޮއިންޓް މަދުން ހޯދައިގެން ތިން ވަނައިގައި އޮތީ، މިދިޔަ އޮކްޓޫބަރު މަހު ސައުދީ އަރަބިއްޔާގެ ކުންފުންޏަކުން ގަތް ނިއުކާސަލް ޔުނައިޓެޑެވެ. އެ ޓީމު މި ސީޒަން ގައި މިހާތަނަށް ބަލި ވީ ރަށުން ބޭރުގައި ލިވަޕޫލް އަތުންނެވެ. ސިޓީ އާއި ޔުނައިޓެޑާ އެއްވަރުކޮށް، ޓޮޓެންހަމާއި ޗެލްސީ ވެސް ވަނީ ބަލިކޮށްފަ އެވެ.

ނިއުކާސަލް އަށް ލީގު އަލުން ފަށާއިރު އެންމެ ފުރަތަމަ އޮތީ ލެސްޓާ ސިޓީ އެވެ. ސީޒަންގެ ކުރީކޮޅު ލެސްޓާ އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް، ފަހުން އެޓީމުން ވަނީ ނަތީޖާތައް ރަނގަޅު ކުރަން ފަށައިފަ އެވެ. އެންމެ ފަހުން ލީގުގައި ކުޅެފައިވާ ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކުރި އިރު، ބަލިވެފައި ވަނީ ސިޓީ އަތުން ހަނި ތަފާތަކުންނެވެ.

ނިއުކާސަލް އާ އެއްވަރަކަށް މެޗު ކުޅެގެން އެއް ޕޮއިންޓް ފަހަތުގައި، ތާވަލްގެ ހަތަރުު ވަނައިގައި އޮތީ ޓޮޓެންހަމް އެވެ. ޓޮޓެންހަމް ކުލެން އޮތީ ބްރެންޓްފޯޑާ ދެކޮޅަށެވެ. ބްރެންޓްފޯޑުން ވަނީ ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ ގެ ބަލި ނުވުމުގެ ރެކޯޑް ނިމުމަކަށް ގެނެސްފަ އެވެ.

މެދުކެނޑުމަކަށް ފަހު ޕްރިމިއާ ލީގު އަލުން ފަށަން އޮތީ މިއަދު ހަވީރު 5:30 ގައި ޓޮޓެންހަމާއި ބްރެންޓްފޯޑް ކުޅޭ މެޗުންނެވެ.

⬤ 26 ޑިސެމްބަރު (17:30) : ބްރެންޓްފޯޑް - ޓޮޓެންހަމް

⬤ 26 ޑިސެމްބަރު (20:00) : ސައުތެމްޓަން - ބްރައިޓަން

⬤ 26 ޑިސެމްބަރު (20:00) : ލެސްޓާ ސިޓީ - ނިއުކާސަލް

⬤ 26 ޑިސެމްބަރު (20:00) : ކްރިސްޓަލް ޕެލަސް - ފުލަމް

⬤ 26 ޑިސެމްބަރު (20:00) : އެވަޓަން - ވުލްވްސް

⬤ 26 ޑިސެމްބަރު (22:30) : އެސްޓަން ވިލާ - ލިވަޕޫލް

⬤ 27 ޑިސެމްބަރު (01:00) : އާސެނަލް - ވެސްޓް ހޭމް

⬤ 27 ޑިސެމްބަރު (22:30) : ޗެލްސީ - ބޯންމަތު

⬤ 28 ޑިސެމްބަރު (01:00) : މެންޗެސްޓާ ޔުނައިޓެޑް - ނޮޓިންހަމް ފޮރެސްޓް

⬤ 29 ޑިސެމްބަރު (01:00) : ލީޑްސް ޔުނައިޓެޑް - މެންޗެސްޓާ ސިޓީ