28 ޑިސެމްބަރ 2022 - 09:24

ލަންޑަން (ޑިސެމްބަރު 28) - ޗެލްސީ އަށް ކުޅޭ އިނގިރޭސި ފުލްބެކް ރީސް ޖޭމްސް އަނިޔާގައި ހުރެފައި މުޅިން ރަނގަޅު ވެގެން އަލުން ކުޅުމުގެ ތެރެއަށް އައި ފުރަތަމަ މެޗުގައި ރޭ އޭނާ އަށް އަނިޔާ ވެއްޖެ އެވެ.
ޖޭމްސްގެ ކަކުލަށް އަށް އަނިޔާ ވީ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އިން އަމިއްލަ ދަނޑުގައި 2-0 އިން ބޯންމައުތު ބަލިކުރި މެޗުގެ 52 ވަނަ މިނިޓުގަ އެވެ. އޭނާ އަށް އަނިޔާ ވުމުން ކޯޗު ގްރަހަމް ޕޮޓާ ވަނީ ބަދަލުގައި ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ކުޅެން އަރުވައިފަ އެވެ.
ޗެލްސީ އިން މެޗުގައި ޖެހި ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ރަހީމް ސްޓާލިން ތިރިތިރިން ހުރަސްކޮށްލި ބޯޅައަކުން 16 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ކައި ހަވާޓްޒް އެވެ. އަދި ހަވާޓްޒް ޖައްސާލި ބޯޅައަކުން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި 24 ވަނަ މިނިޓުގައި ދެ ވަނަ ލަނޑު ޖަހައިދިނީ މޭސަން މައުންޓް އެވެ.
ރޭގެ މެޗަކީ 23 އަހަރުގެ ޖޭމްސް، މިދިޔަ އޮކްޓޫބަރު މަހު ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް އަނިޔާ ވެގެން ކުޅުމާ ދުރުގައި ހުރުމަށް ފަހު ވާދަވެރި މެޗެއްގައި ކުޅުނު ފުރަތަމަ މެޗެވެ. އެ އަނިޔާގެ ސަބަބުންް ވޯލްޑް ކަޕްގައި ވާދަކުރި އިނގިރޭސި ސްކޮޑުން ވެސް ޖޭމްސް އަށް ފުރުސަތު ގެއްލުނެވެ.
ޗެލްސީގެ ކޯޗު ޕޮޓާ ބުނީ، އޭނާ ކުޅެން ނެރުނީ މެޗުގެ ފުރިހަމަ ވަގުތު ކުޅުވަން ނޫން ކަމަށާއި، ކުރިން ވެސް އަނިޔާ ވި ކަކުލަށް އަނެއްކާ ވެސް އަނިޔާ ވުމުން އެކަމާ ކަންބޮޑު ވާކަމަށެވެ.
"ޔަގީނުން ވެސް ހަމަ އެއް ދިމާލެއްގެ މައްސަލަ މި އުޅެނީ. އެހެންވެ އަހަރެމެން ވަރަށް ކަންބޮޑުވޭ. ކުރިއަށް އޮތް 24-48 ގަޑިއިރު މަޑުކޮށްލަން ޖެހޭ،" މެޗަށް ފަހު ޕޮޓާ ބުންނެވެ.
"އަހަރެންގެ ޕްލޭނަކީ މިރޭ އޭނާ ލައްވައި 90 މިނިޓު ފުރިހަމަ ކުރުވުމެއް ނޫން. އޭނާ ލައްވައި 60-65 މިނިޓު ކުޅުވަން އަސްލު އޮތީ. މި ދަނޑިވަޅުގައި އޭނާ ހުރީ ވަރަށް ދެރަ ވެފައި. އަހަރެމެންނަށް ކުރެވޭނެ ކަމަކީ ކުރިއަށް ވުރެ މިފަހަރު [އަނިޔާ] ސީރިއަސް ނުވާނެ ކަމަށް އުއްމީދު ކުރުން."
ޕޮޓާ އިތުރަށް ބުނީ ޖޭމްސް ނެތް ތަން ދައްކާނެ ކަމަށާއި އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާ އަކީ ކޮންމެ ޓީމަކަށް ކުޅުނު ކަމުގައި ވިއަސް އެޓީމެއްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއަށް ވާނެ ކަމަށް ވެސް ޕޮޓާ ބުންޏެވެ.
ރޭގެ މޮޅަކީ ޗެލްސީ މިދިޔަ އޮކްޓޫބަރު މަހު ލީގުގައި އެސްޓަން ވިލާ އަތުން މޮޅުވި ފަހުން، ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ވޯލްޑް ކަޕަށް ލީގު މެދުކަނޑާލުމުގެ ކުރިން އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް ޗެލްސީ މޮޅު ވެފައެއް ނުވެ އެވެ.
ވިލާ އަތުން ހޯދި މޮޅަށް ފަހު ކުޅުނު ފުރަތަމަ ދެ މެޗު އެއްވަރު ވިއިރު، ދެން ކުޅުނު ތިން މެޗުން ވެސް ޗެލްސީ ވަނީ ބަލި ވެފަ އެވެ.
ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން ހޯދި 24 ޕޮއިންޓާ އެކު ޗެލްސީ މިވަގުތު އޮތީ ލީގުގެ އަށް ވަނައިގަ އެވެ.