16 ޖެނުއަރީ 2017 - 06:24

އެކްޓަރު މޮހިނީޝް ބެލް އަކީ ފިލްމު އިންޑަސްޓްރީގައި ތިރީހަކަށް އަހަރު މަސައްކަތްކޮށްފައިވާ މީހެކެވެ. އޭނާ އެންމެ ފަހުން ހިންދީ ފިލްމަކުން ފެނިފައި ވަނީ 2014 ގައި ނުކުތް "ޖެއި ހޯ" ގައި ސަލްމާން ޚާނާ އެކުގަ އެވެ.
މޮހިނީޝް ބުނާ ގޮތުގައި ފާއިތުވީ ދެ އަހަރު ވެސް އޭނާ އެއްވެސް ފިލްމަކުން ފެނިފައި ނުވަނީ ފިލްމު ކުޅޭނެ ފުރުސަތު ނުލިބޭތީ އެވެ. މޮހިނީޝް ބުނީ އެއްވެސް ވަރަކަށް ފިލްމީ މަސައްކަތް މަޑުޖައްސާލަން އޭނާ ބޭނުން ނުވިޔަސް އެއްވެސް މީހަކު ފިލްމު ކުޅެން ހުށަނާޅާ ނަމަ އޭނާ ކުރާނެކަމެއް ނެތް ކަމަށެވެ. ކުޅެން ބޭނުންވާ ކަހަލަ ރޯލެއް ނުލިބޭ ކަމަށް މޮހިނީޝް ބުންޏެވެ.
މޮހިނީޝް ވަނީ އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ވަރަށް ރީތި ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި މައިނޭ ޕިޔާރް ކިޔާ، ބާޣީ، ރާޖާ ހިންދުސްތާނީ، ކަހޯނާ ޕިޔާރް ހޭ އަދި ހަމް ސާތު ސާތުހޭ ފަދަ ފިލްމުތައް ހިމެނެ އެވެ.
މޮހިނީޝް، 55، ބުނީ އޭނާއަށް ފިލްމު ނުލިބެނީ އުމުރުން ދުވަސްވުމުން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ކުރިއަށް ވުރެ މިހާރު އުފައްދާ ފިލްމުތައް މަދުވީމާ އެކްޓަރުންނަށް ފިލްމު ލިބޭ ވަރު ވެސް މަދުވެގެން ދަނީ ކަމަށް މޮހިނީޝް ދެކެ އެވެ.
މިހާރު މޮހިނީޝް ގިނައިން ފެންނަނީ ޓީވީ ޝޯތަކުންނެވެ. އެގޮތުން މިހާރު ވެސް އޭނާ ގެންދަނީ އިންޑް ޓީވީގެ ޝޯއެއް ކަމަށްވާ "ހޯޝިޔާރު... ސަހީ ވަގުތު، ސަހީ ގަދަމް" ކިޔާ ޝޯއެއް ހޯސްޓްކުރަމުންނެވެ. ތަންކޮޅެއް ކުރިން ދެއްކި ސިލްސލާއެއް ކަމަށްވާ "ކުޗް ތޯ ލޯގް ކަހޭނގޭ" ގައި މޮހިނީޝް ލީޑް ރޯލު އަދާކޮށް ގިނަ ބަޔަކަށް އެ ރޯލު ވަރަށް ކަމުގޮސްގެން އުޅުނެވެ.
މޮހިނީޝްގެ ފިލްމީ ކެރިއަރު ބިނާކުރުމުގައި އެންމެ އިސް ދައުރެއް ކުޅުނީ ރާޖްޝްރީ ޕްރޮޑަކްޝަން އިން ކަމަށް މޮހިނީޝް ގަބޫލު ކުރެ އެވެ. އެ ޕްރޮޑަކްޝަން ހައުސްއިން އުފެއްދި މައިނޭ ޕިޔާރް ކިޔާ، ހަމް އާޕްކެ ހޭ ކޯން އަދި ހަމް ސާތު ސާތު ހޭ ފަދަ ފިލްމުތަކުން ވަރަށް މުހިއްމު ބައިތަކެއް މޮހިނީޝް އަށް ދީފައި ވެ އެވެ. މޮހިނީޝް ގަބޫލުކުރަނީ ރާޖްޝްރީ އިން އޭނާއަށް އެ ފުރުސަތުތައް ނުދިން ނަމަ އޭނާގެ ފިލްމީ ކެރިއަރުގައި މާ ކުރިން ނިމުމުގެ ސިއްކަ ޖެހުނީހެވެ.