02 ޖެނުއަރީ 2023 - 09:54

ލެންސް (ޖެނުއަރީ 2) - ލިއޮނެލް މެސީ އާއި ނޭމާ ނުލައި ފްރާންސްގެ ޕީއެސްޖީ އާ އަހަރު ކުޅުނު ފުރަތަމަ މެޗުގައި ލެންސް އަތުން 3-1 އިން ބަލިވެއްޖެ އެވެ.
މިއީ ޕީއެސްޖީ މި ސީޒަންގައި ބަލިވި ފުރަތަމަ މެޗެވެ. ލެންސް ވެސް މި ސީޒަން ގައި މިހާތަނަށް ބަލި ވެފައި ވަނީ އެންމެ މެޗަކުންނެވެ. މި ނަތީޖާއާ އެކު ޕީއެސްޖީ އާއި ލެންސް އާ ދެމެދު އޮތް ފަރަގު މިވަނީ ހަތަރު ޕޮއިންޓަށް ކުޑަ ވެފަ އެވެ.
ޕީއެސްޖީ އެއް ވަނައިގައި އޮތީ 17 މެޗުން ހޯދި 44 ޕޮއިންޓާ އެކު އެވެ. ލެންސް ވަނީ ރޭގެ މޮޅާ އެކު 40 ޕޮއިންޓް ހަމަކޮށްފަ އެވެ.
އާޖެންޓީނާ އާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި ލިއޮނެލް މެސީ އަދި ވެސް ހުރީ ޗުއްޓީގަ އެވެ. އަދި ވޯލްޑް ކަޕަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ރަތް ކާޑު ދެއްކުމުން ނޭމާ ހުރީ މި މެޗަށް ސަސްޕެންޑް ވެފަ އެވެ. ނަމަވެސް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ މި މެޗުގައި ވެސް ވަނީ ފުލްކޮށް ކުޅެފަ އެވެ.
މެޗުގެ ފަސް ވަނަ މިނިޓުގައި ލެންސް އަށް ކުޅޭ ޕޮލެންޑްގެ ފޯވާޑް ޒެމީސްލޯ ފްރެންކޯސްކީ ވަނީ އެ ޓީމަށް ލީޑު ހޯދައިދީ ޕީއެސްޖީ ސިއްސުވާލައިފަ އެވެ. ނަމަވެސް ތިން މިނިޓު ތެރޭ ޕީއެސްޖީ އިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެއްވަރު ކުރި ލަނޑު ޖަހައިދިނީ، ލޯނު އުސޫލުން ޕީއެސްޖީ އަށް މި ސީޒަންގައި ކުޅޭ ޒުވާން ފޯވާޑް ހޫގޯ އެކިޓިކޭ އެވެ.
ނަތީޖާ އެއްވަރު ކުރި ނަމަވެސް ލެންސް އިން ފުރަތަމަ ހާފް ނިންމާލީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިގެންނެވެ. މެޗުގެ 27 ވަނަ މިނިޓުގައި ލެންސް އަށް އަލުން ލީޑު ހޯދައިދިނީ ބެލްޖިއަމްގެ ޒުވާން ފޯވާޑް ލޮއިސް އޮޕެންޑާ އެވެ.
ލެންސްގެ ތިން ވަނަ ލަނޑު، ދެ ވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޖެހީ އެޓީމަށް ލޯނު އުސޫލުން ކުޅެމުން އަންނަ ފޯވާޑް އެލެކްސިސް ކްލައުޑް މައުރީސް އެވެ.
ޕީއެސްޖީ އެންމެ ފަހުން މެޗަކުން ބަލި ވެފައި ވަނީ މިދިޔަ ސީޒަންގަ އެވެ. އެއީ ލީގުގައި މިދިޔަ އަހަރު މާޗު މަހުގެ 20 ވަނަ ދުވަހު ރަށުން ބޭރުގައި މޮނާކޯ އަތުންނެވެ.