އޭޝިއަން އިންޑޯ އެތުލެޓިކްސް އަށް އަހުނާ އާއި ރޫޔާ
އޭޝިއަން އިންޑޯ އެތުލެޓިކްސް އަށް އަހުނާ އާއި ރޫޔާ

އަންނަ މަހު ކަޒަކިސްތާނުގައި އޮންނަ 10 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނަށް މަރިޔަމް ރޫޔާ އަލީ އާއި އަހުނާ ނިޒާރު ހަމަޖެހިއްޖެ އެވެ.

ނިމިދިޔަ 2022 ވަނަ އަހަރު މުބާރާތް ކުރިއަށް ގެންދަން ނިންމި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މުބާރާތް މި އަހަރަށް ފަސް ކުރީ އެވެ. ކަޒަކިސްތާނުގެ ނޫރު ސުލްތާން ގައި މުބާރާތް ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ 11 އިން 13 އަށެވެ.

ޗެމްޕިއަންޝިޕް ގައި ވާދަކުރާނެ އެތުލީޓުން ހޮވީ، އެތުލެޓިކްސް އެސޯސިއޭޝަނުން އަންހެން އަދި ފިރިހެން އެތުލީޓުން އެކުގައި ކުރިއަށް ގެންދިޔަ ޓައިމް ޓްރަޔަލް އަށް ފަހު، އެންމެ ރަނގަޅު ޓައިމިން އަށް ބަލައިގެންނެވެ.

އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ޓްރަޔަލް ގައި ކުރި ހޯދީ މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީގެ އަންހެން އެއް ވަނަ އެތުލީޓް ރޫޔާ އާއި މަކިޓާ ޖޫނިއާ ޗެމްޕިއަންޝީޕްގެ އަންހެން އެއް ވަނަ އެތުލީޓަކަށް ހޮވުނު ހދ. ކުޅުދުއްފުށީ އަހުނާ އެވެ.

ރޫޔާ ވަނީ މީގެ ކުރިން ވެސް ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކޮށްފަ އެވެ. އޭނާގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިނގިރޭސި ވިލާތުގެ ބާމިންހަމް ގައި އޮތް ކޮމަންވެލްތު ގޭމްސް އެވެ. އޭގެ ފަހުން އޮކްޓޫބަރު މަހު ކުވޭތުގައި އޮތް އޭޝިއާގެ 18 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި ވެސް ވާދަ ކުރި އެވެ.

އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް ވެގެންދާނީ އަހުނާ ވާދަކުރާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތަށެވެ.

ރޫޔާ އާއި އަހުނާ ވެސް ތަމްރީނުތައް ފުރިހަމަ ކުރަމުން ގެންދަނީ ރާއްޖޭގަ އެވެ. ރޫޔާގެ ފަރިތަކުރުންތައް މާލޭގައި ކުރިއަށް ދާއިރު، އަހުނާގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ކުޅުދުއްފުށީގަ އެވެ.

ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން މަސައްކަތް ކުރަނީ މި އަހަރު މަޑަގަސްކަރައިގައި ބާއްވަން ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދެ ޖިންސުގެ އެތުލީޓުން ވެސް މެޑަލް ހޯދޭ ފެންވަރަށް ތަމްރީނު ކުރަން ޓާގެޓް ކޮށްގެންނެވެ.

އެގޮތުން ރާއްޖޭގެ ރާއްޖޭގެ ސްޕްރިންޓްގެ އެންމެ އުއްމީދީ ދެ އެތުލީޓުން ކަމަށްވާ އައިޝަތު ހިމްނާ ހަސަން އާއި އިބާދުﷲ އާދަމް އަންނަނީ ޖެމެއިކާ ގައި ދެ އަހަރު ދުވަހުގެ ތަމްރީނުތަކެއް ހަދަމުންނެވެ. ހިމްނާ އަށް ތަމްރީން ސްކޮލާޝިޕް ހަމަޖެހުނީ އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލް މެދުވެރިކޮށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ފަރާތުންނެވެ. އިބާދުﷲ އަށް ތަމްރީން ސްކޮލާޝިޕް ހޯދައި ދިނީ ސްޕޯޓްސް މިނިސްޓްރީންނެވެ.

ދެހާސް ސައުވީސް ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކް ގޭމްސް އަށް ތައްޔާރުވުމުގެ އަމާޒުގައި ދެ އެތުލީޓުން ވެސް ޖެމެއިކާ އަށް ފުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.