ޕީޕީއެމްގައި ހިޔާލުތަފާތުވުމެއް ނެތް، 99 ޕަސެންޓް މެމްބަރުން ތިބީ ރައީސް ޔާމީނާ އެކު: އަލީ އާރިފް
ޕީޕީއެމްގައި ހިޔާލުތަފާތުވުމެއް ނެތް، 99 ޕަސެންޓް މެމްބަރުން ތިބީ ރައީސް ޔާމީނާ އެކު: އަލީ އާރިފް

ޕީޕީއެމްގައި މިހާރު ހިޔާލުތަފާތުވުންތަކެއް ނެތް ކަމަށާއި 99 ޕަސެންޓް މެމްބަރުން ތިބީ ރައީސް އަބްދުﷲ ޔާމީނާ އެކު ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ޕީޕީއެމްގެ އޮފީސް، ހ. ހުރަފާގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި އަލީ އާރިފް ވިދާޅުވީ ރައީސް ޔާމީން ގައުމަށް ގެންނަވާ ތަރައްގީ މުޅި ދިވެހިން ބަލައިގަންނަ ކަމަށެވެ. އޭގެތެރޭގައި ޕީޕީއެމްގެ މެމްބަރުން ހިމެނޭއިރު އެ ޕާޓީގެ 99 ޕަސެންޓް މެމްބަރުން މިހާރު ތިބީ ރައީސް ޔާމީނާ އެކުގައި ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދުނަސް ޖުމްލަ ގޮތެއްގައި ޕީޕީއެމްގެ 99 ޕަސެންޓް މެމްބަރުން ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި. ވަރަށް ކުޑަ އަދަދެއް، ހިސާބެއް ހަދާފައެއް ނޫން އެކަމަކު އެންމެ ޕަސެންޓޭޖެއް ކަންނޭނގެ ހިޔާލު ތަފާތީ،" އަލީ އާރިފް ވިދާޅުވި އެވެ.

މިސާލެއް ދައްކަވަމުން ވިދާޅުވީ ޕީޕީއެމް ތެރޭގައި މައްސަލަތައް އުފެދިގެން އުޅުނުއިރު އޭނާގެ އުފަން ރަށް، ހއ. ވަށަފަރުގައި ތިބި ޕީޕީއެމްގެ މެމްބަރުން ޕާޓީއަށް ވާން އުޅޭ ގޮތާ ގުޅޭގޮތުން ސުވާލުކޮށް ހެދި ކަމަށެވެ. އެކަމަކު މިހާރު ޕާޓީ ހިންގާ ގޮތާ ގުޅޭގޮތުން އެއްވެސް މީހެއްގެ ހިތްހަމަނުޖެހުމެއް ނެތް ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަހު 27 ގައި މާލެ އާއި އަތޮޅުތަކުގައި ޕީޕީއެމްގެ ޕްރައިމަރީ އޮންނައިރު އެއްވެސް މައްސަލައެއް ދިމާނުވެ، އަމާންކަމާއެކުު ވޯޓުލުން ކުރިއަށްދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވެސް ވިދާޅުވީ ޕީޕީއެމަށް އާއްމު މެމްބަރުންނާއި ރައްޔިތުން ކުރާ އިތުބާރު ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުން ކަމަށެވެ. ޕާޓީން ރަށްތަކަށް ކުރާ ދަތުރުތަކުން އެކަން ސާފުކޮށް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވީ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ޚިޔާލު ތަފާތުވެ، ޕާޓީ ދެބައި ވުމުންނެވެ. އެ މައްސަލަތައް ކޯޓަށް ހުށަހެޅުމުން، ޕީޕީއެމް ހިންގުން ހަވާލުކުރީ އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ އެވެ. އެމަނިކުފާނުގެ ބެއްލެވުމގެ ދަށުން ޕާޓީ ހިންގަވަން ފައްޓަވައި، ހ. ތެމާގައި ކުރިން ހިންގި ރަސްމީ އޮފީސް ވެސް ވަނީ ބަދަލުކޮށްފަ އެވެ.