11 ޖެނުއަރީ 2023 - 12:49

ރާއްޖެ އަށް އަންނަ ޕްރައިވެޓް ޖެޓްތައް އިތުރުވެ، ފްލައިޓް މޫވްމަންޓްގެ އާ ރެކޯޑެއް އަނެއްކާވެސް ހަދައިފި އެވެ.
އެމްއޭސީއެލުން ބުނީ މިދިޔަ ހޮނިހިރު ދުވަހު އެއާ ޓްރެފިކް މޫވްމަންޓްގެ އަދަދު 856 ގައި ރެކޯޑް ކުރި ކަމަށެވެ. އޭގެ ތެރެއިން 605 އަކީ ސީޕްލޭންގެ މޫވްމަންޓެވެ. އިންޓަނޭޝަނަލް 102 މޫވްމަންޓާއި ޑޮމެސްޓިކް 114 މޫވްމަންޓް އަދި ޖެޓްތަކުގެ 35 މޫވްމަންޓް ހިމެނެ އެވެ.
މީގެ ކުރިން ރަންވޭގެ ފްލައިޓް މޫވްމަންޓްގެ އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ރެކޯޑް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ 826 މޫވްމަންޓް ރެކޯޑް ކުރެވުނެވެ.
ފްލައިޓް މޫވްމަންޓްގެ އާ ރެކޯޑެއް މި ފަހަރު ހެދީ، ރާއްޖެ އަށް އަންނަ ޖެޓްތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ކަމަށް އެމްއޭސީލުން ބުންޏެވެ. މިދިޔަ އަހަރު އެކަނި ވެސް ޖެޓްތަކުގެ މޫވްމަންޓްތައް ވަނީ 2،600 އަށް ވުރެ އިތުރުވެފަ އެވެ. މިދިޔަ މަހު އެކަނި 300 އަށް ވުރެ ގިނަ ޖެޓް މޫވްމަންޓް ރެކޯޑު ކުރި އެވެ.
އާ ރަންވޭއާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓް މޫވްމަންޓްތައް އިތުރުވަމުން އަންނަ އިރު ރާއްޖެ އަށް އިތުރު އެއާލައިންތަކުން ދަތުރުތައް ފެށުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މި މަހު ޗައިނާގެ އެއާލައިންތަކުން ވެސް ރާއްޖެ އަށް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް 1.6 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު ޖުމުލަ ފަސިންޖަރުންގެ އަދަދު ދެ މިލިއަންނަށް އަރަ އެވެ.