ނަބާ އާއި އިމާނީ އަދި އާލް އާއި ނޫހްގެ ޕެއާ ސެމީ ފައިނަލަށް
ނަބާ އާއި އިމާނީ އަދި އާލް އާއި ނޫހްގެ ޕެއާ ސެމީ ފައިނަލަށް

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ، އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ އޭޝިއާގެ ސަރަހައްދީ ކޮލިފައިންގެ މުބާރާތުގެ މެއިންޑްރޯގެ ސެމީ ފައިނަލަށް ރާއްޖޭގެ ނަބާ ނިޝާނާއި އިމާނީ މޫސާ ކަލީމްގެ ޕެއާ އަދި އާދަމް އާލް ނިޔާޒާއި މުހައްމަދު ނޫހް ނާޒިހްގެ ޕެއާ ވެސް ދަތުރުކޮށްފި އެވެ.

މި މުބާރާތް ހާއްސަކޮށްފައި ވަނީ 14 އަހަރާއި 14 އަހަރުން ދަށު އުމުރުފުރައަށެވެ. ޑާކާގައި ކުރިއަށްދާ މުބާރާތުގައި އިރުމަތީ އޭޝިއާގެ ބައެއް ގައުމުތައް ވެސް ރާއްޖެ ހިމެނޭ ޒޯންގައި ހިމަނާފައި ވެއެވެ.

ނާބާ އާއި އިމާނީގެ ޕެއާ އިއްޔެ ވަނީ ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗު 6-4، 6-4 ން ކާމިޔާބުކޮށްފަ އެވެ. ފިރިހެން ޑަބަލްސް ބައިގެ ސެމީ އަށް އާލް އާއި ނޫހްގެ ޕެއާ ދަތުރު ކުރީ އިދިކޮޅުން ކުޅެން އޮތް ކެމްބޯޑިއާގެ ކުޅުންތެރިޔަކަށް މައްސަލައެއް ދިމާވުމުން އެ ގައުމުގެ ޕެއާ އަށް މެޗު ނުކުޅެވުމުންނެވެ.

މެއިން ޑްރޯގެ ސެމީގެ މެޗުތައް މިއަދު އޮންނާނެ އެވެ. އިއްޔެ ސިންގަލްސް ބައިގެ މެޗުތަކުގައި ނަބާ އާއި އާލް ކުޅުނު މެޗުތަކުން މޮޅުވި އެވެ. އެކަމަކު ނޫހް އާއި އިމާނީ ސިންގަލްސް މެޗުތަކުން ބަލިވީ އެވެ.

ބޫޓާންގެ ކުޅުންތެރިޔާ އާ ދެކޮޅަށް ކުޅުނު މެޗު ނަބާ ދެ ސެޓް ވެސް ކާމިޔާބު ކުރީ އިދިކޮޅު ކުޅުންތެރިޔާ އަށް އެއްވެސް ޕޮއިންޓެއް ނުދީ، ސީދާ 4-0، 4-0 ންނެވެ. ކެމްބޯޑިއާ ކުޅުންތެރިޔާ އާ ދެކޮޅަށް ކުޅުނު އާލް ކާމިޔާބު ކުރީ 4-1، 4-1 ންނެވެ. ނޭޕާލް ކުޅުންތެރިޔާ އާ ދެކޮޅަށް ކުޅުނު މެޗުން ނޫހް ބަލިވީ 4-2 އަދި 4-1 ންނެވެ. މޮންގޯލިއާގެ ކުޅުންތެރިޔާ އާ ދެކޮޅަށް ކުޅުނު މެޗު އިމާނީ ބަލިވީ 4-2، 4-1 ންނެވެ.

މެއިންޑްރޯގައި ސިންގަލްސް ދެން ކުޅުނު މެޗުން ނަބާ އާއި އާލް ވެސް ބަލިވީ އެވެ. އެކަމަކު އެލިމިނޭޓްވި ކުޅުންތެރިންގެ މެދުގައި ކުޅޭ މެޗުތަކުން މޮޅުވެގެން ސިންގަލްސް ބައިން ކުރިއަށް ދިއުމުގެ ފުރުސަތު ހަތަރު ކުޅުންތެރިންނަށް ވެސް އެބައޮތެވެ.