14 ޖެނުއަރީ 2023 - 09:35

ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއަށް އާއިލާ ވައްދައި، މަގުމަތިން އަނބިދަރިންނާ ދިމާކުރުން ބަލައެއްނުގަނެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުުގެ ރައީސް ވާދަކުރައްވާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނުގެ ފޯރިގަދަވެ ސޯޝަލްމީޑިއާ އާއި އެހެން ގޮތް ގޮތުން ވެސް ދަނީ ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.
މިކަން މިހެން ހިނގަނިކޮށް، ޗެއާޕާސަން ފައްޔާޒް ވަނީ އޭނާގެ އާއިލާއާ މަގުމަތިން ދިމާކުރުމުން އެކަމުގެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. މަގުމަތިން އަނބިދަރިންނަށް އުނދަގޫ ނުކުރަން ކެމްޕޭން ޓީމަށް ނަޝީދު އިލްތިމާސްކުރެއްވީތީ ފައްޔާޒް ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ފައްޔާޒް ވިދާޅުވީ މީޑިއާ އާއި އެހެން ގޮތްގޮތުން ވެސް އޭނާއާ ދިމާކުރެވިދާނެ ކަމަށެވެ. އެކަމަކު އަނބިދަރިންނާ ބެހުމަކީ ހިޔާލުތަފާތުވުމުގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގުމުގެ އިން ފަހަނާޅައިދިއުމުގެ ގޮތުގައި ސިފަކުރެއްވި އެވެ.
"މީޑިއާގައި ވެސް އެހެން ގޮތަކުން ވެސް އަޅުގަނޑާ ދިމާކުރެވިދާނެ. ސިޔާސީ ހިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ގްރޫޕްތަކަށް ފޮނުއްވި މެސެޖުގައި ނަޝީދު ވަނީ ޒާތީކޮށް ފައްޔާޒް އާއި އޭނާގެ އާއިލާއާ ދިމާނުކުރަން އެދިވަޑައިގެންފަ އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނެ. މިކަމަށްޓަކައި އަޅުގަނޑުގެ ވަރަށް ބޮޑު ރިކުއެސްޓެއް އެބައޮތް. އަޅުގަނޑު އެދެނީ އެއްވެސް ބޭފުޅަކު މިނިސްޓަރު ފަޔާ އާއި ފަޔާގެ ފެމިލީއާ ޒާތީކޮށް ދިމާނުކުރެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.
މި މަހުގެ 28 ގައި އޮންނަ މިހާތަނަށް ބާއްވާ އެމްޑީޕީގެ އެންމެ ވާދަވެރި ޕްރައިމަރީ ކެމްޕޭންގައި އަމަލީ ގޮތުން ފައްޔާޒް ނޫޅުއްވަ އެވެ. އެއީ، ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން މި އިންތިހާބު ރާވައި ހިންގުމަކީ އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކަށް ވާތީ، ވަކި ކެންޑިޑޭޓަކަށް ފާޅުގައި ކެމްޕޭން ނުކުރެއްވޭނެތީ އެވެ.
އިންތިހާބުގެ ކަންކަން ހިންގަނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ނަގާފައިވާ ކޮމިޓީއަކުން، ފައްޔާޒްގެ ބެއްލެވުމުގެ ދަށުންނެވެ.
ކެމްޕޭނުން ފައްޔާޒް ނުފެންނާތީ ވެސް ސުވާލު އުފައްދައި ސޯޝަލްމީޑިއާގެ އެކި އެކައުންޓްތަކުން ފާޑުކިއުން އަމާޒުކޮށްފައިވެ އެވެ.
ޒިންމާގެ ގޮތުން މި އިންތިހާބުގެ ކެމްޕޭންގައި ބައިވެރިވެވަޑައިނުގެންނެވުނު ނަމަވެސް ފައްޔާޒްގެ ތާއީދު މި ޕްރައިމަރީގައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ޗެއާޕާސަންގެ އިންތިހާބުގައި "މިހާރު"އަށް ދެއްވި އިންޓަވިއުގައި ފައްޔާޒް ވިދާޅުވީ އެ މަގާމަށް ކުރިމަތިލެއްވީ އަދި އަމާޒަކަށް ވާނީ ވެސް އެމްޑީޕީގެ ވެރިކަމުގެ ދައުރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ދެމެހެއްޓެވުން ކަމަށެވެ.
ޕްރައިމަރީގައި އޭނާގެ ތާއީދު އޮންނާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ވެސް އޭރު ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ އެތެރޭގެ މި ބޮޑު އިންތިހާބުގައި ހިޔާލުތަފާތުވުންތަކާއި ފާޑުކިއުންތައް ހޫނުވެ، އިންތިހާބަށް ފަހު އެކުގައި އަލުން މަސައްކަތް ނުކުރެވޭ ދަރަޖައަށް އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ފާޑުކިޔަމުންނެވެ. ޗެއާޕާސަން ހޮވުމުގެ އިންތިހާބެކޭ އެއްގޮތަށް ދެ ފެކްޝަނުގެ ހަމަލާތައް އެއް ބަޔަކު އަނެއް ބަޔަކަށް ވަރުގަދަ އެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިއެއް ނޫނެވެ. މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ދެ ރައީސުން ވެސް ގެންދަވަނީ ޔަގީންކަން ދެއްވަމުންނެވެ.