17 ޖެނުއަރީ 2023 - 23:18

ކޮވިޑް-19 ގެ ސަބަބުން ވެރިކަން ކުރަން ލިބިވަޑައިގަތީ ދެ އަހަރެއްހާ ދުވަސް ކަމަށާއި ނަމަވެސް އެހެން ސަރުކާރުތަކަށް 10 އަހަރުން ވެސް ނުގެނެވުނު ތަރައްގީގެ މަޝްރޫއުތައް އެ ދެ އަހަރު ތެރޭފައި ހިންގާފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ހއ. ދިއްދޫގައި ބޭއްވި ރައީސްގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މި ޕްރައިމަރީއަކީ ވަރަށް ގިނަ ގޮތް ގޮތުން ހާއްސަ ޕްރައިމަރީއެއް ކަމަށާއި ނިންމަން ޖެހޭ ނިންމުން ވަރަށް މުހިންމު ކަމަށެވެ.
އެމްޑީޕީގެ މެންބަރުން ކުރިއަށް ދާނީ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށްތޯ ނުވަތަ ތަރައްގީ އާ ދިމާލަށް ކުރިޔަށް ދާނެތޯ އެއީ އޮތް ސުވާލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދަތުރުފަތުރުގެ ނިޒާމާއި މިސްކިތްތަކާއި އިސްލާމިކް ސެންޓަރުގެ މަސައްކަތްތަކާއި ކުޅިވަރުގެ އެތައް ޕްރޮޖެކްޓެއް ހިންގަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ވޭތުވެދިޔަ ފަސް އަހަރު، ކީއްކުރަންތޯ 10 އަހަރު ވެސް ނުކުރެވިފައި ހުރި ވަރުގެ ތަރައްގީގެ މަޝްރޫއުތައް ކޮވިޑުގެ ދައްޗާއެކު މިގެންދަނީ ކުރިޔަށް،" ރައީސް ވިދާޅުވި އެވެ.
"ހަގީގީ މަސައްކަތް ކުރަން ލިބުނީ ދެ އަހަރާއި ބައި ވަރު. އެ ވަރު ވެސް ނުލިބޭ، އެހެން ނަމަވެސް މި ދައްޗާއެކުގައި މި ދާއިރާގައި ވެސް މި ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން."
ރައީސް ވިދާޅުވިގޮތުގައި ދިއްދޫގައި މިހާރު 75 ހައުސިން ޔުނިޓް އިމާރާތް ކުރަމުން އެބަ ގެންދެ އެވެ. އޭގެ ތެރެއަށް އިތުރު 25 ހައުސިން ޔުނިޓު އިތުރު ކުރުމަށް ދިއްދޫގެ މީހުން އެދިފައިވާތީ އެކަން ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ. ދިއްދޫގެ ބިން ހިއްކާއިރު އެ ރަށުގައި އެއާޕޯޓެއް ހެދުމަކީ ވެސް ދެއްކިދާނެ ވާހަކައެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ އެކުލަވައިލުމަށް ރައީސްގެ ޓީމުން ދިއްދު އަށް ދާނެ ކަމަށާއި އިތުރަށް ކުރެވެން ހުރި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކަންކަން ހިމަނާނެ ކަމަށް ވެސް ވިދާޅުވި އެވެ.