18 ޖެނުއަރީ 2023 - 13:06

ޅ. ފެލިވަރުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހެދުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ މިއަދު ހަވާލުކުރަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ، އެ މިނިސްޓްރީ އާއި މިފްކޯ ގުޅިގެން ފެލިވަރުގައި ހަދަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއަކާއި ގއ. ގެމަނަފުށީގައި ހަދާ އައިސްޕްލާންޓްގެ މަސައްކަތުގެ ބީލަން ކާމިޔާބުކުރި ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިރޭ ހދ. ހަނިމާދޫގައި އޮންނާނެ ކަމަށެވެ.
އެ ދެ މަޝްރޫއުގެ ބީލަން ކާމިޔާބުކޮށްފައި ވަނީ ރައިނެކް އިންޑިއާ ލިމިޑެޓުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަނިމާދޫގައި މިރޭ ބާއްވާ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ 23 މިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ ދަށުން ފެލިވަރުގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖަށް ވެސް ވާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، އެ މަސައްކަތް ނިމުމުން ދުވާލަކު 200 ޓަނުގެ މަސް ގަނޑުކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓެޑް ސީ ވޯޓާ ސިސްޓަމެއް ވެސް ފެލިވަރުގައި ހުންނާނެ އެވެ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ވެސް ހުންނާނެ އެވެ.
ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ހަދަނީ މި ސަރުކާރުން ހިއްކާފައި 5.7 ހެކްޓަރުގެ ބިމުގެ ސަރަހައްދެއްގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެ ބިމުގައި އެކްސްޕޯޓް ޖެޓީއަކާއި މަސްކިރާ ޖެޓީއަކާއި އާންމުން ބޭނުންތަކަށް ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ 85 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން ވަނީ ފެލިވަރުގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓަރީއެއް ހަދާނެ ބަޔަކު ހޯދަން ވެސް އިއުލާންކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއް ހަދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.