21 ޖެނުއަރީ 2023 - 07:39

ސޮނީގެ ވޯކްމަން އަކީ 80 އިގެ އަހަރުތަކުގައި ބޮޑު މަގްބޫލުކަމެއް ހޯދި ކެސެޓް ޕްލޭޔަރެކެވެ. އެކި ކަހަލަ އޯޑިއޯ އަޑުއަހަން ބޭނުންކުރާ ވޯކްމަންގެ ފުރަތަމަ މޮޑެލް، "ޓީޕީއެސް-އެލް 2" ފުރަތަމަ މާކެޓަށް ނެރުނީ 1979 ވަނަ އަހަރު އެވެ.

ސޮނީގެ ކޯފައުންޑާ މަސަރު އިބޫކާ ފްލައިޓްގައި ދަތުރުކުރާ އިރު މިއުޒިކް އަޑުއަހަން ހެދި އެ ކެސްޓް ޕްލޭޔަރު މާކެޓު ކުރުމުން އެހާ މަގްބޫލު ވާނެ ކަމަކަށް ސޮނީގެ ގިނަ މީހުން ފުރަތަމަ ގަބޫލެއް ނުކުރެ އެވެ. ނަމަވެސް، ކަންވީ މުޅިން އިދިކޮޅަށެވެ. އެތައް ސަތޭކަ މިލިއަން ޔުނިޓް ވިކި، ވޯކްމަން ވެގެން ދިޔައީ އެޒަމާނުގައި ތަފާތު އަދި ވަރަށް މަގްބޫލް ޑިވައިސްއަކަށެވެ.

ވޯކްމަން ވުޖޫދުވިތާ 44 އަހަރު ފަހުން އަނެއްކާ ވެސް، ސޮނީން މި ވަނީ މުޅިން އާ، ޒަމާނީ ބަދަލުތަކާ އެކު ވޯކްމަންގެ ދެ މޮޑެލް މާކެޓަށް ނެރެފަ އެވެ. އެއީ "އެންޑަބްލިއު-ޒެޑްއެކްސް707" އަދި "އެންޑަބްލިއު-އޭ306" ނަމަކަށް ކިޔާ ހައި-ރިޒޮލިއުޝަންގެ އޯޑިއޯ އަޑުއެހޭ ދެ ޑިވައިސް ކަމަށް ސޮނީން ބުނެ އެވެ.
ފަހުގެ ވޯކްމަންގައި ވައިފައި ބޭނުންކޮށްގެން އޯޑިއޯ ސްޓްރީމްކޮށް އެއަށް ޑައުންލޯޑުކޮށްގެން ވެސް އަޑު އެހޭނެ އެވެ.
އެންޑްރޮއިޑުން ސަޕޯޓުކުރާ އެ ޑިވައިސް އިން އެކިކަހަލަ މިއުޒިކް އަދި ސްޓްރީމިން އެޕްތައް އެޅުވޭނެ ކަމަށާއި އަދި ކޮމްޕިއުޓަރަކާ ކަނެކްޓުކޮށްގެން ވެސް އަޑުއެހޭނެ ކަމަށް ސޮނީން ބުނެފައިވެ އެވެ.
ޕްރޮޑަކްޓްގެ ތައާރަފްގައި އައިއޯއެސް އަށް ސަޕޯޓުކުރާނެ ކަމަށް ބުނެފައެއް ނެތެެވެ.
ފަހުގެ ދެ ވޯކްމަންގައި ސޮނީގެ އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ހިމެެނެ އެވެ. އަދި ޑިޖިޓަލީ އަޑު ރީތިކޮށްދެ އެވެ.
ފަހުން ނެރުނު "އެންޑަބްލިއު-އޭ306" ގެ އަގު 375 ޑޮލަރަށް އުޅޭއިރު، "އެންޑަބްލިއު-ޒެޑްއެކްސް707" ގެ އަގު އުޅެނީ ގާތްގަނޑަކަށް 788 ޑޮލަރަށެވެ. އެ ދެ ޑިވައިސް ވެސް އަދި ލިބެން ހުރީ ޖަޕާނުގައި އެކަންޏެވެ.