19 ޖެނުއަރީ 2023 - 11:59

ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން ހުންނެވީ ގަދަކޮށް ކަމަށާއި އެމަނިކުފާނުގެ މައުސޫމްކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވާނެ ކަމަށް އިދިކޮޅުން ބުނެފި އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ޔާމީންއާ އިދިކޮޅުގެ ލީޑަޝިޕުން އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ. އެމަނިކުފާނުގެ އަރިހަށް ވަޑައިގަތް ބޭފުޅުންގެ ތެރޭގައި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހިމެނިވަޑައިގަންނަވަ އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ ޔާމީން ހުންނެވީ "ފިސާރި ގަދަކޮށް" ކަމަށެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި އެމަނިކުފާނު ކުޑަކަކޫ ނުޖައްސަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
"އަޅުވެތި ކަމަށް ބޯނުލަނބާނެ ކަމަށް. މައުސޫމްކަން ސާބިތުކޮށްދެއްވާނެ ކަމަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން އެދިވަޑައިގަތީ އެމަނިކުފާނުގެ ސަޕޯޓަރުން މާޔޫސްނުވެ ގަދަކޮށް ތިބުމަށެވެ.
ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ކޯޓުން ވަނީ އިއްވައިފަ އެވެ. މިއީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލުމުގެ ހުކުމެއް ކަމަށް ބުނެ ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމާއި ޕީއެންސީން ދަނީ ކޮންމެ ދުވަހަކު ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.
ޕީޕީއެމާއި ޕީއެންސީގެ ސެނެޓުން ވަނީ ޔާމީން މިނިވަންކޮށް، ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ގަރާރެއް ވެސް ފާސްކޮށްފަ އެވެ.