އަންނަ ހަފްތާގައި ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ހުށަހެޅޭނެ: ޖަމީލް
އަންނަ ހަފްތާގައި ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ހުށަހެޅޭނެ: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ހުކުމް އިސްތިއުނާފްކުރުމަށް އަންނަ ހަފްތާގައި ކޯޓަށް ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މި ވަގުތު މާފުށީ ޖަލުގައި ޔާމީން ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ.

އެ ހުކުމާ ގުޅިގެން އޮތް ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ޖަމީލް ވިދާޅުވީ ޔާމީންގެ މައްސަލަ ނިމުމާ އެކު ކޯޓުން އަމަލުކުރި ގޮތަކީ ވެސް މިހާ ހިސާބަށް އައިއިރު ރާއްޖޭގައި ޖިނާއީ މައްސަލައެއްގައި ފެނިފައި ނުވާ ކަންތައްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނު ބުނާ ގޮތުން އެ އިއްވާ ހުކުމް މައްސަލައިގެ ހަސްމުންނަށް ދޭން ޖެހޭ ކަމަށާއި އެކަމަކު އެ ދުވަހު ފެނިގެންދިޔައީ އެމަނިކުފާނުގެ ލޯޔަރުން މުޅި ދުވަހުގެ ކޯޓުގައި ތިބެ، އެ ރިޕޯޓު ހޯދުމަށް ގުޅައި ހެދި މަންޒަރު ކަމަށެވެ. އެއީ ވަގުތުން ދޭން ޖެހޭ ރިޕޯޓެއް ނަމަވެސް ކޯޓުން އެގޮތަށް އަމަލު ނުކުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ޖެހިގެން އައި ދުވަހު އަޅުގަނޑުމެންގެ ދެ ޕާޓީގެ ލީޑާޝިޕުން [ޕީޕީއެމާއި ޕީއެންސީ] ގޮސް އިހުތިޖާޖުކޮށްގެން އެ ދުވަހުގެ މެންދުރާ ހަމައަށް ވެސް ރިޕޯޓެއް ނުލިބުނު. މެންދުރުފަހަނަ އަޅާ ގޮސް ދޭއް ޖަހަނިކޮށް ރިޕޯޓް ލިބުނީ،" ޖަމީލް ވިދާޅުވި އެވެ.

"އެވަރު ބޮޑު މައްސަލައެއްގައި އެއް މަސް ދުރާލާ ކިޔާފައި ގޮސް އެ ބޭފުޅުންނަކަށް އެ ދުވަހު ރިޕޯޓެއް ނުދެވުނު.. އެ ދުވަސް ނިމިގެންދިޔައިރު ވެސް ހަސްމަށް، ހާއްސަކޮށް ބޮޑު ހުކުމެއް ކުރެވިގެން ޖަލަށް ދާން ޖެހުނުއިރު އޭގެ ކޮޕީއެއް ނުލިބުނީ ކީއްވެހޭ. ކޮން ކަމެއްހޭ ހިނގީ. ކިހިނެއް ވެގެން ހެއްޔޭ. ކޯޓުން މިއަކަށް ވެސް ޖަވާބެއް ނުދޭ. ޖޭއެސްސީން ވެސް ޖަވާބެއް ނުދޭ،" ކަންބޮޑުވުން ފާޅުކުރައްވައި، ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވަނީ ރިޕޯޓް ލިބުނުއިރު އެ އޮތް ގޮތާ މެދު ވެސް ނުރުހުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ކޯޓުން އިއްވާ ހުކުމަކަށް ވާނީ ފަނޑިޔާރު ކޯޓުގައި އިއްވާ ހުކުމް ކަމަށާއި އެއަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

"ހުލާސާ ރިޕޯޓް އަޅުގަނޑުމެންނަށް ލިބުނުއިރު މި އެނގުނީ ކުއްލިއަކަށް ޔޫޓިއުބުން ވެސް އެ ލައިވްކުރި ބައި ވެސް ނަގައިފި. ވަރަށް ބުރަ މަސައްކަތުން އަޅުގަނޑުމެން އެ އިއްވި ހުކުމް ލިޔެފިން. އެކަމަކު އޭގައި އެބަހުރި ވަރަށް ބޮޑެތި ފުށުއެރުންތައް. އަޅުގަނޑުމެން އިސްތިއުނާފް މަރުހަލާގައި އެކަންކަން ހާމަކުރާނަން،" އެ މައްސަލައިގެ ފުރިހަމަ ރިޕޯޓް ލިބުމަށް އެތައް ދުވަހެއް ނެގިކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތައް ދުވަހެއް ފަހުން ފުރިހަމަ ރިޕޯޓް ލިބުނުއިރު އެއީ ބޮޑު ރިޕޯޓެއް ކަމަށްވާތީ އެއްކޮށް ނުބަލައި، އިސްތިއުނާފަށް ހުށަހެޅެން ނެތް ކަމަށެވެ. އެހެންވެ، އެކަމަށް ވަގުތު ބޭނުންވާ ކަމަށާއި އެކަމަކު ކުރިއަށް އޮތް ހަފްތާގައި އިސްތިއުނާފަށް ހުށަހެޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަތަށް ވެސް ގިނަ ރިޕޯޓްތަކެއް އަރައިފި. އެކަމަކު މި ރިޕޯޓްގައި އެބަހުރި އެެހެންޏާ އެހެން ރިޕޯޓަކުން ނުފެންނަ ކަހަލަ އާދަޔާ ހިލާފު ކަންތައްތަކެއް. އެކި ތަންތަނުގައި އެކި ކަންތައް އައިސްފައި އޮތުމާއި، އެއް ކަމަކަށް ތަފާތު ހުއްޖައްތަކެއް އައިސްފައި އޮތުމުން އެބަ އިނގޭ މިއީ ވަރަށް ގޯސްކޮށް އޮތް ރިޕޯޓެއްކަން."

އޭނާ ވިދާޅުވީ ކަފާލާތުގެ ދަށުން މީހަކު މިނިވަންކުރާއިރު އެ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތާއި އިސްތިއުނާފުގައި ހުރި ބުރަދަނާއި އެ މީހެއްގެ ގާނޫނީ ނުކުތާތަކުގެ މައްޗަށް ވެސް އާންމުކޮށް ބަލާނެ ކަމަށެވެ. އަދި މި މައްސަލައަކީ ވަރަށް ގޯސްކޮށް އޮތް ހުކުމަކަށްވާތީ ހައި ކޯޓުން "މި ހުކުމް ނަގައި އެއްލާލާނެ" ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

އެެހެންވެ އެ މުއްދަތުގެ ތެރޭގައި ފަނޑިޔާރުންނަށް ޔާމީނަށް ދެވޭނެ އެންމެ ރަނގަޅު ލުޔަކީ އެމަނިކުފާނު ކަފާލާތުގެ ދަށުން ގެއަށް ބަދަލުކުރެއްވުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

ވ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ސާބިތު އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމް އިއްވީ މިދިޔަ މަހުގެ 25 ގަ އެވެ. ޔާމީން، 11 އަހަރަށް ޖަލަށް ލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.