22 ޖެނުއަރީ 2023 - 15:31

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ކަންކަމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް އިތުބާރު އެބައޮތް ކަމަށް، އެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވީ ވޯޓަކީ އެމްޑީޕީގެ މެމްބަރުން ފަރިތަ ކަންކަން ކަމަށެވެ. އަދި އިންސާފުވެރިކަމާ އެކު ގެންދިއުމަށް ވޯޓު ރަނގަޅަށް ބެލެހެއްޓިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް އިތުބާރު އެބައޮތް ޗެއާޕާސަންގެ މައްޗަށް އަދި އިންތިޒާމު ކޮމިޓީއަށް. އެ ބޭފުޅުން މިކަންކަން ރަނގަޅަށް ބަލަހައްޓަދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާބާ ގުޅޭ ކަންކަމުގައި ފައްޔާޒާއި އިންތިޒާމު ކޮމިޓީއަށް އިތުބާރު އޮތް ކަމަށް ނަޝީދު ވިދާޅުވި އިރު، އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ގެންދަވަނީ އެ އިންތިހާބު އޮޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އޭގެ އެއް ހެއްކަކީ ޕާޓީގެ ދަފްތަރުން އެތައް ހާސް ބަޔަކު ވަކިކުރުން ކަމަށް ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި އޭގެ ކުރިން ވެސް ފައްޔާޒަށް ތުހުމަތުކޮށް، ނަޝީދު ވަނީ ވައްކަމުގެ ތުހުމަތު ވެސް އަޅުވައިފަ އެވެ. އަދި ފައްޔާޒަކީ ކޮރަޕްޓް ބޭފުޅެއް ކަމަށް ވެސް ނަޝީދު މީގެ ކުރިން ވެސް ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވެވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ދަފްތަރުން 39،000 މެމްބަރުން ވަކިކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެ ޕާޓީގެ މެމްބަރުން ދަފްތަރުން ވަކިކޮށް، އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށާއި އެއީ ހަދާފައިވާ ވަރަށް ބޮޑު "ވަގެއް" ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވި އެވެ.