22 ޖެނުއަރީ 2023 - 23:38

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންނަކީ އެ މަނިކުފާނުގެ ނޯކަރުން ނޫން ކަމަށާއި އެ މަގާމުތަކުގައި ތިއްބަސް އެ ބޭފުޅުން ބޭނުން ގޮތަކަށް ރިޔާސީ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުން އެކަމަށް އިޝާރާތްކުރައްވައި ރައީސް ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ނަޝީދު ވިދާޅުވީ އެ މަނިކުފާނާ އެކު އަމްރު، ހުވަދޫ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަކީ އޭނާ ސަރުކާރުގެ މަސައްކަތަށް ފަރުވާކުޑަކުރުން ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށާއި އެގޮތަށް ބެލުން ކުށްވެރިކުރާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުން ރައީސް އެކި މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންނަށް ވެސް އެ ބޭފުޅުން ބޭނުންވާ ގޮތަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
"އެއީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނޯކަރީންގެ ގޮތުގައި ނޫނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ބޭނުންވެވަޑައިގަންނަވާ ގޮތަށް ކަންކަންކުރައްވަން ތިއްބަވާ ބޭފުޅުންނެއް ނޫން. ހާއްސަކޮށް އިންތިހާބުގެ ކަންތައްތަކުގައި." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވަޒީފާއާ ގުޅޭ ކަންކަމުގައި ރައީސް އަންގަވާ ގޮތަކަށް ކަންކަން ކުރައްވަން ޖެހުނަސް އިންތިހާބުގެ ކަންކަމުގައި ރައީސަށް އެ މީހުންގެ މައްޗަށް ބަސް ވިދާޅުވުމުގެ ބާރު ނޯންނަކަމަށެވެ.
"އެންމެ މުހިއްމު ކަމަކީ އިންތިހާބެއް އައީމަ އެ މިނިވަންކަން ޕާޓީގެ ހުރިހާ އެންމެނަށް ވެސް ލިބެންޖެހޭ."
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގެ ފޯރި ގަދަވެފައި ވާއިރު ދެ ރައީސުން ވާދަކުރައްވާ އެ އިންތިހާބަކީ އެ ޕާޓީގެ ހަޔާތުގައި މިހާތަނަށް އަންނާނެ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތެވެ. ކެމްޕެއިނުގެ ތެރެއިން ވެސް ދެ ބޭފުޅުން ބަހުގެ ހަމަލާތައް ދަނީ ދެއްވަމުންނެވެ.
ނަޝީދަށް ތާއީދުކޮށް އަލަށް ކެމްޕެއިނާ ގުޅޭ ޓީމުތަކާއި މާލެއަށް ވޯޓުލާ މެމްބަރުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވެސް ނަޝީދު ވަނީ ރައީސަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ ބަޔަކު އެ މަނިކުފާނުގެ ކެމްޕެއިން ހަރަކާތުގައި މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ކަމަށާއި އެ ކަންކަމަކީ ރޫހާ ހިލާފު ކަމެއްގެ ގޮތުގައި ފާހަގަނުކުރެވޭނެ ކަމަށެވެ.
ނަޝީދު ވަނީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް އެމީހުން ބޭނުން މީހަކަށް ތާއީދުކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ވަކާލާތުކުރާ ޑިމޮކްރަޓިކް ރޫހަކީ އެއީ."
އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތަކަށް އިޝާރާތްކުރައްވަމުން ނަޝީދު ވިދާޅުވީ މިހާތަނަށް 72 ރަށަކަށް ދަތުރުކުރެވުނު ނަމަވެސް ކެމްޕެއިނުގެ ކުރިން ހުރިހާ ރަށަކަށް ވެސް ވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ. އެކަމަށް އެހާ ވަގުތު ނެތް ނަމަވެސް ގިނަ އަދަދެއްގެ ރަށްތަކަށް ވަޑައިގަތުމަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި އިންތިހާބާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ނުކުރެވޭނެ ހަމަ އެއްވެސް ސަބަބެއް އެ މަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެމްޑީޕީއަށް އޮތް ތާއީދު އިތުރު އެއްވެސް ޕާޓީއަކަށް ނެތް ކަމަށާއި އެ ޕާޓީން ތައްޔާރުވެފައިވާ މިންވަރަށް އިތުރު އެހެން ޕާޓީއަކުން އެ އިންތިހާބަށް ތައްޔާރުވެފައި ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕާޓީގެ އެއްވެސް ބޭފުޅަކަށް ހީވާންވީ އަޅުގަނޑުމެންނަށް މި އިންތިހާބު ގޮސް ނުނެގެންވީ ސަބަބެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭނގޭ. ޕްރައިމަރީ އެކަންޏެއް ނޫން. ސެޕްޓެމްބަރު 9 ގައި ވެސް." އެމްޑީޕީގެ މެމްބަރުންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އޮތީ އިންތިހާބުގެ ގިޔަރަށް އައިސްފައި. ހުއްޓުވޭނެ ސަބަބެއް ނުފެނޭ."
ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން އަންނައިރު ނަޝީދު ވަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލިޔަ ނުދިނުމަށް އެކަމަށް ފާރަވެރިވެ ތިބެންޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ސެޕްޓެމްބަރު 9 ގައި ރިޔާސީ އިންތިހާބު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. ދެ ރައީސުން ޕްރައިމަރީގައި ވާދަކުރައްވާއިރު ދެ ބޭފުޅުން ވެސް ތިއްބެވީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަމުގަ އެވެ.