23 ޖެނުއަރީ 2023 - 12:43

ބ. ތުޅާދުއަަށް ވަޑައިގަތުމުން ހުރަސްއަޅަން ނުކުތީ އެމްޑީޕީގެ މެމްބަރުންތަކެއް ނޫން ކަމަށާއި އޭނާގެ "ގަޔަށް ބޮލަށް އަރަން" އުޅުނީ އިދިކޮޅު ޕީޕީއެމަށް ތާއީދުކުރާ ބަޔަކު ކަމަށް އެ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނުގެ ފޯރިގަދަވެފައި ވަނިކޮށް ހިސާން ތުޅާދުއަށް ވަޑައިގަތްއިރު، އޭނާ ތާއީދުކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެމްޑީޕީގެ ކުރިމަގު ގުޅިފައި އޮތީ، ސިޔާސީ ގޮތުން ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅާ ނޫން ކަން ހިސާން ހާމަކުރެއްވީ އެ ޕާޓީގެ ޗެއާޕާސަނަކު ހޮވުމުގެ އިންތިހާބުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަޝީދަށް އިއްވި ޓެރަރިޒަމްގެ ޖަލު ހުކުމުން އެމަނިކުފާނު މިނިވަންކުރަން ގާނޫނީ ގިނަ މަސައްކަތްތަކެއް ކުރެއްވި ހިސާން އެ އިންތިހާބުގައި ކެމްޕޭން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް ކެންޑިޑޭޓް، ފައްޔާޒް އިސްމާއިލް އަށެވެ.
ދެ ރައީސުން ސީދާ އެމްޑީޕީގެ މެމްބަރުންގެ ކުރިމައްޗަށް ނުކުންނަވައި ކުރިއަށް ގެންދާ މި ކެމްޕޭންގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯއްދަވަން ހިސާން އިސް ދައުރެއް އަދާކުރައްވަ އެވެ.
ތުޅާދުއަށް ވަޑައިގަތުމުން ބަޔަކު ހުރަސްއެޅި މައްސަލާގައި އެއްޗެއް ވިދާޅުނުވެ ހުންނެވުމަށް ފަހު، މާލޭގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ޝިފާ މުހައްމަދުގެ ތުހުމަތަކާ ގުޅިގެން ހިސާން ވަނީ އޭނާއަށް ހުރަސްއެޅީ ކޮން ބައެއް ކަން ވިދާޅުވެދެއްވައިފަ އެވެ.
ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދުގެ ވާހަކަފުޅަކަށް ރައްދު ދެއްވަން ހިސާން ވިދާޅުވެފައިވާ ވާހަކައަކާ ގުޅުވި ޓުވީޓެއްގައި ޝިފާ ވިދާޅުވީ "ރައްޔިތުން ހޮވާފަ، ރައްޔިތުން ގައިގައި ކޮޅު ފައިން ޖެހީމަ ވާނެ ގޮތް މި އޮތީ ފެންނަން،" ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިއެޓް ނުކުރައްވާ ކަމަށް ނަޝީދު ފާޑުވިދާޅުވުމުން ރައްދުގައި، ހިސާން ވަނީ "މާބޮޑަށް ރިއެކްޓްކުރުމަކީ ގަދަކަމެއް ނޫން" ކަމަށް ވިދާޅުވެ ނަޝީދުގެ ވެރިކަމުގައި ކަން ހިނގައިދިޔަ ގޮތާ ގުޅުވައިފަ އެވެ.
ހިސާން ވިދާޅުވީ ތުޅާދޫން އޭނާގެ ގަޔަށް ބޮލަށް އަރަން އުޅުނީ ޕީޕީއެމްގެ ދިހަ ވަރަކަށް މީހުން ނުކުމެގެން ކަމަށެވެ. އެ މީހުންގެ ހުރަސްއެޅުންތަކުން ސަލާމަތްކުރަން އޭނާގެ ހިމާޔަތުގައި ވަށާލައިގެން ތިބީ އެމްޑީޕީގެ އޭނާގެ ޓީމުގެ މެމްބަރުން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
"އެމްޑީޕީގެ ކުއްޖަކު އެތާކު ނެތް. ޕީޕީއެމް މީހުން ގޮވީ ރައީސް ނަޝީދަށް އަޅުގަނޑު ސަޕޯޓް ނުކުރާ ވާހަކަ. މިއީ އެމްޑީޕީގެ އެންމެން ވެސް ވިސްނާލަން ޖެހޭ ކަމެއް،" ހިސާން ވިދާޅުވި އެވެ.
އެމްޑީޕީގެ ވާދަވެރި އެތެރޭގެ އިންތިހާބެއްގައި، ނަޝީދަށް ތާއީދުނުކުރާތީ ސުވާލު އުފައްދަމުން ޕީޕީއެމްގެ ސަޕޯޓަރުން ނުކުތުމުގެ ކަންބޮޑުވުން ހިސާންގެ ޓުވީޓްގައި ފާޅުކުރައްވާފައި އޮތް އިރު، ފަހަކަށް އައިސް ނަޝީދު ގެންދަވަނީ ޕީޕީއެމާ އެކު އެމަނިކުފާނަށް ސިޔާސީ މަސައްކަތް ކުރެއްވިދާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވެސް ވަނީ ޕީޕީއެމްގެ ވެރިކަމާއި މި ސަރުކާރުގެ ބައެއް ކަންކަން އަޅާކިޔުއްވައި، މި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
ހިސާންއަށް ފުރައްސާރަކޮށް ހުރަސްއަޅައި ހިންގި އަމަލު އޭނާއެކު ކެމްޕޭންގައި އުޅުއްވާ އެމްޑީޕީގެ ބައެއް މެމްބަރުން ކުށްވެރިކުރެއްވި އެވެ. ބަހުގެ ހަމަލާތަކުގެ ތެރެއިން އެ ދަރަޖައަށް ކަންކަން ވައްޓާލުމަކީ އިންތިހާބުގައި ފެނިގެން ނުވާނެ ފަދަ އަމަލެއް ކަމަށް ވިދާޅުވެ ޓުވީޓް ކުރައްވާފައިވެ އެވެ.