ނިއުގެ އެކަޑަމީ ގާއިމުކުރަން ހުޅުވާލުމުން ރަށްރަށުން ބޮޑު ތަރުހީބެއް
ނިއުގެ އެކަޑަމީ ގާއިމުކުރަން ހުޅުވާލުމުން ރަށްރަށުން ބޮޑު ތަރުހީބެއް

ނިއު ރޭޑިއަންޓުގެ އެކަޑަމީތައް ރަށްރަށުގައި ގާއިމުކުރަން ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ސަސްޕެންޝަންގައި ތިން އަހަރު ވޭތުކުރުމަށް ފަހު މިދިޔަ އަހަރު އަދަބުން ސަލާމަތްވެ އަލުން ހަރަކާތްތެރިވާން ފަށައިފައިވާ ކްލަބްގެ އޮފިޝަލް ވިދާޅުވީ އެކަޑަމީ ގާއިމުކުރަން ހުޅުވާލުމުން 70 ވަރަކަށް ރަށަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.

"އޭގެެ ތެރެއިން 49 ވަރަކަށް ރަށެއް ޝޯޓްލިސްޓް ކުރީ،" އޭނާ ވިދާޅުވި އެވެ.

މާޗް މަހު 20 ރަށެއްގައި އެކަޑަމީ ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަޑަމީ އަށް ކުދިން ވެއްދުމަށް ބައެއް ރަށްރަށުން މިހާރު ވެސް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން 11 ރަށަކުން މިހާރު ވެސް އެކަޑަމީ އަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލައިފައިވާކަން އޭނާ ފާހަގަކުރި އެވެ.

"ގާތްގަނޑަކަށް 24 އަށް ރަށުގައި އެކަޑަމީ ފެށިދާނެ. އެކަމަކު އަޅުގަނޑުމެންގެ ކްރައިޓީރިއާއެއް އެބައޮތް. ކޮންމެ ރަށަކުން މަދުވެގެން 50 ކުދިން ލިބޭ ކަމަށްވަންޏާ އަޅުގަނޑުމެން އެކަޑަމީ ހިންގާނީ. މާޗް މަހު 20 ރަށެއްގައި އެކަޑަމީ ފެށޭވަރުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެކަޑަމީ އަށް 100 އާއި 150 ކުދިން ހަމަވާ ރަށްރަށަށް މިސްރުގެ ކޯޗަކު ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކްލަބުން ބުންޏެވެ. އަދި އެ ރަށްރަށުން ވެސް އެކަޑަމީގައި މަސައްކަތް ކުރަން ކޯޗުން ހަމަޖައްސާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކްލަބްގެ އޮފިޝަލް ވިދާޅުވީ އެކަޑަމީ ފަށާ ރަށްރަށުގައި ނިއުގެ ފޭން ކްލަބް ހެދުމުގެ ވިސްނުން ވެސް ގެންގުޅެމުންދާ ކަމަށެވެ. ފޭން ކްލަބްގެ އިސް ދެ މަގާމު ފުރާ މެންބަރުންނަކީ ނިއުގެ މެންބާޝިޕްގައި "ވައިޓް ކެޓަގަރީގެ މެންބަރަކަށް" ވާން ޖެހޭނެ ކަމަށް އެ ކްލަބުން ބުންޏެވެ.

"ވައިޓް" ކެޓަގަރީގެ މެންބަރުންނަކީ ކޮންމެ މަހަކު ކްލަބަށް ޗަންދާ ދައްކާ މެންބަރުންގެ ކެޓަގަރީ އެވެ.

ހއ. އިހަވަންދޫ، ށ. ފުނަދޫ، ރ. އުނގޫފާރު، ރ. މަޑުއްވަރީ، ޅ. ނައިފަރު، ޅ. ކުރެންދޫ، ކ. ދިއްފުށި، ކ. ތުލުސްދޫ، މ. މުލި، މ. މުލަކު، ފ. ފީއަލީ، ފ. މަގޫދޫ، ދ. މީދޫ، ތ. ދިޔަމިގިލި، ތ. ގުރައިދޫ، ލ. އިސްދޫ، ގދ. ވާދޫ، ގދ. ފިޔޯރީ، ގދ. މަޑަވެލި، ގދ. ގައްދޫ، ގަދ. ތިނަދޫ އަދި ސ. މަރަދޫ