ފާޑުކިޔުން ބޮޑުވެ ކްލެޓެންބާގް މިސްރުގެ ރެފްރީޒް ކޮމިޓީން ވަކިވެއްޖެ
ފާޑުކިޔުން ބޮޑުވެ ކްލެޓެންބާގް މިސްރުގެ ރެފްރީޒް ކޮމިޓީން ވަކިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގެ މަޝްހޫރު ރެފްރީ މާކް ކްލެޓެންބާގް މީގެ ފަސް މަސް ދުވަސް ކުރިން ހަވާލުވި މިސްރުގެ ރެފްރީޒް ކޮމިޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމެއްގައި އޭނާގެ އިސްތިއުފާ ގަބޫލުކޮށްފަ އެވެ.

އިސްތިއުފާ ދެއްވި ސަބަބެއް ކްލެޓެންބާގް ހާމައެއް ނުކުރައްވަ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ މި ނިންމުމުގެ ފަހަތުގައި ވަނީ ބައެއް ކްލަބްތަކުގެ އިސްވެރިންގެ ފާޑުކިޔުމާއި ބައެއް ސަޕޯޓަރުންގެ އިންޒާރުތަކެވެ.

މިސްރުގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ޒަމާލިކުގެ ރައީސް މުރްތަދާ މަންސޫނު ވަނީ ކްލަބުގެ އަމިއްލަ ޓީވީ ޗެނަލުގައި ކްލެޓެންބާގަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މަންސޫރު ވަނީ ކްލެޓެންބާގަށް ރިޝްވަތުގެ ތުހުމަތުކުރައްވައި ޒާތީ ގޮތުން ވެސް ދިމާކުރައްވައިފަ އެވެ.

ޕްރިމިއާ ލީގުން 2017 ގައި ވަކިވި ކްލެޓެންބާގަކީ ޔޫރަޕުގައި ފާހަގަކޮށްލެވުނު ރެފްރީ އެކެވެ. އެގޮތުން އޭނާ ވަނީ 2016 ގެ ޔޫރޯގެ ފައިނަލާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ރެފްރީކަންކުރައްވައިފަ އެވެ.

ކްލެޓެންބާގް އޭގެ ފަހުން ވަނީ ސައޫދީ އަރަބިއާގެ ރެފްރީޒްގެ ކޮމިޓީގެ އިސްވެރިޔަކަށް ވެސް މަސައްކަތްކުރައްވައިފަ އެވެ.