28 ޖެނުއަރީ 2023 - 22:26

ރިޔާސީ އިންތިހާބުގައި އެކުގައި ކުރިއަށް ދާން، ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރެއްވި ކުރީގެ ރައީސް މުހަންމަދު ނަޝީދާ ވާހަކަ ދައްކަވާނެ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަށް ފަހު، ދަނޑިކޮށީ ޖަގަހަ އަށް ވަޑައިގެން، "މިހާރު" އާ ވާހަކަ ދައްކަވަމުން ރައީސް އަދި ވިދާޅުވީ "އެންމެންނާ ވެސް ވާހަކަ ދައްކާނަން" ކަމަށެވެ.
މިއަދު ލިބިވަޑައިގަތް ކާމިޔާބާ ދޭތެރޭ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، ހަމައެއާ އެކު ރައީސް ވިދާޅުވީ، ޕްރައިމަރީގައި ޕާޓީ އަށް ގެއްލުންތަކެއް ވެސް ލިބިއްޖެ ކަމަށެވެ.
"ހަގީގަތުގައި ޕްރައިމަރީއަކީ މިއީ ކޮންމެހެން ބާއްވަން ޖެހޭ ކަމެއް ނޫން. ވަރަށް ސާފުކޮށް އެކަން އެނގިއްޖެ،" ރައީސް ވިދާޅުވި އެވެ.
"ވަރަށް ބޮޑު ގެއްލުންތަކެއް، ވަރަށް ބޮޑު ދަތިތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެއްޖެ."
އެމްޑީޕީގެ ޕްރައިމަރީ އަށް ގާތްގަނޑަކަށް މަހެއްހާ ދުވަހު ދެ ބޭފުޅުން މަހެއްހާ ދުވަހު ކުރިއަށް ގެންދިޔަ ކެމްޕޭންގައި އެމްޑީޕީ ދެބައިވެ، ދެ ކެނޑިޑޭޓުން ވެސް ގެންދެވީ ވަރަށް ބޮޑަށް ދެ ބޭފުޅުންނަށް ފާޑުވިދާޅުވަމުންނެވެ. އަދި، އިންތިހާބުގައި ނާކާމިޔާބާ ކުރިމަތިވެ ވަޑައިގަތަސް، ރައީސާ އެކު ކުރިއަށް ދެން ވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ދެން ހުންނަވާނީ ގޭގައި ކަމަށެވެ.