03 ފެބުރުއަރީ 2023 - 06:45

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވްރެޖްކޮށް ދުވާލަކު ދެ ބިލިއަނަށް ވުރެ ގިނަ މީހުން ފޭސްބުކް ބޭނުން ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެއީ ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި މީހުންނެވެ.

އެ ކުންފުނީގެ ހަރަދުތައް ބޮޑުވުމާއި އިޝްތިހާރު ވިއްކުން މަދުވުމާ އެކު ޕްރެޝަރު ބޮޑެވެފައިވާ މި ދަނޑިވަޅުގައި، ހީކުރިވަރަށް ވުރެ ބޮޑު އެ ކުރިއެރުމަކީ ކުންފުންޏާ މެދު އާ އުންމީދެއް ކަމަށް ވަނީ ބެލެވިފަ އެވެ.

ފޭސްބުކްގެ ޕޭރެންޓު ކުންފުނި، "މެޓަ" އިން ބުނި ގޮތުގައި، މިދިޔަ އަހަރު ޑިސެމްބަރު މަހު، އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ ސޯޝަލް މީޑިއާތައް ބޭނުން ކުރާ މީހުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ފަސް ޕަސެންޓު ކުރިއަރާފަ އެވެ.
މި އަހަރަކީ ހަރަދުތަކަށް ބަލާނެ އަހަރެއް ކަމަށް ނިންމައި، ސީއީއޯ މާކް ޒަކަބާގް، "އިޔާ އޮފް އެފިޝެންސީ" އިއުލާނު ކުރި ހިސާބުން، އިންސްޓަގްރާމާއި ވަޓްސްއެޕްގެ ވެސް ޕޭރެންޓު ކުންފުނި، "މެޓަ"ގެ ހިއްސާގެ އަގު 15 ޕަސެންޓު ކުރިއެރި އެވެ.
"މެޓަ" އިން މިދިޔަ އަހަރު ވަނީ ހިންގުމުގެ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި، އޮފީސްތައް މަދުކުރުމާ އެކު 11،000 ވަޒީފާ އުވާލުން ހިމެނެ އެވެ. އެއީ ކުންފުނީގެ 13 ޕަސެންޓު މުވައްޒަފުންނެވެ.
އެ ބަދަލުތަކަށް ގާތްގަނޑަކަށް 4.6 ބިލިއަން އެމެރިކާ ޑޮލަރު އެރި ނަމަވެސް، އަހަރު ނިމުނު އިރު ފައިދާގެ ގޮތުގައި 23.2 ބިލިއަން ޑޮލަރު ލިބުނު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
"ދެހާސްބާވީހަކީ ވަރަށް އުނދަގޫ އަހަރެއް، އެކަމަކު އަހަންނަށް ހީވަނީ އަހަރު ނިންމާލީ ރަނގަޅު ކުރިއެރުމަކާ އެކު ހެން،" ޒަކަބާގް ބުންޏެވެ.
މިދިޔަ އަހަރުގެ ފަހު ތިން މަހު ލިބުނު 32 ބިިލިއަން ޑޮލަރުގެ އާމްދަނީ އަކީ އޭގެ ކުރީ އަހަރަށް ވުރެ ހަތަރު ޕަސެންޓުގެ ދަށްވުމެއް ނަމަވެސް، އެއީ އެނަލިސްޓުން ހީކުރިވަރަށް ވުރެ ބޮޑު އަދަދެކެވެ.
އެ ކުންފުނީގެ ދަށުން ހިންގާ އެޕްތަކުގައި މިހާރު ބޮޑަށް ފޯކަސް ކޮށްފައި ވަނީ، ޒުވާނުންގެ މެދުގައި މަގްބޫލް ޓިކްޓޮކް ފަދަ ވާދަވެރި ކުންފުނިތަކާ ކުރިމަތިލުމަށް، ވީޑިއޯ ރީލްތައް ފުރިހަމަ ކުރަން ކަމަށް ޒަކަބާގް ބުނެފައިވެ އެވެ.